ޚަބަރު

ހެލިކޮޕްޓަރުތައް އޮޕަރޭޓްކުރަނީ އެމްއެންޑީއެފްގެ ފުރިހަމަ ބެލުމުގެ ދަށުން


އިންޑިއާއިން ރާއްޖޭގައި ބޭނުންކުރަމުން އަންނަ ދެ ހެލިކޮޕްޓަރުވެސް އޮޕަރޭޓްކުރަމުންދަނީ އެމްއެންޑީއެފުން އަންގާ އެންގުންތަކާ އެއްގޮތަށް އެފަރާތުގެ ބެލުމުގެ ދަށުން ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

ރާއްޖޭގައި އިންޑިއާގެ ދެ ހެލިކޮޕްޓަރު އޮންނައިރު، އެތަކެތި ބެލެހެއްޓުމަށް އިންޑިއާ ސިފައިން ތިބޭތީ ބައެއް ފަރާތްތަކުން ދަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން އިންޑިއާގެ ހެލިކޮޕްޓަރުތައް ރާއްޖޭގެ ސަރަހައްދުގައި އުދުހޭއިރު، ރާއްޖޭގެ ސަރަޙައްދުތައް ބަލައި އެތަންތަން އިންޑިއާގެ ބޭނުމަށް ފޮޓޯ ނަގައި ހަދަމުންދާކަމަށްވެސް ބައެއް ފަރާތްތަކުން ދަނީ ވާހަކަ ދައްކަމުންނެވެ. ނަމަވެސް ކޯސްޓްގާޑުންވަނީ މި ވާހަކަތަކަށް ރައްދު ދެއްވާ އެކަން އެގޮތަށް ހިނގަމުން ނުދާ ކަމަށް ބުނެފައެވެ.

ކޯސްޓްގާޑް ބިލްޑިންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިކަމާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ކޮމާންޑާރ ކޯސްޓްގާޑް ބްރިގޭޑިއާ ޖެނެރަލް ޢަލީ ޒުހައިރު ވިދާޅުވީ، ރާއްޖޭގެ ސިޔާދަތަށް ގެއްލުންވާފަދަ މަޢުލޫމާތު އިންޑިއާއިން މި ހެލިކޮޕްޓަރުތައް ބޭނުންކޮށްގެން އެއްކުރުމުގެ އެއްވެސް ފުރުޞަތެއް އެފަރާތަށް ނުލިބޭނެ ކަމަށެވެ.

ޒުހައިރު ވިދާޅުވީ ހެލިކޮޕްޓަރުތައް ބެލެހެއްޓުމަށް ހަރަކާތްތެރިވާ އިންޑިއާ ސިފައިން ރާއްޖޭގައި ތިބެނީ އެމްއެންޑީއެފްގެ ބެލުމުގެ ދަށުގައި ކަމަށާއި އެފަރާތްތަކުން ހިންގާ ހުރިހާ އެކްސަސައިޒެއް ހިންގާނީ އެމްއެންޑީއެފްގެ ފުރިހަމަ ކޮމާންޑުގެ ދަށުން ކަމަށެވެ.

"އަޅުގަނޑުމެންނަކީ މި ޤައުމު ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ހުވާކޮށްގެންތިބި މީހުން. މި ޤައުމު ސަލާމަތާ ރައްކާތެރިކަން ބަލަހައްޓާނީ އަޅުގަނޑުމެން. އަޅުގަނޑުމެން މިދަނީ 24 ގަޑިއިރު ބަލަހައްޓަމުން. ޤާނޫނާ ޚިލާފަށް އެއްވެސް ކަމެއް ކުރަމުންދާނަމަ އަޅުގަނޑުމެން އެކަމެއް ހުއްޓުވާނަން." ބްރިގޭޑިއާ ޖެނެރަލް އަލީ ޒުހައިރު ވިދާޅުވިއެވެ.

ރާއްޖޭގައި އިންޑީއާގެ ދެ ހެލިކޮޕްޓަރު އޮންނައިރު، އެތަކެތި ބެލެހެއްޓުމަށް އިންޑިއާ ސިފައިން ތިބޭ މައްސަލައިގައި ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރާއިރު، އެފަރާތްތަކުން ބުނަމުންދަނީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބެނީ ސްޕައި ކުރަން ކަމަށެވެ. ނަމަވެސް ޒުހައިރު ވިދާޅުވީ އެގޮތަށް ސާބިތު ނުހިފޭ ވާހަކަ ދައްކަނީ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަމާއި ކަންބޮޑުވުން އުފެއްދުމަށް ކަމަށެވެ.

ޒުހައިރު ވަނީ ކުރީ ސަރުކާރުން އޮޕަރޭޓްކުރުން ހުއްޓާލާފައިވާ ހެލިކޮޕްޓަރުގެ އޮޕަރޭޝަންސްތައް އަލުން ފެށުމަށް މަސައްކަތް ކުރަމުން އަންނަކަން ފާހަގަކުރައްވާ ވަރަށް އަވަހަށް އެ މަސައްކަތް ފެށިގެންދާނެކަމަށްވެސް ވިދާޅުވެފައެވެ.