ޚަބަރު

"އެމް.ޓީ.ސީ.ސީ ހިޔާ" ހައުސިންގ ސްކީމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި


"އެމް.ޓީ.ސީ.ސީ ހިޔާ" ހައުސިންގ ސްކީމް ރަސްމީކޮށް އިފްތިތާޙްކޮށް، އެސްކީމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ހޮޓެލް ޖެންގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މިސްކީމް އިފްތިތާޙްކޮށްދެއްވީ އެކުންފުނީގެ ޗެއަރމަން އަޙްމަދު ނިޔާޒް އެވެ.

ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫޢު "ހިޔާ މަޝްރޫޢު"ގެ ދަށުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީން ޢިމާރާތްކުރާ 14 ބުރީގެ ދެ ޓަވަރުގެ ހަތަރުސަތޭކަ ފްލެޓް ހިމެނޭ ހައުސިންގ ސްކީމް ރަސްމީކޮސް އިފްތިތާޙްކޮށް ހައުސިންގ ސްކީމަށް ކުރުމަތިލުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ.

އެމް.ޓީ.ސީސީ ހިޔާ ހައުސިންގ ސްކީމް އިފްތިތާޙްކޮށްދެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން ކުންފުނީގެ ޗެއަރމަން އަޙްމަދު ނިޔާޒް ވިދާޅުވީ، މީގެ ފަސްވަރަކަށް އަހަރުކުރިން އެމް.ޓީ.ސީ.ސީ ހިންގަމުންދިޔައީ ވަރަށްބޮޑު މާލީގޮންޖެހުމަކާއެކުކަމަށާ، ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ޒަޢާމަތުގައި އެކުންފުންނި އަނެއްކާވެސް އަމިއްލަ ފައިމައްޗަށް ތެދުވެ، ގިނަ ޕްރޮޖެކްޓްތަކެއް ތަފާތު އައު މަޝްރޫޢޫތަކެއް ކުރިއަށްގެންދަން ފަށާފައިވާކަމަށެވެ. ރާއްޖޭގެ ކޮންމެދިމާއަކަށް ބަލާލިނަމަވެސް އެކުންފުނީގެ މަޝްރޫޢުތައް ކުރިއަށްގެންދާތަން ފެނަނާނެކަމަށާ، ހަމައެއާއެކު މިއަދު އެމް.ޓީ.ސީ.ސީއަކީ މި ސަރަހައްދުންވެސް ފާހަގަކޮށްލެވޭ ކުންފުންޏެއްކަމަށް ނިޔާޒް ވިދާޅުވިއެވެ.

"މިކުންފުންޏަކީ މިއަދު އެއަރޕޯޓް ތަރައްޤީކޮށް މަސައްކަތްކުރާ ކުންފުންޏެއް، މިއަދު މިކުންފުންޏަކީ ބޮޑެތި ތަންތަން ޑެރެޖްކޮށް ހިއްކަމުންދާ ކުންފުންޏެއް، މިއަދު މިކުންފުންޏަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބޮޑެތި ބަނދަރުތައް ހެދުމާއި، މަގުތައް ހެދުން ފަދަ ބޯޑެތި މަޝްރޫޢުތައް ހިންގާ ކުންފުންޏެއް" އަޙްމަދު ނިޔާޒް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެމް.ޓީ.ސީ.ސީގެ ސީ.އީ.އޯ އިބްރާހިމް ޒިޔަތު ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އެމް.ޓީ.ސީ.ސީއަށް ދެއްވާ ޚާއްސަ ސަމާލުކަމާއެކު، ބާރު ސްޕީޑުގައި ކުރިއަރާ ކުންފުންޏަކަށް މިއަދު އެކުންފުނި ވެފައިވާކަމަށެވެ. މިއާއެކު ކުންފުނި މިއަދު ދެކެމުންދާ ކުރިއެރުމުގެ އެންމެ ބޮޑު ޙިއްސާއެއް އަދާކުރާ މުވައްޒަފުންނަށް ހިޔާ މަޝްރޫޢުގެ ދަށުން ބޯހިޔާވަހިކަން ލިބިގެންދާކަމީ ގިރާކުރެވޭ މުޅީން އައު ހަރުފަތެއްކަމަށްވެސް ޒިޔަތު ވިދާޅުވިއެވެ. ޒިޔަތު ވިދާޅުވީ، ކުރިއަށް އޮތް ދެއަހަރުގެ ތެރޭގައި އެކުންފުނީގެ ހިޔާ ހައުސިންގ މަޝްރޫޢު ނިމޭނެކަމަށާ، މި ސްކީމްގެ ދަށުން ފްލެޓް ދޫކުރަން ކަނޑައަޅަފައިވާ އަގުތަކަކީ މިހާރުގެ ރިއަލްއެސްޓޭޓުގެ ބާޒާރުގެ އަގުތަކާ އަޅާބަލާއިރު، ފަންސާސް އިންސައްތަ ހެޔޮ އަގުތަކެއްކަމަށެވެ.

