އެސްއެމްއީ ބޭންކުގެ ޚިދުމަތް އަންނަ މާޗުމަހުގެ ތެރޭ ފަށާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިހެން ވިދާޅުވީ "އެޖެންޑާ ނަވާރަ"އިގެ ނަމުގައި އެމްޑީޕީން ކުރިއަށްގެންދާ މަޖްލީސް އިންތިހާބުގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް ކާނިވާ ސަރަހައްދުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ސަރުކާރުން ހާސިލްކޮށްފައިވާ ބައެއް ކަންތައްތައް ފާހަގަކުރަމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ވޭތުވެދިޔަ ދެ މަހެއްހާ ދުވަހުގެ ތެރޭގައި ސަރުކާރުން މުޙިއްމު މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން މަސްވެރިންނަށް ޑީސަލުން ޑިއުޓީ ކަނޑާލުމާއި، ސްކޫލް ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމުގެ ޕްރޮގްރާމް ރައީސް ޞާލިޙް ފާހަގަކުރެއްވިއެވެ. މިގޮތުން ސަރުކާރުން ފެށުމަށް ނިންމާފައިވާ އެސްއެމްއީ ބޭންކްގެ ޚިދުމަތް އަންނަ މާރޗްމަހުގެތެރޭގައި ފަށާނެ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.
"ފާއިތުވި ދެ މަހެއްހާ ދުވަހުގެ ތެރޭގައި މުޙިއްމު މަސައްކަތްތަކެއް ކުރެވިއްޖެ، މަސްވެރިންނަށް ޑީސަލްގެ ޑިއުޓީ ކަނޑާލާ، ދަނޑުވެރިކަމުގެ ބާވަތްތަކުން ޑިއުޓީ ކަނޑާލާ، މުއްދަތު ހަމަވެފައިވާ އައިޑީ ކާޑުން އާސަންދައިގެ ޚިދުމަތް ފޯރުކޮށްދިނުމާއި، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ތެރަޕީ އާސަންދައިން ލިބޭނެ ގޮތް މިހާރުވަނީ ހަމަޖެހިފައި، އަދި ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމުގެ ޕްރޮގްރާމް ފެށި، ކުރިއަށް އޮތް ޓާމްގައި ރާއްޖޭގެ ހުރިހާ ސްކޫލެއްގައި މި ޕްރޮގްރާމް ފެށޭނެ، އަދި އެސްއެމްއީ ބޭންކުގެ ޚިދުމަތް މާރޗްމަހު ފަށާނެރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޚާއްސަކޮށްގެން އުފެއްދުމަށް ނިންމާފައިވާ އެސްއެމްއީ ބޭންކުގެ ޚިދުމަތް ދޭންފެށުމަކީ ސަރުކާރުގެ ސަތޭކަ ދުވަހުގެ ވަޢުދުތަކުގެ ތެރޭގައިވެސް ހިމެނޭ ކަމެކެވެ.
އެސްއެމްއީ ބޭންކާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މީގެކުރިން ދެއްވި އިންޓަރވިއުއެއްގައި އިކޮނޮމިކް މިނިސްޓަރ ފައްޔާޟު އިސްމާޢިލް ވިދާޅުވެފައިވަނީ އެސްއެމްއީ ބޭންކް މެދުވެރިކޮށް ކުދިއަދި މެދުފަންތީގެ ވިޔަފާރިތަކާއި، ޒުވާނުން އަދި އަންހެނުންނަށް ލޯނުދޫކުރާނެކަމަށާއި، ލޯނު ދޫކުރުމުގެ ކުރިން ދެފުށް ފެންނަ ގޮތަކަށް އިވެލުއޭޓްކުރާނެކަމަށެވެ.
މިގޮތުން ލޯނު ދިނުމުގެ ކުރިން ޕްރޮޕޯސަލްއަށާއި، ޤާބިލްކަމަށް ބަލާނެކަމަށާއި، ލޯނު ދެމުން ދާނީ ވިޔަފާރި ކާމިޔާބުވާ މިންވަރަކަށް ބަލައިގެންކަމަށް މިނިސްޓަރ ވިދާޅުވެފައިވެއެވެ. އެސްއެމްއީ ބޭންކް މެދުވެރިކޮށް ފަންނީ އެހީތެރިކަން ދީގެން ކާމިޔާބު ވިޔަފާރިއަކަށް އެ ވިޔަފާރިތައް ހެއްދެވުމަށް އިކޮނޮމިކް މިނިސްޓްރީން އެއްބާރުލުންދީ މަސައްކަތްކުރާނެކަމަށްވެސް މިނިސްޓަރ ފައްޔާޟު ވަނީ ވިދާޅުވެފައެވެ..