އަމިއްލަ ކޮލެޖްތައް ހިމެނޭ ގޮތަށް އުފައްދާފައިވާ ޖަމްޢިއްޔާ، ޕްރައިވެޓް ހަޔަރ އެޑިއުކޭޝަން އެސޯސިއޭޝަން އޮފް މޯލްޑިވސް (ފީމް)ގެ ރައީސްއަކަށް ކްލިކް ކޮލެޖުގެ ވައިސް ޕްރެޒިޑެންޓް ޙަސަން އަބްދުﷲ ސަޢީދު އިންތިޚާބްކޮށްފިއެވެ.
އޭނާ މިމަޤާމަށް އިންތިޚާބުކުރީ އެޖަމްޢިއްޔާގެ އަހަރީ އާއްމު ޖަލްސާގައެވެ. މިޖަލްސާގައި ވަނީ ފީމްގެ ނައިބްރައީސްއަކަށް ސައިރެކްސް ކޮލެޖުގެ ޗެއާމަން އަޙްމަދު ޝަރީފް އިންތިޚާބުކޮށްފައެވެ.
މަޤާމަތުކަށް ބޭފުޅުން އިންތިޚާބުކޮށްފައިވަނީ ފީމްގައި ހިމެނޭ 8 ކޮލެޖާއި 3 އިންސްޓިޓިއުޓުގެ މެމްބަރުންގެ މެދުގައި ނެގި ވޯޓަކުންނެވެ.
މި ޖަލްސާގައި ވަނީ 2018ވަނަ އަހަރުގެ އެ ޖަމްޢިއްޔާގެ އަހަރީ ރިޕޯޓްވެސް ނެރެފައެވެ.
މިދިޔައަހަރު ފީމްގެ މާލި ޙާލަތަށް ބަލާއިރު އެޖަމްޢިއްޔާއަށް ފަންސަވީސް ހާސް ހަތަރުސަތޭ ވިހި ރުފިޔާ ލިބިފައިވާއިރު ޚަރަދު ކޮށްފައިވަނީ އެކާވީސް ހާސް ނުވަސަތޭކަ ހަތްދިހަ އެއް ރުފިޔާ ނުވަދިހަ ނުވަ ލާރިއެވެ.
މިއީ އެ ޖަމިއްޔާއަށް ލިބޭ އަހަރީ ފީގެ އިތުރުން އެހެނިހެން ގޮތްގޮތުން ލިބިފައިވާ ފައިސާކަމަށް އެޖަމިއްޔާއިން ބުނެއެވެ. މިދިޔަ އހަރު އެ ޖަމިއްޔާއިން ކުރި މުހިއްމު ކަންތަތަކުގެ ތެރޭގައި މަތީ ތަޢުލީމާބެހޭ ޤައުމީ ސިޔާސަތު އެކުލަވާލުމުގެ ބައްދަލުވުމުގައި ބައިވެރިވުމާއި ޖަމިއްޔާގެ އެކްޝަން ޕްލޭން އެކުލަވާލައި ޢަމަލުކުރަންފެށިކަން ފާހަގަކޮށްލެވެއެވެ.
މީގެއިތުރުން މިދިޔައަހަރު ރާއްޖެއިން ބޭރުން އެހީހޯދުމަށް ކުރިމަސައްކަތުގެ ތެރެއިން މިއަހަރު ތެރޭގައި ރާއްޖެއިން ބޭރުން ހެޔޮ އަގުގައި 900 ފޮތް ލިބިފައިވާކަމަށް އެ ޖަމިއްޔާއިން ބުނެއެވެ. ފީމް ޖަމްއިއްޔާއަކީ ރާއްޖޭގައި ހުރި ޕްރައިވެޓް އެޑިއުކޭޝަން އިންސްޓިޓިއުޓްތައް ގުޅިގެން އެއިންސްޓިއުޝަންތަކަށް ހުރި ގޮޖެހުންތައް ދިރާސާކޮށް އެކުގައި މަސައްކަތްކުރުމަށް ދެހާސް ނުވަވަނަ އަހަރު އުފައްދާފައިވާ ޖަމްޢިއްޔާއެކެވެ.