ޚަބަރު

އިލެކްޝަން ކޮމިޝަންގެ ސަރވާއަށް ކޮންމެ ދުވަހަކު 2 ލައްކަ އަށްވުރެ ގިނަ ހަމަލާ އާދޭ - ޝަރީފް


އިލެކްޝަން ކޮމިޝަންގެ ސަރވާއަށް ކޮންމެ ދުވަހަކު 280،000 (ދެލައްކަ އައްޑިހަ ހާސް) އަށްވުރެ ގިނަ ހަމަލާ އަންނަކަމަށް އެކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

މާދަމާ ބާއްވާ ރިޔާސީ އިންތިހާބާ ބެހޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ، އިލެކްޝަން ކޮމިޝަންގެ ސަރވާތަކަކީ އެއްވެސް ސިޔާސީ ޕާޓީއަކަށް، ވަކި ފަރުދަކަށްވެސް އަދި ސަރުކާރުގެ މުއައްސަސާއަކަށްވެސް ވަދެވޭނެއެއްޗެއްނޫންކަމަށެވެ. އަދި ރިޔާސީ އިންތިޚާބަށް އިލެކްޝަންސް ކޮމިޝަނުން ޤާއިމުކޮށްފައިވާ ސަރވަރއަކީ ވަރަށް ސެކިއުރިޓީ ވަރުގަދަ ސާރވަރއެއްކަމަށާއި، އެކޮމިޝަންގެ ސަރވަރއަށް އަންނަ ސައިބަރ އެޓޭކްތަކުގެ ތެރެއިން ގިނަ އެޓޭކްތައް އަންނަނީ ރާއްޖެއިން ބޭރުގެ ސަރވަރތަކުންކަން ފާހަގަކުރެވިފައިވާކަމަށް ޝަރީފް ވިދާޅުވިއެވެ.

ޤާނޫނުގައި ބަޔާންކޮށްފައިވާ ތާރީޚުތަކުގެ ކުރިން ރިޔާސީ އިންތިޚާބަށް އިލެކްޝަންސް ކޮމިޝަނުން ކުރަންޖެހޭ ހުރިހާ މަސައްކަތެއްވެސް ނިންމާފައިވާކަމަށް އެކޮމިޝަނުން ބުނެއެވެ. އެގޮތުން އިންތިޚާބުގައި ވާދަކުރުމަށް ހުޅުވާލުމާއި، ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓް ޢާންމުކުރުމާއި، ކޮންޕްލެއިންޓްސް ބިއުރޯ ޤާއިމުކުރުމާއި، ވޯޓް ލިސްޓްތައް ކެނޑިޑޭޓުންނާ ޙަވާލުކުރުންފަދަ ކަންކަން އިލެކްޝަންސް ކޮމިޝަނުން ވަނީ ކަނޑައެޅިފައިވާ ވަގުތުގެ ކުރިން ނިންމާފައެވެ.