މިދިޔަ އަހަރު ނިމުނުއިރު މީރާ މެދުވެރިކޮށް ޓެކްސްގެ ގޮތުގައި ދައުލަތަށް 12.6 ބިލިއަން ރުފިޔާ ލިބިއްޖެއެވެ.
ދައުލަތުގެ ޓެކްސް އިދާރާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ޓެކްސްގެ ގޮތުގައި ހުސްވި އަހަރު ދައުލަތަށް ލިބުނު ޓެކްސް އާމްދަނީގެ އަދަދަކީ 2017ވަނަ އަހަރު ލިބުނު އާމްދަނީގެ އަދަދަށްވުރެ 6.58 އިންސައްތަ އިތުރު އަދަދެކެވެ.
މީރާގެ ތަފާސްހިސާބުތައް ދައްކާގޮތުން ހުސްވި އަހަރު ދައުލަތަށް ޓެކްސްގެ ގޮތުގައި އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ މުދަލާއި ޙިދުމަތުގެ އަގުން ނަގާ ޓެކްސް، ޖީއެސްޓީންނެވެ. އެއީ 7.68 ބިލިއަން ރުފިޔާއެވެ.
ޑިސެމްބަރުމަހު ދައުލަތައް ލިބުނު އާމްދަނީގެ ތަފާސްހިސާބަށް ބަލާއިރު، އެމަހުގެ ތެރޭގައި 1.4 ބިލިއަން ރުފިޔާ ވަނީ ބަލައިގެންފައެވެ. މި އަދަދަކީ ޑިސެމްބަރުމަހު ލިބޭނެ ކަމަށް ލަފާކުރި އަދަދަށްވުރެ އެކެއް އިންސައްތަ ދަށް އަދަދެކެވެ. ނަމަވެސް މިއީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހު ލިބުނު އާމްދަނީއަށްވުރެ 4.5 އިންސައްތަ އިތުރު ޢަދަދެކެވެ.
މީރާގެ ތަފާސްހިސާބަށް ބަލާއިރު، ހުސްވި ޑިސެމްބަރުމަހު ދައުލަތައް ލިބުނު އާމްދަނީ އިތުރުވެފައިވަނީ، ލޭންޑް އިކުއިޒިޝަން އަދި ކޮންވަރޝަން ފީ އާއި ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމުންނެވެ. ލަފާކުރި އަދަދަށްވުރެ ލިބުނު އާމްދަނީ ދަށްވެފައިވަނީ ފަތުރުވެރިކަމަށް ދޫކޮށްފައިވާ ބިންތަކުން ލިބެން ޖެހޭ ޓެކްސްފައިސާ ފުރިހަމައަށް ލިބިފައި ނުވުމުންނެވެ.
ޑިސެމްބަރުމަހުގެ މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ޙިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ ޖުމްލަ އާމްދަނީގެ %43.9 ނުވަތަ 630.2 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު ޢާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓުންނެވެ. އެއީ އާމްދަނީގެ %24.5 ނުވަތަ 352 މިލިއަން ރުފިޔާއެވެ.
މީގެ އިތުރުން، ލޭންޑް އިކުއިޒިޝަން އެންޑް ކޮންވަރޝަން ފީގެ ގޮތުގައި 27.1 މިލިއަން ރުފިޔާ ، ގްރީން ޓެކްސްގެ ގޮތުގައި 66.65 މިލިއަން ރުފިޔާ ، އެއަރޕޯޓު ސަރވިސް ޗާޖުގެ ގޮތުގައި 58.23 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.
ޑިސެމްބަރުމަހު މީރާއަށް ބޭރުފައިސާގެ ގޮތުގައި ލިބުނު އާމްދަނީ އުޅެނީ، 65 މިލިއަން އެމެރިކާ ޑޮލަރުގައެވެ.