ރެޒިޑެންސް މޯލްޑިވްސް އިން ހުވަދު އަތޮޅު އުތުރުބުރީ ދިގުރަށުގައި ތަރައްގީ ކުރާ ރިސޯޓުގެ ޕްރި އޯޕެނިންގް އަށް ބޭނުންވާ މުވައްޒަފުން ހޯދުމަށްޓަކައި ގދ. ތިނަދޫގައި މިއަދު އޯޕެން ޑޭ އެއް ބާއްވައިފިއެވެ.
ގދ. ތިނަދޫ ދަރުބާރުގޭގައި ކުރިއަށްދިޔަ އެ އިވެންޓަށް ރަށުގެ ޒުވާނުންނާއި ކައިރި ރަށްރަށުގެ ބައެއް ފަރާތްތަކުން ވަނީ ޒިޔާރަތްކޮށް މައުލޫމާތު ސާފުކޮށް، ބައެއް ވަޒީފާތަކަށް ކުރިމަތިވެސް ލާފައެވެ.
ޕީއެސްއެމް ނިއުސް އަށް މައުލޫމާތު ދެއްވަމުން އެ ރިސޯޓުގެ އެޗްއާރު މެނޭޖަރު، މޫސާ ނަސީރު ވިދާޅުވީ، އެ އިވެންޓަކީ ރިސޯޓުގެ ޕްރި އޯޕެނިން ސްޓޭޖުގައި ބޭނުންވާ މުވައްޒަފުން ހޯދުމަށްޓަކައި އެ އަތޮޅުގެ އެކި ރަށްތަކުގައި ބާއްވަން ރޭވިފައިވާ "ރެކްރޫޓްމަންޓު ޑޭ"ތަކުގެ ތެރެއިން ބޭއްވުނު އިވެންޓެއް ކަމަށެވެ. އެ އިވެންޓު ކުރިއަށްގެންގޮސްފައިވަނީ، ވޯކް އިން އިންޓަވިއު އިވެންޓެއްގެ ގޮތުގައި ކަމަށާއި ވަގުތުން ވަގުތަށް އިންޓަވިއުކޮށް ރެކްރޫޓްމަންޓް ކަންތައްތައް ހަމަޖެއްސުމުގެ ކަންކަންވެސް އިވެންޓުގެ ތެރެއިން ކުރިއަށް ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"މިއީ ވޯކް އިން އިންޓަވިއުއެއް ގޮތަށް އަޅުގަނޑުމެން ކުރިއަށް ގެންދިޔަ އިވެންޓެއް. ރިސޯޓުގެ ޑިޕާޓްމަންޓު ހެޑުން، ވަޒީފާއަށް ކުރިމަތިލި ހުރިހާ މީހުންނާއި ވަނީ އިންޓަވިއުކޮށްފަ. މި އިންޓަވިއު ތަކުގެ ތެރެއިން ޝޯޓް ލިސްޓު ކުރެވޭ ކުދިންނަށް ޖޮބް ލިބޭނެ ކަމުގެ ޔަގީންކަންވެސް އަޅުގަނޑުމެން ދެމުން މިދަނީ،" ނަސީރު ވިދާޅުވިއެވެ.
ދަ ރެޒިޑެންސް މޯލްޑިވްސް ދިގުރަށަށް މުވައްޒަފުން ހޯދުމަށްޓަކައި މީގެ ކުރިން މާލެއާއި އައްޑޫ ސިޓީގައިވެސް ވަނީ އޯޕަންޑޭއެއް ކުރިއަށްގެންގޮސްފައެވެ.
މިއަދު ގދ. ތިނަދޫގައި އޯޕަންޑޭ ބޭއްވުމަށްފަހު ގއ އަތޮޅުގެ އެކި ރަށްތަކުގައި މި ހަރަކާތް ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ.
ހުވަދު އަތޮޅުގައި މިހާތަނަށް ތަރައްގީކޮށްފައިވާ އެންމެ ބޮޑު ރިސޯޓުގެ ގޮތުގައި ދިގުރަށް ރިސޯޓު ފާހަގަކުރެވޭ އިރު، އެ ރިސޯޓު އޮންނަނީ އެރަށާ ކައިރީގައި އޮންނަ ފަޅުމާފުއްޓާ، އެއް ކިލޯމީޓަރުގެ ބްރިޖަކުން ގުޅުވާލާފައެވެ. އެ ރިސޯޓުގައި 173 ވިލާ ހުންނަ އިރު ކޮންމެ ވިލާއެއްގައި ޕޫލެއް ހިމެނޭކަން ފާހަގަކޮށްލެވެއެވެ.