ޚަބަރު

މިއަހަރު ސުޕީރިއަރ ކޯޓްތަކުން ނިންމި މައްސަލަތައް 21 އިންސައްތަ އިތުރުވެއްޖެ


މިއަހަރުގެ ފުރަތަމަ ކުއާޓާގައި ސުޕީރިއަރ ކޯޓުތަކުން ނިންމި މައްސަލަތަކުގެ ޢަދަދު 21 އިންސައްތަ އިތުރުވެއްޖެއެވެ.

ޝަރުޢީ ދާއިރާއިން ޢާންމުކޮށްފައިވާ މިއަހަރުގެ ފުރަތަމަ 3 މަސްދުވަހުގެ ކޭސް މެނޭޖްމަންޓް ރިޕޯޓްގައިވާ ގޮތުން މިދިޔަ 2017 ވަނަ އަހަރުގެ ފުރަތަމަ 3 މަސްދުވަހު ސުޕީރިއަރ ކޯޓުތަކުން 2041 މައްސަލަ ނިންމާފައިވާއިރު، މިއަހަރުގެ ފުރަތަމަ 3 މަސްދުވަހު އެކޯޓުތަކުން ވަނީ 2265 މައްސަލަ ނިންމާފައެވެ.

މިއަހަރު ސުޕީރިއަރ ކޯޓުތަކުން ނިންމި މައްސަލަތަކުގެ ތެރެއިން އެންމެ ގިނަ މައްސަލަ ނިންމާފައިވަނީ ސިވިލް ކޯޓުންނެވެ. އެކޯޓުން ވަނީ ފުރަތަމަ ކުއާޓަރގައި އެކަނިވެސް 1038 މައްސަލަ ނިންމާފައިވެއެވެ. މިދިޔަ އަހަރާއި އަޅާބަލާއިރު، މިއަހަރުގެ ފުރަތަމަ ކުއާޓަރގައި ސުޕީރިއަރ ކޯޓުތަކުން ނިންމި މައްސަލަތަކުގެ އަދަދު އިތުރުވެފައިވާއިރު، މިމުއްދަތުގެ ތެރޭގައި މެޖިސްޓްރޭޓު ކޯޓުތަކުން ނިންމި މައްސަލަތަކުގެ އަދަދުވެސް ވަނީ 14 އިންސައްތަ އިތުރުވެފައެވެ.

މިގޮތުން މިދިޔަ އަހަރުގެ ފުރަތަމަ 3 މަސްތެރޭގައި މެޖިސްޓްރޭޓް ކޯޓުތަކަށް 2521 މައްސަލަ ނިންމިއިރު، މިއަހަރުގެ ފުރަތަމަ 3 މަސްތެރޭގައި 2583 މައްސަލަ މެޖިސްޓްރޭޓް ކޯޓުތަކުން ވަނީ ނިންމާފައެވެ. މެޖިސްޓްރޭޓް ކޯޓުތަކުގެ ތެރެއިން އެންމެ ގިނަ މައްސަލަތައް ނިންމާފައިވަނީ، އައްޑޫ ސިޓީ ޖުޑީޝަލް ދާއިރާގެ މެޖިސްޓްރޭޓު ކޯޓުތަކުންނާއި ހައްދުންމަތީ ޖުޑީޝަލް ދާއިރާގެ މެޖިސްޓްރޭޓު ކޯޓުތަކުންނެވެ.

މިދިޔައަހަރާ އަޅައި ބަލާއިރު ޝަރުޢީ ކޯޓްތަކަށް ހުށައެޅުނު މައްސަލަތަކުގެ ޢަދަދުވެސް ވަނީ އިތުރުވެފައެވެ. އެގޮތުން ޝަރުޢީ ކޯތްތަކުގެ ތެރެއިން ފުރަތަމަ މަރުހަލާގެ ކޯޓްތަކަށް ހުށައެޅޭ މައްސަލަތަކުގެ ނިސްބަތުން، ނިންމާ މައްސަލަތަކުގެ ނިސްބަތް ނުވަތަ ކޭސް ކްލިއަރެންސް ރޭޓަކީ 82 އިންސައްތައެވެ.