ޚަބަރު

އުރީދޫއިން ރާއްޖެއަށް އެއަރ އެމްބިއުލާންސެއް ހަދިޔާ ކުރަނީ


އުރީދޫ ގްރޫޕުން ދިވެހި ރާއްޖެއަށް ވައިގެ މަގުން ބޭނުންކުރާނެ އެމްބިއުލާންސެއް ހަދިޔާ ކުރާނެކަމަށް އެ ކުންފުނިން ޢިއުލާން ކޮށްފިއެވެ.
އުރީދޫ ގްރޫޕް ގެ ޗެއަަރމަން ޝެއިޚް ޢަބްދުﷲ ބިން މުޙައްމަދު ބިން ސަޢުދު އައް ޘާނީ ގެ ފަރާތުން މިކަން އިޢުލާން ކުރެއްވީ ރާއްޖެއަށް ސީ އެމްބިއުލާންސް ހަދިޔާ ކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގެތެރެއިންނެވެ.

މިކަން އިޢުލާންކުރައްވާ ވާހަކަފުޅު ދައްކަވަމުން އުރީދޫ މޯލްޑިވްސް ގެ ސީ.އީ.އޯ ނަޖީބް ޚާން ވިދާޅުވީ، ދިވެހިންނަށް އެއަރ އެމްބިއުލާންސެއް ހަދިޔާ ކުރަން އެ ކުންފުނީ ގެ ޗެއަރމަން ނިންމެވީ ކުއްލިގޮތަކަށްކަމަށެވެ. އަދި ޝައިޚް ޢަބްދުﷲ ބިން މުޙަންމަދަކީ ދިވެހިންނާއި ވަރަށް އެކުވެރި ބަދަހި ގުޅުމެއް ޤާއިމުކުރުމުގެ ވިސްނުން ފުޅު ގެންގުޅުއްވާ ބޭފުޅެއްކަން ނަޖީބް ޚާން ގެ ވާހަކައިގައި ފާހަގަ ކުރެއްވިއެވެ.

ރާއްޖޭގެ ޞިއްޙީ ދާއިރާއަށް އެހީތެރިވުމަށް އުރީދޫންއިން ކަނޑައަޅާފައިވާ ކަންކަމުގެ މައްޗަށް ދިވެހި މުޖުތަމަޢުގައި ކުރިއަށް ގެންދަން ރާވާފައިވާ ކަންކަމުގެ މައްޗަށް ނަޖީބް ޚާންގެ ވާހަކައިގައި އަލިއަޅުއްވާލެއްވިއެވެ. އެގޮތުން އެކުންފުނިން ރާއްޖެއަށް ހަދިޔާ ކުރުމަށް ހަމަޖެހިފައިވާ އެއަރ އެމްބިއުލާންސް ގެ އިތުރުން، ރާއްޖޭ ގެ ޞިއްޙީ ވުޒާރާއާއި، ޤައުމީ ދިފާޢީ ބާރާއި، ދިވެހި ރެޑް ކްރެސެންޓާ ގުޅިގެން ޞިއްޙީ ހޭލުންތެރި ކަން އިތުރުކުރުމުގެ ޕްރޮގްރާމްތަކެއް ހިންގުމަށް ހަމަޖެހިފައިވާކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ވިޓަމިން ބެހުމާއި، ބަލިތަކުން ރައްކާތެރިވުމަށް ކުރަމުންދާ މަސައްކަތުގައި އެހީތެރިވުމުގެ އިތުރުން، ކުޑަކުދިންނަށް ޚާއްޞަ ތަފާތު އެކި ޕްރޮގުރާމްތައް ހިންގުމަށް އެކުންފުނިން ރާވާފައިވާ ކަމަށް ނަޖީބު ޚާން ވިދާޅުވިއެވެ.

އުރީދޫގެ ފަރާތުން ރާއްޖެއަށް ސީ އެމްބިއުލާންސް ހަދިޔާ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އުރީދޫ ގްރޫޕް ގެ ޗެއަރމަން ޝައިޚް ޢަބްދުﷲ ބިން މުޙައްމަދު ވަނީ ރާއްޖެ އަކީ އެ ކުންފުންޏަށް ވަރަށް މުޙިއްމު ޤައުމެއްކަމަށް ވިދާޅުވެފައެވެ. އަދި އުރީދޫއިން ރާއްޖެއަށް ހަދިޔާކުރި ސީ އެމްބިއުލާންސްތަކަކީ ޤަޠަރު ގައި ގިނަ ޓެސްޓް ތަކެއް ހަދާފައިވާ ފެންވަރު ރަނގަޅު އުޅަނދުތައްކަމަށާއި، ކުރިއަށް އޮތް ތަނުގައި ހަދިޔާ ކުރާ މިފަދަ އުޅަނދުތަކުގެ ވެސް ފެންވަރު ރަނގަޅުވާނެ ކަމުގެ ޔަޤީންކަން އޭނާ ވަނީ ދެއްވާފައެވެ.

އުރީދޫ އިން ދިވެހި ރާއްޖެއަށް ދެ ސީ އެމްބިއުލާންސް ހަދިޔާކޮށްފައި ވާއިރު، އަދި އިތުރު 2 ސީ އެމްބއިލާންސް ކައިރި މުސްތަޤްބަލެއްގައި ގެންނާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. އުރީދޫން ހަދިޔާ ކުރި އެންބިއުލާންސްތަކާއެކު، ރާއްޖޭ ގެ ސީ އެމްބިއުލާންސް ފްލީޓްގެ ޢަދަދު ވަނީ 29 އަށް އަރާފައެވެ.

ސީ އެމްބިއުލާންސަކީ 2015 ވަނަ އަހަރު މިހާރު ގެ ރައީސުލް ޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ގެ އިސްނެންގެވުމާއެކު އިފްތިތާޙް ކުރި ޙިދުމަތެކެވެ. ދިވެހި ރާއްޖެއަކީ ޖަޒީރާ ޤައުމެއް ކަމުގައިވާ އިރު، ނާޒުކު ޙާލަތްތަކުގައި ބަލިމީހުން ގޮވައިގެން ދަތުރުކުރުމުގައި ސީ އެމްބިއުލާންސް މުޙިއްމު ދައުރެއް އަދާ ކުރެއެވެ. އުރީދޫ ގްރޫޕުން ވައިގެ އެމްބިއުލާންސެއް ހަދިޔާކުރުމާއިއެކު، މިހާރު ތަރައްޤީ ކުރަމުންދާ ގިނަ ވައިގެ ބަނދަރުތަކާއި އެކު މިކަމަށް އިތުރު ލުޔެއް ލިބިގެންދާނެއެވެ.