އެމެރިކާގެ ކެލްފޯނިއާއަށް އައި ބާރުގަދަ ތޫފާން "ފްލޯރެންސް"ގެ ސަބަބުން ގިނަ ބަޔަކު މަރުވެ، މުދަލަށާއި ޢިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިމުބާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕަށް ފޮނުއްވި މެސެޖުގައި ވަނީ އެމެރިކާގެ ޤައުމީ ހިތާމައިގެ މި ދަނޑިވަޅުގައި ދިވެހި ސަރުކާރާއި، ރައްޔިތުންނާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި އެމެރިކާ ގެ ސަރުކާރަށާއި ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ހަމްދަރުދީގެ މެސެޖުގައި، އެމެރިކާއަށް ތޫފާނުގެ ސަބަބުން ދިމާވި ގެއްލުންތަކުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތްތަކުގައި އެޤައުމުގެ ރައްޔިތުން ދައްކަމުން ގެންދާ އެއްބައިވަންތަކަމާއި ހިތްވަރު ފާހަގަކުރައްވައި، އެ މަސައްކަތްތަކުން ކާމިޔާބު ލިބުމަށް އެދިވަޑައިގެންފައިވެއެވެ. އަދި އެ މަސައްކަތުގައި ކާމިޔާބު ލިބުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އެދިވަޑައިގެންފައެވެ. އަދި މި ދަނޑިވަޅުގައި އެމެރިކާގެ ރައްޔިތުންނަށް ކެއްތެރިކަމާއި ސާބިތުކަން ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އެދިވަޑައިގެންފައިވެއެވެ.
މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާވަނީ ހަރިކޭން ފްލޮރެންސްގައި މަރުވި މީހުންގެ ޢައިލާތަކަށް ތަޢުޒިޔާ ރައްދުކޮށް ދެއްވުމަށް ވެސް އެދިވަޑައިގެންފައެވެ.
ތޫފާން ފްލޯރެންސްގެ ސަބަބުން އެމެރިކާއިން މިހާތަނަށް 32 މީހުން މަރުވެފައިވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. މި ތޫފާންގެ ސަބަބުން އެމެރިކާގެ 3 ސްޓޭޓެއްގައި ވަނީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށްފައެވެ.