ވިޔަފާރި

ފިތޫރު ފެއާ ފަށައިގެން ކުރިއަށް.. އެމްއެމްޕީއާރުސީ އާއި ރާއްޖޭގެ 21 ކުންފުންޏަކުން މެޑްރިޑުގައި


ސްޕެއިންގެ މެޑްރިޑްގައި މިހާރު ކުރިއަށްދާ ފިތޫރު ފެއާގައި ދިވެހިރާއްޖެ ބައިވެރިވެއްޖެއެވެ.
ފިތޫރު ފެއާއަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި އެންމެ ފާހަގަކޮށްލެވޭ ފެއަރތަކުގެ ތެރޭގައި ހިމެނޭ ފެއާ އެކެވެ.

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން، އެމްއެމްޕީއާރުސީއާއި އެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ 21 ކުންފުންޏަކުން މި ފެއާގައި ބައިވެރިވެއެވެ.

އެމްއެމްޕީއާރުސީން ބުނީ ފިތޫރު ފެއާގައި މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް އެކިކަހަލަ ހަރަކާތްތައް ކުރިއަށްގެންދިޔުމަށް ރާވާފައިވާކަމަށެވެ. މިގޮތުން ރާއްޖެ އިތުރަށް އިޝްތިހާރު ކުރުމަށްޓަކައި މަސައްކަތްކުރާނެ ފަރާތްތައް ހޯދުމަށް ބައްދަލުވުންތައް ބޭއްވުމާއި، ރާއްޖޭގެ ސްޓޭންޑަށް ޒިޔާރަތްކުރާ ފަރާތްތަކަށް ތެލުލި ބަނބުކެޔޮ، ބޮނޑި ފަދަ ދިވެހި ލުއިކާނާތަކުގެ ރަހަ ބަލާލުމުގެ އިންތިޒާމް ހަމަޖައްސާފައިވާކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

ޔޫރަޕްގެ ޤައުމުތަކުގެ ތެރެއިން ސްޕެއިނަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް މުހިއްމު މާކެޓެކެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރު ސްޕެއިނުން ދިވެހިރާއްޖެއަށް 31،780 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ 2017ވަނަ އަހަރާ އަޅާ ބަލާއިރު %6.8 އިތުރު އަދަދެކެވެ.