ވިޔަފާރި

އަހަރުގެ މިހާތަނަށް ދައުލަތުން ކުރި ޙަރަދު ކަނޑައި 944.9 މިލިއަން ރުފިޔާގެ އަރަންޏެއް


މިއަހަރުގެ މިހާތަނަށް އާމްދަނީގެ ގޮތުގައި ދައުލަތަށް ދައުލަތަށް 2.7 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން ވަނީ ޖެނުއަރީ މަހުން ފެށިގެން ފެބްރުއަރީ 16ވަނަ ދުވަހާއި ހަމައަށް ދައުލަތުން ކޮށްފައިވާ ޙަރަދުތަކާއި ލިބުނު އާމްދަނީގެ ތަފާސްހިސާބުތައް އާއްމުކޮށްފައެވެ.

މި ރިޕޯޓުގައިވާ ގޮތުން ދައުލަތަށް ލިބިފައިވާ އާމްދަނީގެ ބޮޑުބައެއް ހިއްސާކުރަނީ ޓެކްސްގެ ގޮތުގައި ފައިސާއިންނެވެ. އެގޮތުން ބޮޑު އާމްދަނީއެއް ލިބިފައިވަނީ ބީޕީޓީ، އާއްމު ޖީއެސްޓީ އަދި ޓޫރިޒަމް ޖީއެސްޓީންނެވެ.
ފެބްރުއަރީމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރަށް 2.7 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު އޭގެތެރެއިން 2.3 ބިލިއަން ރުފިޔާއަކީ ޓެކްސްގެ ގޮތުގައި ލިބިފައިވާ ރުފިޔާއެވެ. އަދި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 484.2 މިލިއަން ރުފިޔާ ވަނީ ލިބިފައިއެވެ.

ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީގެ ތެރެއިން އިމްޕޯޓް ޑިއުޓީގެ ގޮތުގައި 395.3 މިލިއަން ރުފިޔާވަނީ ލިބިފައެވެ. އާއްމު ޖީއެސްޓީގެ ގޮތުގައި 789.9 މިލިއަން ރުފިޔާވަނީ ލިބިފައެވެ. އަދި އެއަރޕޯޓް ސަރވިސް ޗާޖްގެ ގޮތުގައި 71.2 މިލިއަން ރުފިޔާ ލިބިފައިވާއިރު، ގްރީން ޓެކްސްގެ ގޮތުގައި 87.1 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެ މުއްދަތުގައި ދައުލަތުންވަނީ، 1.8 ބިލިއަން ރުފިޔާ ހޭދަކޮށްފައެވެ. އެގޮތުން މި މުއްދަތުގެ ތެރޭގައި އިދާރީ ޚަރަދުތަކަށާއި، ސަބްސިޑީ އަދި ހިންގުމުގެ ޚަރަދަށް ވަނީ ބޮޑު ހޭދައެއްކޮށްފައެވެ.
ސަރުކާރު މުއައްޒަފުންގެ މުސާރައާއި ޕެންޝަނަށް 78.3 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، އިދާރީ މަސައްކަތަކާއި އޮފީސްތައް ހިންގުމަށް 540.4 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

މި މުއްދަތުގައި ދައުލަތުން ކޮށްފައިވާ ޙަރަދު ލިބުނު އާމްދަނީއަށްވުރެ ދަށްވުމުން 944.9 މިލިއަން ރުފިޔާ ވަނީ އަރަނި ވެފައެވެ