"ކުންފުނީގެ މުވައްޒަފުންނަށް ވީހާވެސް އަތްފޯރާފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އެމް.ޓީ.ސީ.ސީ ހިޔާގެ ދަށުން ތަރައްޤީކުރާ ދެޓަވަރުގެ 1 ކޮޓަރީގެ ޔުނިޓެއް ހަތް ލައްކައާއި އަށް ލައްކަ ރުފިޔާއާއި ދެމެދު، ދެކޮޓަރީގެ ޔުނިޓެއް 1.2 އަދި 1.3 މިލިޔަން ރުފިޔާއާދެމެދު، އަދި 2 ކޮޓްރިއާ މެއިޑް ރޫމް ހިމެނޭ ޔުނިޓެއް 1.4 އަދި 1.7 މިލިޔަން ރުފިޔާއާ ދެމެދުގެ އަގެއްގައި ލިބިގެންދާނެ" ޒިޔަތު ވިދާޅުވިއެވެ.

ޒިޔަތު ވިދާޅުވީ މުވައްޒަފުންނަށް ލުއިފަސޭހަކޮށް މިކަން ކުރުމަށްޓަކައި 24 މަހަށް ބަހާލައިގެން ޑައުން ޕޭމަންޓް ދެއްކޭނެ އިންތިޒާމް ހަމަޖެހިގެންދާނެކަމަށެވެ. އަދި ކުންފުނީގައި މަސައްކަތްކުރާ ޚާއްސަ އެހީއަށް ބޭނުންވާ މުވައްޒަފުންނަށް މިސްކީމްގެ ދަށުން 10 ޔުނިޓް ރިޒާވްކޮށްފައިވާކަމަށްވެސް ޒިޔަތު ވިދާޅުވިއެވެ.

"އެމް.ޓީ.ސީ.ސީ ހިޔާ" ސްކީމްގައި ހިމެނޭ 14 ބުރީގެ 2 ޓަރވަރުގައި ހިމެނެނީ ޖުމްލަ 400 ފްލެޓެވެ. މީގެ ތެރޭގައި 1 ކޮޓަރީގެ 160 ޔުނިޓާއި، 2 ކޮޓަރީގެ 80 ޔުނިޓާއި، ދެކޮޓަރިއާއި މެއިޑް ރޫމް ހިމެނޭ 160 ހައުސިންގ ޔުނިޓް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކުރިއަށްގެންދާ "އެމް.ޓީ.ސީ.ސީ ހިޔާ" ގެ ޓަވަރުތަކުގެ އަމަލީ މަސައްކަތް މިހާރު ފަށާފައިވާއިރު، މިމަޝްރޫޢު ކުރިއަށް އިތް ދެއަހަރުތެރޭގައި ނިންމާލެވޭނެކަމަށް އެމް.ޓީ.ސީ.ސީން ބުނެއެވެ.