ކުޅިވަރު

އަސަދުﷲގެ 4 ލަނޑާއެކު މާޒިޔާއިން ނިލަންދޫ ކޮޅަށް 7 ލަނޑު!


ތަފާތު ބޮޑުކޮށް ނިލަންދޫ ބަލިކޮށް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ފުރަތަމަ މޮޅު ހޯދައިފިއެވެ.

މުޅި މެޗު ކޮންޓްރޯލްކޮށްގެން ކުޅުނު މާޒިޔާއިން މެޗު ކާމިޔާބުކުރީ 7 ލަނޑު 0 ލަނޑުންނެވެ. މެޗުގައި މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ 4 ލަނޑުޖެހިއެވެ. މާޒިޔާގެ އަނެއް ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ އަހުމަދު އިމާޒްއާއި، ސްޓެވާޓްއެވެ. މާޒިޔާގެ ފަހު ލަނޑަކީ ނިލަންދޫގެ އަހުމަދު ސާޖިދު އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. އިތުރު ގޯލްތައް ޖެހުމަށްވެސް މާޒިޔާއަށް ފުރުސަތު ލިބުނު. ނަމަވެސް ލިބުނު ގިނަ ފުރުސަތުތަކުގެ ބޭނުމެއް ނުކުރެވުނެވެ. މެޗުގައި ލަނޑެއް ޖަހަން ނިލަންދޫއަށް ރަނުގެ ފުރުޞަތެއް ލިބުނެވެ. ލިބުނު ޕެނަލްޓީ ކުރިން މާޒިޔާއަށް ކުޅުނު އިބްރާހީމް ފުރުޤާން ފޮނުވާލުމުން ޒުވާން ކީޕަރު ހުސެން ޝަރީފް ވަނީ މަތަކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފްގައި ނިލަންދޫން ކުޅެފައިވަނީ ވަރަށް ބޮޑަށް ފަހަތަށްޖެހިގެން، ނަމަވެސް މެޗުގެ ދެވަނަ ހާފްގައި ނިލަންދޫއިންވެސް ކުރިއަށްޖެހި މާޒިޔާގެ ޑިފެންސްލައިނަށް ނުރައްކާ ކުރަން މަސައްކަތްކުރިއެވެ.

މެޗަށްފަހު މާޒިޔާގެ ކޯޗު އިސްމާއީލް މަހުފޫޒު (އިންމަ) ބުނީ ނަތީޖާ އަދި މެޗުގައި މާޒިޔާގެ ކުޅުންތެރިންގެ ފަރާތުން ފެނުނު ކުޅުމާއި މެދުވެސް ހިތްހަމަޖެހޭކަމަށެވެ. ގިނަ ލަނޑުތަކެއް ޖެހުމާއި އެކުވެސް ކުޅުންތެރިން މެޗު ފަސޭހަކޮށް ނުނަގާކަން އިންމަ ފާހަގަކުރިއެވެ.

"އަޅުގަނޑުމެން އެއްވެސް ޓީމެއް ފަސޭހަކޮށް ނުނަގާނަން. މިނިވަން ޗެންޕިއަންޝިޕުން އައި ޓީމެއްކަމަށް ވީނަމަވެސް އެޓީމެއްވެސް މާޒިޔާއިން ނަގާނީ ވަރަށް ސީރިއަސްކޮށް. އަޅުގަނޑު ޤަބޫލް ކުރަނީ ޕްރިމިއާރ ލީގުގައި ދެރަ ޓީމެއް ވާދަނުކުރާނެކަމަށް. މިނަތީޖާއާއިއެކު ކުޅުންތެރިންނަށް ވަރަށް ބޮޑު އިތުބާރެއް މިހާރުވަނީ ލިބިގެންގޮސްފަ." މެޗަށްފަހު އިންމަ ބުންޏެވެ.

ނިލަންދޫ ޓީމްގެ މެނޭޖަރ އަބްދުލް ހަލީމް ހަމީދު ބުނީ އަދިވެސް ޓީމް ދަނޑަށް ރަނގަޅަށް ނެހޭނެނީކަމަށާއި، ރޭގެ މެޗަށް އަންނަނިކޮށް، މާލެއަށް ދަތުރުކުރަމުންދިޔަ ލޯންޗަށް ދިމާވި މައްސަލައަކާއި ހުރެ، ކުޅުންތެރިންނަށް މާލެ އާދެވުނީވެސް އިއްޔެގެ ހަވީރުގެ ވަގުތެއްގައިކަމަށެވެ. މިމައްސަލަތަކާއި ހުރެ ކުޅުންތެރިންގެ ފަރާތުން ވަރުބަލިކަން މާބޮޑަށް ފެނުނީކަމަށް ހަލީމް ބުންޏެވެ.

"މެޗުގައި ކުޅުންތެރިންގެ ފަރާތުން ވަރަށް ވަރުބަލިކަން ފެނިގެންދިޔައީ. އެހާގިނައިރު ކަނޑު މަތީގައި އުޅުމުގެ ސަބަބުން ކުޅުންތެރިން އަސްލުގައި އެއްކޮށް މެޗަށް ފިޓެއްނޫން. ރާއްޖެތެރޭގެ ޓީމްތަކަށް އަދިވެސް މިހެން ދިމާވާނެ. ކުރިން ޓީސީއާއި ދެކޮޅަށް ކުޅުނު މެޗަށް ވުރެ މިމެޗްގައި ކުޅުން ރަނގަނޅު." ޓީމްގެ މެނޭޖަރ ބުންޏެވެ.

ލީގުގައި މާޒިޔާ ކުޅުނު ފުރަތަމަ މެޗު އިގާލްސްއާއި ވާދަކޮށްވަނީ އެއްވަރުވެފައެވެ. އަދި ނިލަންދޫ ކުޅުނު ފުރަތަމަ މެޗުގައި އެޓީމް ވަނީ ޓީސީ އަތުން ބަލިވެފައެވެ.