ވިޔަފާރި

ވިއްކި ތެލުގެ އަދަދު އިތުރުވެ، އެސްޓީއޯއަށް 2.6 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ


ހުސްވި އަހަރުގެ ފަހު ކުއާޓަރގައި ސްޓޭޓް ޓްރޭޑް އޯގަނައިޒޭޝަން، އެސް.ޓީ.އޯއިން ވިއްކި ތެލުގެ އަދަދު އިތުރުވެ، އެ ކުންފުންޏަށް 2.6 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެއެވެ.

މިދިޔަ އަހަރުގެ ފަހު ކުއާޓަރގައި 2.6 ބިލިއަން ރުފިޔާގެ އާމްދަނީއެއް އެސްޓީއޯއަށް ލިބުނުއިރު، މިއީ އޭގެ ކުރީ ކުއާޓަރގައި ލިބުނު އާމްދަނީއާ އަޅާބަލާއިރު 168 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. ނުވަތަ 7 އިންސައްތައިގެ ކުރިއެރުމެކެވެ.

އެސްޓީއޯއިން ބުނީ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ތެޔޮ ވިއްކި ޢަދަދު އިތުރުވުމާއެކު އެހެނިހެން ވިޔަފާރިތަކުން ލިބުނު އާމްދަނީވެސް އިތުރުވުންކަމަށެވެ. މިގޮތުން، އެސްޓީއޯއިން މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ތެޔޮ ވިއްކިި މިންވަރު ވަނީ އޭގެ ކުރީ ކުއާޓަރާއި އަޅާބަލާއިރު 6 އިންސައްތަ ވަނީ އިތުރުވެފައެވެ. އަދި އެހެނިހެން ވިޔަފާރިތަކުން ލިބުނު އާމްދަނީ 7 އިންސައްތަ ވަނީ އިތުރުވެފައެވެ.

ކުންފުންޏަށް ލިބުނު އާމްދަނީ އިތުރުވުމާއެކު، ކުންފުންޏަށް ލިބުނު ޖުމްލަ ފައިދާވެސް ވަނީ އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު 49 މިލިއަން ރުފިޔާ އިތުރުވެފައެވެ. މިއީ 11 އިންސައްތައިގެ ކުރިއެރުމެކެވެ .

އެސްޓީއޯއިން ބުނީ މިދިޔަ އަހަރުގެ 3 ވަނަ ކުއާޓަރއާ އެއްގޮތަށް، ފަހު ކުއާޓަރގައިވެސް އެންމެ ބޮޑު އިސްކަމެއް ދިނީ ތެލުގެ އަގު އެއްވަރަކަށް ހިފަހައްޓާ، ތެލުގެ އަގަށް އަންނަ ބަދަލާ ގުޅިގެން އިޤްތިޞާދަށް ކުރާ އަސަރު ކުޑަކުރުމަށްކަމަށެވެ. އަދި އެހެނިހެން ވިޔަފާރިތައް ކުރިއަރުވާ، އެ ވިޔަފާރިތަކުން ލިބޭ ފައިދާއިން، ތެލުގެ އަގު ހިފަހައްޓަން ޖެހިއްޖެނަމަ ކުންފުންޏަށް ގެއްލިގެންދާ ބައި ކުޑަކުރުމަށްވެސް އިސްކަންދިންކަމަށް އެސްޓީއޯއިން ބުނެއެވެ. މީގެ އިތުރުން އެސްޓީއޯއަކީ ސަރުކާރުގެ އިތުރުން ޢާންމު ޙިއްޞާދާރުން ހިމެނޭ ކުންފުންޏަކަށްވާތީ އާއި ދިވެހިރާއްޖޭގެ އިޤްތިޟާދަށް ބޭނުންވާ، ރައްޔިތުންނާއި ގުޅުންހުރި އެތައް މަސައްކަތްތަކެއް ކުރަމުންދާ ކުންފުންޏަކަށްވާތީ، އެސްޓީއޯއިން މަސައްކަތްކުރަމުންދަނީ މިދާއިރާތަކަށް އިންވެސްޓްކުރުމާއިއެކު، ޙިއްޞާދާރުންނަށް ދެމެހެއްޓެނިވި ފައިދާއެއް ނެރެދިނުމަށްކަމަށް އެސްޓީއޯއިން ބުނެއެވެ.

ޓެކްސްއަށް ކެނޑުމުގެ ކުރިން އެސްޓީއޯގެ 4 ވަނަ ކުއާޓަރގެ ފައިދާއަކީ 88 މިލިއަން ރުފިޔާއެވެ. މިއީ އޭގެ ކުރީ ކުއާޓަރާއި އަޅާބަލާއިރު 57 އިންސައްތައިގެ ކުރިއެރުމެކެވެ. ޓެކްސްއަށް ކެނޑުމަށްފަހު އެސްޓީއޯގެ 2018 ވަނަ އަހަރުގެ 4 ވަނަ ކުއާޓަރގެ ފައިދާއަކީ 66 މިލިއަން ރުފިޔާއެވެ. މިއީ އޭގެ ކުރީ ކުއާޓަރާއި އަޅާބަލާއިރު 39 އިންސައްތައިގެ ކުރިއެރުމެކެވެ.

އެސްޓީއޯގެ ސާފު ފައިދާ އޭގެ ކުރީ ކުއާޓަރާއި އަޅާބަލާއިރު ވަރަށް ބޮޑުތަނުން އިތުރުވެފައިވުމާއެކު ޙިއްޞާއަކަށް ޖެހޭ ފައިދާވަނީ 39 އިންސައްތަ އިތުރުވެފައެވެ.