ޚަބަރު

މަޖިލިސް އިންތިޚާބަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 21 - އީސީ


ރައްޔިތުން މަޖިލިސްގެ ޖަލްސާއެއްގެ ތެރެއިން:

އަންނަ އޭޕްރީލް މަހުގެ ހަވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުން މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލާން ހުޅުވާލި ފުރުޞަތުގެ ސުންގަޑިއަކީ އަންނަ މަހުގެ 21ވަނަ ދުވަސް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ކުލައާ ލޯގޯ އިފްތިތާޙް ކުރުމަށްޓަކައި ހޮޓެލް ޖެންގައި ރޭ ކުރިއަށްދިޔަ ޙަފްލާއެއްގައި ވަނީ މަޖިލިސް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފައެވެ. ނަމަވެސް ނަން ހުށަހެޅުމުގެ ސުންގަޑިއެއް އިލެކްޝަނުން ހާމައެއް ނުކުރެއެވެ. އިލެކްޝަންސް ކޮމިޝަންގެ މެންބަރ އަޙްމަދު އަކްރަމް ވިދާޅުވީ ރޭގެ ޙަފްލާގައި ސުންގަޑި އިޢުލާން ނުކުރެވުނީ އެރި އޮޅުމަކުން ކަމަށެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރ އަޙްމަދު އަކްރަމް (ވ) އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސްއާ (ކ) ވާހަކަފުޅުދައްކަވަނީ: ޕީއެސްއެމް ނިއުސް ފޮޓޯ / މުޙައްމަދު ވަޙީދު

މަޖިލިސް އިންތިޚާބަށް ކުރިމަތިލާން ހުޅުވާލިއިރު ސިޔާސީ ބައެއް ޕާޓީތަކުން ވަނީ އިންތިޚާބުގައި ވާދަކުރުމަށްޓަކައި މެންބަރުންނަށް ޓިކެޓުވެސް ދީފައެވެ. އަދި ބައެއް ޕާޓީތަކުން ވަނީ އިންތިޚާބުގައި ވާދަކުރާ ފަރާތްތަކުގެ މެދުގައި ޕްރައިމަރީއެއް ބާއްވާ ޓިކެޓު ދޭނެ ފަރާތްތައް ކަނޑައަޅާފައެވެ.

މަޖިލިސް އިންތިޚާބުގައި 264،589 މީހުންނަށް ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ. އަދި މާދަމާ ވޯޓަރސް ލިސްޓު ޢާއްމު ކުރާނެ ކަމަށް އިލެކްޝަނުން ބުނެއެވެ.