ޚަބަރު

ގއ. ވިލިނގިލީ މަސްމާރުކޭޓުގެ ކުލި ހަމައަށް ލިބިފައެއް ނުވޭ- އޮޑިޓް ރިޕޯޓް


ގއ. ވިލިނގިލީ މަސްމާރުކޭޓު ހުރި ބިމުގެ ކުލީގެ ގޮތުގައި ލިބެންޖެހޭ ފައިސާ ވިލިނގިލި ކައުންސިލަށް ހަމައަށް ލިބިފައިނުވާކަން ހާމަވެއްޖެއެވެ.

އޮޑިޓް އޮފީހުން އާންމުކޮށްފައިވާ، ގއ. ވިލިނގިލި ކައުންސިލު އިދާރާގެ މިދިޔަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި އެރަށު މަސްމާރުކޭޓުގެ ކުލީގެ ގޮތުގައި ހަތަރު ލައްކައަށްވުރެ ގިނަ ރުފިޔާ ލިބެންޖެހެއެވެ. ނަމަވެސް ކައުންސިލަށް ލިބިފައިވަނީ ދެލައްކަ ފަސްދޮޅަސް ހާސް ރުފިޔާކަމަށާއި އެއް ލައްކަ ހަތްދިހަ ހާހަށްވުރެ ގިނަ ރުފިޔާ ކައުންސިލަށް ލިބިފައިނުވާކަމަށް އޮޑިޓް ރިޕޯޓްގައިވެއެވެ.

އޮޑިޓަރ ޖެނެރަލް ފާހަގަކުރައްވާފައިވާ ގޮތުގައި ވިލިނގިލި ކައުންސިލުން މަސްމާރުކޭޓު ހިމެނޭ ބިމުގެ ކުލި ނަގަމުން ދިޔައީވެސް އެއްބަސްވުމާ ޚިލާފަށެވެ. އެގޮތުން ކުލީގެ ގޮތުގައި 7000 ރުފިޔާ ނަގަންޖެހޭއިރު، ކުލީގެ ގޮތުގައި ނަގާފައިވަނީ 3000 ރުފިޔާކަމަށް އޮޑިޓް ރިޕޯޓުގައިވެއެވެ. އެހެންކަމުން ކުލީގެ ގޮތުގައި ލިބެންޖެހޭ އެއް ލައްކަ ހަތްދިހަ ހާހަށްވުރެ ގިނަ ރުފިޔާ ޝަރީއަތް މެދުވެރިކޮށްގެން ހޯދުމަށްވެސް އޮޑިޓް ރިޕޯޓްގައި ބުނެފައިވެއެވެ.

މިކަންކަމުގެ އިތުރުން 2017 ވަނަ އަހަރު އެކައުންސިލުގެ ބަޖެޓުގެ ގޮތުގައި ލިބުނު ފައިސާއިން، ޚަރަދު ނުކުރެވި ބާކީ ހުރި ފައިސާ އަނބުރާ ފިނޭންސް މިނިސްޓްރީއަށް ފޮނުވާފައިނުވާކަންވެސް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.