ވިޔަފާރި

ދިވެހި އާހިތަ މުބާރާތުގެ އެއްވަނަ ފަޒީލްއަށް


އެމް.އެމް.ޕީ.އާރު.ސީން އިންތިޒާމްކޮށްގެން ބޭއްވި އެޑްވެންޗަރސް އޮފް މޯލްޑިވްސް، ދިވެހި އާހިތަ މުބާރާތުގެ އެއް ވަނަ އަހުމަދު ފަޒީލް ހޯދައިފިއެވެ.

އެންޑްވެންޗަރސް މޯލްޑިވްސް، ދިވެހި އާހިތަ މުބާރާތަކީ އާންމުންނާއި ފަތުރުވެރިން ހިމެނޭހެން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އިޝްތިހާރުކުރުމަށްޓަކައި އެމް.އެމް.ޕީ.އާރު.ސީން 2017 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ވީޑިއޯ މުބާރާތެކެވެ.

މިއަހަރުގެ އެންޑްވެންޗަރސް މޯލްޑިވްސް މުބާރާތުގައި 27 ފަރާތަކުން ބައިވެރިވިއިރު، 13 ފަރާތަކުން ގަދަ 10 އެއްގައި ވާދަކޮށްފައިވެއެވެ.

މި މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ޗަންޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދާއި އެމް.އެމް.ޕީ.އާރު.ސީގެ މެނޭޖިންގ ޑިރެކްޓަރ ތޮއްޔިބު މުހައްމަދާއި ޕަބްލިކް ސަރވިސް މީޑިއާ ޕީއެސްއެމްގެ މެނޭޖިންގް ޑިރެކްޓަރ އަލީ ޚާލިދްގެ އިތުރުން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ މަޓީގެ އިސް ފަރާތްތަކުން ބައިވެރިވިއެވެ.

މިއަހަރުގެ އެޑްވެންޗަރސް އޮފް މޯލްޑިވްސް، ދިވެހި އާހިތަ މުބަރާތުގެ އެއްވަނަ ހޯދާފައިވަނީ މިދިޔަ އަހަރުގެ މުބަރާތުން ދެވަނަ ހޯދި އަހުމަދު ފަޒީލެވެ. މުބާރާތް ކާމިޔާބުކުރި ފަޒީލަށް ވަނީ ޔޫރޯ މާކެޓިންގގެ ފަރާތުން ވަނީ ސަތޭކަ ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ދީފައެވެ.

މުބާރާތް ކާމިޔާބުކުރި ފަޒީލް ބުނީ މިމުބާރާތަކީ މިދާއިރާއިން ކުރިއަރަން ތިބި ޒުވާނުންނަށް އެމް.އެމް.ޕީ.އާރު.ސީއިން ހުޅުވާލާފައިވާ ވަރަށް ރަނގަޅު ފުރުސަތެއްކަމަށެވެ. މީގެ ސަބަބުން މިދާއިރާއަށް ގިނަ ޒުވާނުން އިތުރުވެގެންދާނެކަމަށް އޭނާ ބުނެއެވެ.

އެޑްވެންޗަރސް އޮފް މޯލްޑިވްސް ވީޑިއޯ މުބާރާތުގެ ދެވަނަ ހާސިލްކުރީ އަލީ މަމްދޫހެވެ. އަދި ތިންވަނަ ހާސިލްކޮށްފައިވަނީ އޮސްޓްރެއިލިއާގެ ރައްޔިތެއްކަމަށްވާ ޕައުލް ލޮޒީކްއެވެ.

މުބާރާތުގައި ބައިވެރިވި ހުރިހާ ފަރާތްތަކުން ވެސް ވަނީ ރާއްޖޭގެ ރީތިކަމާއި ޘަޤާފަތް ދައްކުވައިދޭ ރީތި މަންޒަރުތަކެއް ހިމެނޭ ވީޑިއޯތަކެއް ހުށަހަޅާފައެވެ. މި މުބާރާތުގެ ގަދަ ދިހައަކަށް ހޮވިފައިވާ ވީޑިއޯތައް އެމް.އެމް.ޕީއާރު.ސީގެ ޔޫޓިއުބް ވިޑިއޯ ޗެނަލްއާއި އެހެނިހެން ސޯޝަލް މިޑިއާ ޕްލެޓްފޯމްތަކުން އިޝްތިހާރުކުރާނެކަމަށް އެމް.އެމް.ޕީ.އާރު.ސީން ބުނެއެވެ.

އެމް.އެމް.ޕީ.އާރު.ސީން ބުނީ މި މުބާރާތުގެ ފެންވަރު ރަނގަޅުކޮށް ކުރިއަށްއޮތް އަހަރު ތަކުގައިވެސް މުބާރާތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށެވެ.