ޚަބަރު

ކެންސަރ ސޮސައިޓީން ރ އަތޮޅުގައި ކެންސަރަށް ސްކްރީން ކުރުމުގެ ޕްރޮގްރާމެއް


ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް އިން ރ އަތޮޅުގައި ކެންސަރަށް ސްކްރީން ކުރުމުގެ ޕްރޮގްރާމެއް ހިންގައިފިއެވެ.
މިމަހުގެ 19 އިން 21 އަށް ކުރިޔަށްގެންދިޔަ މި ޕްރޮގްރާމުގައި ކެންސަރ ސޮސައިޓީގެ ޓީމުން ވަނީ ރ އަތޮޅުގެ މީދޫ، ދުވާފަރު އަދި އުނގޫފާރަށް ދަތުރުކޮށް އަނގައިގެ ކެންސަރާއި އުރަމަތީ ގެ ކެންސަރު ހުރިތޯ ބެލުމަށް ގިނަ ޢަދަދެއްގެ މީހުން ސްކްރީންކޮށްފައެވެ.

އެގޮތުން މި ސްކްރީނިންގް ޕްރޮގުރާމުގެތެރެއިން ދުވާފަރުގައި 87 މީހުން އަނގައިގެ ކެންސަރަށް އަދި އުރަމަތީ ގެ ކެންސަރަށް 70 މީހަކު ވަނީ ސްކްރީން ކޮށްފައިވެއެވެ. ރ.މީދޫގައި 88 މީހުން އަނގައިގެ ކެންސަރަށް ސްކްރީންކޮށްފައިވާ އިރު، އުރަމަތީ ގެ ކެންސަރަށް 51 މީހުން ވަނީ ސްކްރީންކޮށްފައިވާކަމަށް ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްއިން ބުނެއެވެ.

މިއަދަކީ މި ޕްރޮގްރާމުގެ އެންމެ ފަހު ދުވަސްކަމާއި އެކު، ކެންސަރ ސޮސައިޓީ ގެ ފަރާތުން ދަނީ އެ އަތޮޅު އުނގޫފާރުގައި ޙަރަކާތްތެރި ވަމުންނެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި ދުވާފަރާއި މީދޫ ރައްޔިތުން ގެ އިތުރުން، މީދޫ ޞިއްޙީ މަރުކަޒުގެ އެއްބާރުލުން ލިބިފައިވާކަން ކެންސަރ ސޮސައިޓީ އިން ފާގަހަކުރެއެވެ.

އަނގައިގެ ކެންސަރަކީ ދިވެހި ރާއްޖޭގައި އެންމެ ގިނަ ބަޔަކަށް ޖެހޭ ކެންސަރުކަމަށް ކެންސަރ ސޮސައިޓީގެ ތަފާސްހިސާބުތަކުން ދައްކައެވެ. އަދި ފަހަކަށް އައިސް އުރަމަތީ ގެ ކެންސަރު ޖެހޭ މިންވަރުވެސް ރާއްޖޭގައި އިތުރުވަމުން އަންނަކަން އެޖަމްޢިއްޔާއިން ވަނީ ފާހަގަކޮށްފައެވެ. ކެންސަރ ސޮސައިޓީން ބުނީ ކެންސަރުޖެހެނީ އަންހެނުންނަށް އެކަނި ނޫންކަމަށާއި،ފިރިހެނުންނަށް ވެސް އުރަމަތީ ގެ ކެންސަރު ޖެހޭކަމަށެވެ. އެހެންކަމުން، ދެތެރެ ދޭތެރެއިން އަންހެނުންނެކެ އެއްގޮތައް ފިރިހެނުންވެސް ކެންސަރަށް ސްކްރީން ކުރުމަކީ މުޙިއްމުކަމެއްގެގޮތުގައި ކެންސަރ ސޮސައިޓީން ފާހަގަކުރެއެވެ.

މިއަހަރު ގެ ކުރީކޮޅު ކެންސަރ ސޮސައިޓީ އިން ވަނީ މ.ދައްގަރު، ފުވައްމުލައް ސިޓީ، އ.އ ރަސްދޫ، ދ. ކުޑަހުވަދޫ އަދި ށ. ކޮމަންޑުއާއި ފުނަދޫގައިވެސް މި ފަދަ ސްކްރީނިންގ ޕްރޮގްރާމު ތައް ހިންގާފައެވެ. ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްއަކީ ދިވެހި ރާއްޖޭ ގައި ކެންސަރު ބައްޔާއި ބެހޭ ހޭލުންތެރިކަން އިތުރުކޮށް، އެ ބަލި ޖެހިފައިވާ މީހުންނަށާއި، އެ މީހުން ގެ ޢާއިލާތަކަށް އެކި ކަހަލަ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި މަސައްކަތް ކުރާ ހިލޭ ސާބަހަށް މަސައްކަތްކުރާ މަދަނީ ޖަމްޢިއްޔާއެކެވެ.