ސިޔާސީ

ސްރީލަންކާގެ 71 ވަނަ މިނިވަން ދުވަސް ރާއްޖޭގައި ފާހަގަކޮށްފި


އަވަށްޓެރި ސްރީލަންކާގެ 71 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޙަފްލާ ރާއްޖޭގައި ފާހަގަކޮށްފިއެވެ.

ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި މިޙަފްލާގެ ޝަރަފްވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވީ ކުރީގެ ރައީސް މުޙައްމަދު ނަޝީދެވެ.

ލަންކާގެ ތުއްތު ކުދިންތަކެއް ހުށަހަޅައިދިން އެޤައުމުގެ ޘަޤާފީ ހަރަކާތަކުން ފެށުނު މި ޙަފްލާގައި ވާހަކަ ދައްކަވަމުން ލަންކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މޭޖަރ ޖެނެރަލް ރިޓަޔާޑް އަސޯކާ ތޮރަދެނިޔަ ދެއްކެވި ވާހަކަފުޅުގައި ރާއްޖެއާއި ލަންކާއާ ދެމެދު އޮތް ޒަމާންވީ ގުޅުމުގެ މައްޗަށް ވަނީ އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ރާއްޖެއަކީ ލަންކާއަށް ވަރަށް މުހިންމު ބައިވެރިއެއްގެ ގޮތުގައި ވަނީ ސިފަކުރައްވާފައެވެ.

ލަންކާ ސަފީރު އަސޯކާ ވިދާޅުވީ، ގައުމެއް ކުރިއަރާދާނީ އެގައުމެއްގެ ސަރުކާރަކުން ބޭރުގެ ސަރުކާރުތަކާއެކު ބާއްވާ ގުޅުން އިތުރަށް ހަރުދަނާވެގެން ކަމަށެވެ. އެގޮތުން ރާއްޖެއަކީ އަބަދުވެސް އެފަދަ ގާތް ގުޅުމެއް ބާއްވާ ޤައުމެއް ކަމަށް ވިދާޅުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުންވެސް މިގުޅުން އިތުރަށް ވަރުގަދަކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ސަފީރު އަސޯކާ ވިދާޅުވިއެވެ.

ލަންކާ ސަފީރު އަސޯކާ ވަނީ ލަންކާގެ މިނިވަން ދުވަހުގެ ޙަފްލާގެ ޝަރަފްވެރި މެހެމާނެއްގެ ގޮތުގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގަތުމުން ލަންކާ ރައްޔިތުންގެ ނަމުގައި އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.
މި ޙަފްލާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ލަންކާއަކީ ރާއްޖޭގެ ވަރަށް ގިނަ ރައްޔިތުން ތަފާތު ބޭނުންތަކުގައި ދިރިއުޅެމުންދާ ޤައުމެއް ކަމަށެވެ. އެގޮތުން ލަންކާގެ ސަރުކާރުން އެޤައުމުގައި ދިރިއުޅޭ ދިވެހިންނަށް ބަހައްޓަވާ ގާތްކަމާއި އެއްބާރުލުމަށް ޝުކުރުއަދާކުރައްވާފައެވެ.

ރައީސް ނަޝީދު ވިދާޅުވީ، ލަންކާއަކީ ރާއްޖޭގެ ވިޔަފާރީގެވެސް މުހިންމު ބައިވެރިއެއް ކަމަށާއި އެގޮތުން ރާއްޖޭގެ މަސް އެކްސްޕޯޓުކުރާ ފުރަތަމަ ޤައުމުތަކުގެ ތެރޭގައި ލަންކާ ހިމެނޭ ކަމަށެވެ. އަދި ހަމައެހެންމެ ލަންކާއަކީ ދިވެހިން ވިޔަފާރި ދަތުރުތަކުގައި ގޮސް އުޅޭ ފަރިތަ ޤައުމެއްކަން ނަޝީދުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

ސްރީ ލަންކާގެ މިނިވަން ދުވަހަކީ ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހެވެ. ލަންކާގެ މިނިވަން ދުވަސް ފާހަގަކުރުމަށް މި މަހުގެ 4 ވަނަ ދުވަހު އެޤައުމުގައި ބޭއްވި ޙަފްލާގެ ޝަރަފްވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙެވެ.