ވިޔަފާރި

ދުނިޔޭގެ އެންމެ ބޮޑު އެއަރޕޯޓް އަންނައަހަރު ޗައިނާގައި ހުޅުވަނީ


ޗައިނާގެ ވެއިރަށް ބެއިޖިންގައި ތަރައްޤީކުރާ 'ބެއިޖިންގ ޑާޝިންގ އިންޓަރނޭޝަލް އެއަރޕޯޓް' އަންނަ އަހަރުގެ އޮކްޓޯބަރުމަހު ހުޅުވުމަށް މަސައްކަތްކުރަމުންދާ އިރު، މި އެއަރޕޯޓުވެގެންދާނީ ދުނިޔޭގެ އެންމެ ބޮޑު އެއަރޕޯޓަށެވެ.

ބެއިނޖިންގ ޑާޝިންގ އިންޓަރނޭޝަނަލް އެއަރޕޯޓް ހުޅުވާއިރު މި އެއަރޕޯޓްގައި 4 ރަންވޭ ހުންނާނެއެވެ. މި އެއަރޕޯޓުގެ ފުރަތަމަ ފޭސްގެ މަސައްކަތްތައް އެއްކޮށް ނިންމާލެވޭނީ 2025 ވަނަ އަހަރާ ހަމައަށެވެ. ފުރަތަމަ ފޭސްގެ މަސައްކަތް ނިމޭއިރު އަހަރެއްގެ މައްޗަށް 72 މިލިއަން މީހުން މި އެއަރޕޯޓު މެދުވެރިކޮށް ދަތުުރުކުރާނެ ކަމަށްވަނީ ލަފާކޮށްފައެވެ. އަދި އެއަރޕޯޓުގެ މަސައްކަތް އެއްކޮށް ނިމޭއިރު މިއެއަރޕޯޓުގައި 8 ރަންވޭ އޮންނާނެއެވެ.

އެއަރޕޯޓު ތަރައްޤީކުރުމުގެ މަސައްކަތް މިހާރުވެސް ބާރު ދުވެލީގައި ކުރިއަށްދާއިރު، މި ޕްރޮޖެކްޓުގެ އެންމެ ތަފާތު އަދި މުހިންމު އެއް ބަޔަކީ އެއަރޕޯޓު ޓާރމިނަލްގެ މަސައްކަތެވެ. މި މަސައްކަތް ކުރަމުންދަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އާ ރަންވޭގެ މަސައްކަތް ކޮށްފައިވާ ޗައިނާގެ އެންމެ ބޮޑު އެއް ކުންފުނި ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕުންނެވެ.

އެއަރޕޯޓު ޓަރމިނަލްގެ ޑިޒައިން ވަރަށް ފުރިހަމައެވެ. ފަރުމާކުރުމުގެ މަސައްކަތް ކޮށްފައިވަނީ އެދާއިރާގައި ފުއްނާބު އުސް ކުންފުންޏެއް ކަމަށްވާ އިނގިރޭސިވިލާތުގެ ޒަހާ ހަދީދް ކުންފުންޏާއި ފަރަންސޭސިވިލާތުގެ އޭޑީޕީ ކުންފުނި ގުޅިގެންނެވެ. އެއަރޕޯޓްގެ ޓާރމިނަލްގެ ޑިޒައިނަށް ގިނަބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ.

މި އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތާ ގުޅުވައިގެން ބެއިޖިންގެ އެކި ހިސާބުތަކާއި މި އެއަރޕޯޓާއި ގުޅުވާލުމަށްޓަކައި، ސަބްވޭ ލައިންއެއް އިމާރާތް ކުރުމުގެ މަސައްކަތާއި ހައި ސްޕީޑް ރެއިލްވޭ އެއްގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. ބެއިނޖިންގ ޑާޝިންގ އިންޓަރނޭޝަނަލް އެއަރޕޯޓް ވެގެންދާނީ ބެއިޖިންގައި ހުޅުވާ ދެވަނަ އިންޓަރނޭޝަންލް އެއަރޕޯޓަށެވެ. ބެއިޖިންގްގެ ބައިނަލްއަޤްވާމީ ވައިގެ ބަދަރު، ބެއިޖިންގ ކެޕިޓަލް އިންޓަރނޭޝަލް އެއަރޕޯޓު އޮޕަރޭޓްކުރަމުންދަނީ ވަރަށް ބާރުބޮޑުކޮށެވެ.

ޗައިނާގެ ރައްޔިތުންނަކީ ދަތުރުކުރުމަށް ލޯބި ކުރާ ބައެކެވެ. އާބާދީގެ ގޮތުންވެސް ދުނިޔޭގެ އެންމެ ބޮޑު ޤައުމު، ޗައިނާ ވެފައިވަނީ އެހެން ޤައުމުތަކަށްވެސް ފަތުރުވެރިކަމުގެ އެންމެ ބޮޑު މާރކެޓަށެވެ. އެގޮތުން ޗައިނާގެ ވެރިރަށް ބެއިޖިންގައި މި ހުޅުވާ އާ އެއަރޕޯޓާއެކު ބެއިޖިންގްއަށް ކުރާ ދަތުރުތައް އިތުރުކުރުމަށް އެއަރލައިންތަކަށް ފުރުސަތު ފަހިވެގެންދާނެއެވެ.