ޚަބަރު

ތިނަދޫގައި ވައްކަން އިތުރުވާތީ ފުލުހުން ޕެޓްރޯލްކުރުން އިތުރުކޮށްފި


ގދ. ތިނަދޫގައި ވައްކަންކުރުން އިތުރުވެފައިވާތީ އާންމުން އެކަމާމެދު ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އަޕަރ ސައުތް ޕޮލިސް ޑިވިޝަންގެ ކޮމާންޑަރު، ޗީޕް އިންސްޕެކްޓަރ އޮފް ޕޮލިސް ނާހިދު ޙުސެއިން ވިދާޅުވީ، މިއަހަރުގެ މިހާތަނަށް ހުށަހަޅާފައިވާ ވައްކަމުގެ މައްސަލަތަކުގައި ގިނައިން ވަގަށް ނަގާފައިވަނީ އިލެކްޓްރޯނިކް ސާމާނު ކަމަށެވެ. އެގޮތުން މިމަހުގެ ފުރަތަމަ 10 ދުވަސްތެރޭގައި ވައްކަމުގެ 8 މައްސަލައެއް ހުށަހަޅާފައިވާ ކަމަށާއި، މިއީ މީގެ ކުރީގެ ތަފާސްހިސާބުތަކަށް ބަލާއިރު ބޮޑު އިތުރުވުމެއްކަމަން އޭނާ ފާހަގަކުރެއްވިއެވެ.

"މިދިޔަ އަހަރު އެވްރެޖްކޮށް މަހެއްގެ މައްޗަށް ހުށަހެޅިފަ މި އިންނަނީ ފަަސް މައްސަލަ. އެހެން ނަމަވެސް މިއަހަރުގެ މިހާތަނަށް އެބައިން 8 މައްސަލަ ހުށަހެޅިފަ. އަޅުގަނޑުމެންނަށްވެސް ފާހަގަކުރެވޭ މިރަށުގަ ވައްކަންތައް އިތުރުވެގެން ދިޔަ ކަން. އެކަމާ ގުޅިގެން އެކަމަށް ޚާއްޞަ ޕެޓްރޯލިންތަކެއް ޖައްސައިގެން، އޮޕަރޭޝަންތަކެއްވެސް ކުރިއަށް އެބަ ގެންދަން. އެގޮތުން މީގެ ދެ ތިން ދުވަސްކުރިން ވަގަށް ނަގާފައިވާ ބައެއް ސާމާނު ވަނީ ހޯދިފަ" އަޕަރ ސައުތް ޕޮލިސް ޑިވިޝަންގެ ކޮމާންޑަރު ވިދާޅުވިއެވެ.

މީގެ އިތުރުން ނާހިދު ވިދާޅުވީ ވައްކަން ކުރުމުގައި އާންމު ގޮތެއްގައި އުޅެނީ ކުރިންވެސް ވައްކަމުގެ މައްސަލަތަކުގައި ހައްޔަރުކުރެވި، އެކަމުގެ ރެކޯޑް އޮންނަ މީހުންނާއި، މަސްތުވާތަކެތީގެ އެކި މައްސަލަތަކުގެ ރެކޯޑުވެސް އޮންނަ ބައެއް ކަމަށެވެ.

މިދިޔަ އަހަރުގެ ތެރޭގައި ތިނަދޫން އެވަރެޖްކޮށް މަހެއްގެ މައްޗަށް ވައްކަމުގެ 5 މައްސަލަ ހުށަހަޅާފައިވީނަމަވެސް މި ޖެނުއަރީ މަހުގެ ފުރަތަމަ 10 ދުވަސް ތެރޭގައި ވައްކަމުގެ 8 މައްސަލަ ހުށަހަޅާފައިވާކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ވަނީ ފައިސާއާއި އަގުހުރި ތަކެތި ރައްކާތެރި ތަންތަނުގައި ބެހެއްޓުމަށާއި، ވަގުންނަށް ވައްކަން ކުރުމުގެ ފުރުސަތު ނުލިބޭ ފަދަ ގޮތަކަށް ތަކެތި ރައްކާ ކުރުމަށް އިލްތިމާސްކޮށްފައެވެ.

ތިނަދޫގައި ވައްކަން އިތުރުވެފައިވާއިރު، މިމަހުގެ 9 ވަނަ ދުވަހު ފުލުހުން ވަނީ އެރަށުން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ބައެއް ތަކެތި ހޯދައި، އެކަމުގެ ތުހުމަތުގައި މީހަކުވެސް ހައްޔަރުކޮށްފައެވެ.

ގދ. ތިނަދޫން އެކަނިވެސް މިމަހުގެ މިހާތަނަށް ވައްކަމުގެ 8 މައްސަލައެއް ހުށަހަޅާފައިވާއިރު، އެ އަތޮޅުގެ އެހެން ރަށްރަށުން މި މުއްދަތުގައި ހުށަހަޅާފައިވަނީ އެންމެ މައްސަލައެކެވެ.