ޚަބަރު

ޑަބްލިއުޓީއެމްގައި ރާއްޖެއަށް ބޮޑު ތަރުހީބެއް


ފަތުރުވެރިކަން އިޝްތިހާރުކުރުމުގެ ބައިނަލްއަޤްވާމީ އެންމެ ބޮޑު އެއް ހަރަކާތްކަމަށްވާ ޑަބްލިއުޓީއެމް ފެއަރ ކާމިޔާބުކަމާއެކު ނިންމާލާފައިވާއިރު، ރާއްޖޭގެ ސްޓޭންޑަށް ބޮޑު ތަރުހީބެއް ވަނީ ލިބިގެންގޮސްފައެވެ.

ފަތުރުވެރިކަން އިޝްތިހާރުކުރުމުގެ ބައިނަލްއަޤްވާމީ އެންމެ ބޮޑު އެއް ހަރަކާތްކަމަށްވާ ވޯލްޑް ޓްރެވަލް މާރކެޓް ނިންމާލާފައިވާއިރު، މި ފެއަރގެ ތެރެއިން ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރު ކުރުމަށް ރާއްޖެއިން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. މި ފެއަރގައި ރާއްޖޭގެ ސްޓޭންޑަށް ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައިވެއެވެ.

މިފަހަރުގެ ފެއަރއާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާ ވާހަކަ ދައްކަވަމުން އެމްއެމްޕީއާރުސީގެ އެކްޓިން މެނޭޖިންގ ޑިރެކްޓަރ ހާރިސް މުޙައްމަދު ވިދާޅުވީ މި ފެއަރގައި ބައިވެރިވި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތަކުން ރާއްޖެއަށް ތައުރީފްކޮށް ވާހަކަދައްކާފައިވާކަމަށެވެ. އަދި މިފަހަރުގެ ފެއަރގެ ތެރެއިން އެމްއެމްޕީއާރުސީއިންވެސް މުހިންމު ބައްދަލުވުންތަކެއް ކުރިއަށްގެންދިޔަކަން ހާރިސް ފާހަގަކުރިއެވެ.

"ވަރަށް ގިނަ މީޓިންތަކެއް އަޅުގަނޑުމެނަށް ބޭއްވުނު، އެއަރލައިންތަކާ، ޓްރެވަލް އެޖެންޓުންނާ، ޓުއަރިއޮޕަރޭޓަރުންނާ އެކު ބައްދަލްވުންތައް ބޭއްވުނު، ބޮޑެތި މީޑިއާތަކާއެކު ބައްދަލްވުންތައް ބޭއްވުނު. ޑެސްޓިނޭޝަން ޕްރޮމޯޓުކުރުމަށްޓަކާ، މޯލްޑިވްސް މި ބްރޭންޑް ޔޫކެއާ، ޔޫރަޕް އަދި ދުނިޔޭގައި ޕްރޮމޯޓުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނު. އެގޮތުން މިދެކެވުނު ފަރާތްތަކާއެކު ބޭއްވި ބައްދަލްވުންތަކުގެ ސަބަބުން ދާއިރާގެ މުސްތަޤްބަލަށް ވަރަށް އުންމީދީ ކަންތައްތަކެއް ޑަބްލިއުޓީޢެމް ތެރެއިން ކުރެވުނު." ހާރިސް ވިދާޅުވިއެވެ.

މިފަހަރުގެ ފެއަރގައި އެމްއެމްޕީއާރުސީން ވަނީ ކޮންމެ ދުވަހަކު ވިއްސަށްވުރެ ގިނަ ބައްދަލުވުން ބާއްވާފައެވެ. ރާއްޖޭގެ ފަރާތުން ބައިވެރިވި ގިނަ ކުންފުނިތަކުން ވަނީ މިއަހަރުގެ ފެއަރއަކީ ވަރަށް ކާމިޔާބު ފެއަރއެއްކަން ފާހަގަކޮށްފައެވެ. މިގޮތުން ފެއަރގެ ސަބަބުން ބައިނަލްއަޤްވާމީ ފަތުރުވެރިކަމާ ގުޅުން ހުރި ކުންފުނިތަކާ ބައްދަލުކޮށް، ގިނަ މަޝްވަރާތައްކޮށްފައިވާކަމަށް މިފަރާތްތަކުން ފާހަގަކުރިއެވެ.

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ކޮންމެ އަހަރަކުވެސް ބައިނަލްއަޤްވާމީ ގިނަ ޢަދަދެއްގެ ފެއަރ ތަކުގައި ރާއްޖެއިން ބައިވެރިވެއެވެ.