ޚަބަރު

ހޭންޑް ފުޓް އެންޑް މައުތު ޑިސީސް، ކަންބޮޑުވާވަރަށް ފެތުރެމުން ނުދިޔަނަމަވެސް ސަމާލުވުން މުހިންމު- އެޗްޕީއޭ


ކުޑަކުދިންގެ އަތާއި ފަޔާއި އަނގަޔަށްޖެހޭ ބަލި ނުވަތަ ހޭންޑް ފުޓް އެންޑް މައުތު ޑިސީސް ރާއްޖޭގައި ކަންބޮޑުވާންޖެހޭ މިންވަރަށް ފެތުރެމުން ނުދިޔަނަމަވެސް އެބައްޔަށް ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން އިލްތިމާސްކޮށްފިއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަމުން އެޗްޕީއޭގެ ސީނިއަރ ޕަބްލިކް ހެލްތް ޕްރޮގްރާމް އޮފިސަރ އާމިނަތު އަރޫޝާ ވިދާޅުވީ މިދުވަސްވަރު ރާއްޖޭގައި ކުޑަކުދިންގެ އަތާއި ފަޔާއި އަގަޔަށްޖެހޭ ބަލި ނުވަތަ ހޭންޑް ފުޓް އެންޑް މައުތު ޑިސީސް ފެތުރެމުންދިޔަނަމަވެސް އަދި އެބަލި ކަންބޮޑުވާންޖެހޭ މިންވަރަށް ފެތުރެމުން ނުދާކަމަށެވެ. ނަމަވެސް މި ބަލި ޖެހިދާނެކަމަށް ސަމާލުވުމަކީ މުހިންމުކަމެއްކަން އަރޫޝާ ވަނީ ފާހަގަކުރައްވާފައެވެ.

އަރޫޝާ ވިދާޅުވީ އެހެނިހެން ގައިންގަޔަށް އަރާ ބަލިތައް ފަދައިން މި ބައްޔަކީވެސް ދޭތެރެ ދޭތެރެއިން ރާއްޖެއިން ފެންނަމުންދާ ބައްޔެއްކަމަށެވެ. އެގޮތުން މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ބ. އަތޮޅުގައި މި ބަލީގެ ކޭސްތަކެއް އިތުރުވެގެންދިޔަނަމަވެސް މިހާރު ކޮންޓްރޯލް ކުރެވިފައިވާކަމަށެވެ.

މި ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އަޖީއެމްއެޗްގެ، ކުޑަކުދިންގެ ޑޮކްޓަރ ޑރ. އަޙްމަދު ފައިސަލް ވިދާޅުވީ މިހާތަނަށް 3 ޕްރީސުކޫލެއްގައި ކިޔަވަމުންދާ ކުޑަކުދިންތަކަކަށް މި ބަލި ޖެހެގެން ފަރުވާ ހޯދަމުންދާކަމަށެވެ. ޑރ.ފައިސަލް ވިދާޅުވީ، މި ބައްޔަށް ވަކި ޚާއްޞަ ފަރުވާއެއް ނެތް ނަމަވެސް ބަލިޖެހުމުން ޑޮކްޓަރުންގެ އިރުޝާދާއެކު މި ބަލީގެ އަލާމާތްތަކަށްދޭ ބޭސް ބޭނުންކުރުން ރަނގަޅުވާނެކަމަށެވެ. އަދި މި ބަލި އާއްމު ގޮތެއްގައި ޖެހެނީ އުމުރުން 10 އަހަރުން ދަށުގެ ކުޑަކުދިންނަށް ކަމަށްވެސް ޑރ. ފައިސލް ވިދާޅުވިއެވެ.

ހޭންޑްފުޓް އެންޑް މައުތު ޑިސީސް އަކީ ގައިގޯޅިވެ އުޅުމުގެ ތެރޭގައި ބަލިޖެހިފައިވާ ކުއްޖެއްގެ ކުޅު، އަރިދަފުސް، ބޮޑުކަމުދާ ނަޖިސް އަދި ހަމުގައި ނަގާފޮޅުން ނުކުންނަ ދިޔަފަދަ ތަކެތީގެ ޒަރިއްޔާއިން، އެއްކުއްޖެއްގެ ގައިން އަނެއް ކުއްޖެއްގެ ގަޔަށް ވަރަށް ފަސޭހައިން އަރާ ބައްޔެއް ކަމަށް އެޗް.ޕީ.އޭ އިން ބުނެއެވެ. މި ބަލިޖެހުމުން އެންމެ ފުރަތަމަ ވެސް ފެންނަންފަށާނެ އަލާމާތްތަކަކީ ހުން އައުމާއި ކާހިތްނުވުމާއި ވަރުބަލިވުމާއި އަދި ގައިގައި ރިއްސާ ކަރުތެރެ ފާރުވުން ފަދަ އަލާމާތްތައްކަމަށް ޕަބްލިކް ހެލްތު އޮފިޝަލުން ބުނެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނީ މި ބަލިޖެހިފައިވާ ކުދިން ސްކޫލަށް ނުފޮނުވުމާއި ބަލިޖެހިފައިވާ ކުދިން އެހެން ކުދިންނާއި އެކަހެރިކޮށް ގެންގުޅުމާއި، މީހުން ގިނައިން އެއްވާ ތަންތަނަށް ނުގެންދިއުމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭކަމަށެވެ. އަދި ބަލިޖެހިފައިވާ ކުދިން ގެންގުޅޭ ތަކެތި ސާފުތާހިރުކޮށް ދޮވެގެން ނޫނީ އެހެން ކުދިން ބޭނުންކުރިޔަ ނުދިނުމަށް ސަމާލުކަން ދިނުމަށްވެސް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ.