ޓުއަރިޒަމް

ޅ. އަތޮޅުގައި ކްރައުން އެންޑް ޗަންޕާގެ ދެ ރިސޯޓެއް ހުޅުވަނީ


ކްރައުން އެންޑް ޗަންޕާ ރިޒޯޓްސްއިން ޅ. އަތޮޅުގައި ތަރައްޤީކުރާ ދެ ރިސޯޓެއް ޑިސެންބަރު މަހު ހުޅުވުމަށް ތައްޔާރުވަމުންދާކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

މިއަހަރުގެ ޑިސެންބަރުމަހު ފަތުރުވެރިންނަށް ހުޅުވަން ތައްޔާރުވަމުންދާ ދެ ރިސޯޓަކީ ކުޑަދޫ މޯލްޑިވްސް ޕްރައިވެޓް އައިލެންޑް ބައި ހުރަވަޅި އަދި އިންނަހުރާ މޯލްޑިވްސް ރިސޯޓްކަމަށް އެކުންފުނިން މަޢުލޫމާތުދެއެވެ. މިދެރިސޯޓާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ވޭތުވެދިޔަ 40 އަހަރު ޙަރަކާތްތެރިވެފައިވާ ކްރައުން އެންޑް ޗަންޕާއިން ހިންގާ ރިސޯޓުގެ ޢަދަދު ނުވައަކަށް އިތުރުވާނެއެވެ.

ކްރައުން އެންޑް ޗަންޕާއިން ބުނީ މިދެރިސޯޓަކީވެސް ތަފާތު ދެ ބާވަތެއްގެ ފަތުރުވެރިންނަށް ޚާޢްޞަކޮށް ތަރައްޤީކުރާ ރިސޯޓުތަކެކެވެ. މިގޮތުން ފަސްތަރީގެ ކުޑަދޫ ރިޒޯޓަކީ، މަތީ ފަންތީގެ މާރކެޓަށް ޚާއްޞަކޮށް، 15 އޯވަރވޯޓަރ އޯޝަން ރެޒިޑެންސްތަކާއެކު، ހަމަހިމޭން އެކަހެރި މާޙައުލެއްގައި ވަގުތު ހޭދަކުރަން ބޭނުންވާ ޓުއަރިސްޓުންނަށް ޚާއްޞަ ރިސޯޓެއްކަމަށް ކްރައުން އެންޑް ޗަންޕާ ރިސޯޓްސްއިން ބުނެއެވެ. އަދި ތިން ތަރީގެ އިންނަހުރާ ރިސޯޓަކީ މެދުފަންތީގެ މާރކެޓަށް ޚާއްޞަކޮށް، 78 ބީޗް ބަނގަލޯއާއެކު ތަރައްޤީކުރާ ރިސޯޓެކެވެ އަދި އިންނަހުރާއަކީ ފަތުރުވެރިން ބޭނުންވާ ގޮތަކަށް ޚިދުމަތްތައް ބައްޓަންކުރެވޭނެހެން ތަރައްޤީކުރާ ރިޒޯޓެއްކަމަށްވެސް ރިސޯޓެއްކަމަށް ކްރައުން އެންޑް ޗަންޕާ ރިސޯޓްސްއިން މަޢުލޫމާތުދެއެވެ.

ކްރައުން އެންޑް ޗަންޕާ ރިސޯޓްސްއިން ރާއްޖޭގައި މިހާރުވެސް ހިންގަމުންދާ ރިޒޯޓުތަކުގެ ތެރޭގައި ހުރަވަޅި މޯލްޑިވްސް، މިހިރި އައިލެންޑް ރިޒޯޓު، ކޮމަންޑޫ މޯލްޑިވްސް، ވެލިގަނޑު އައިލެންޑް ރިޒޯޓް އެންޑް ސްޕާ، ކުރެއްދޫ ރިޒޯޓު އެންޑް ސްޕާ، ވިލަމެންދޫ އައިލެންޑް ރިޒޯޓު އެންޑް ސްޕާ، މީރު އައިލެންޑް ރިޒޯޓު އެންޑް ސްޕާ އަދި ޗަންޕާ ސެންޓްރަލް ހިމެނެއެވެ.