ނޯވޭގެ ފޮރިން ސެކެޓްރީ މަރިއާނާ ހެގަން ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަތުމަށް ނިންމަވައިފިއެވެ.
މިމަހުގެ 2 އިން 4 ގެ ނިޔަލަށް އޭނާ ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅުގައި ނައިބްރައީސް ފައިޞަލް ނަސީމްއާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން މި ދަތުރުފުޅުގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދާއި އެންވަޔަރަމަންޓް މިނިސްޓަރ ޙުސައިން ރަޝީދުގެ އިތުރުން އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާއިލްއާ ބައްދަލުކުރައްވާ ދެ ޤައުމުގެ ދޭދޭ ގުޅުމާއި ދެ ޤައުމު ހިއްސާވާ އެކި ކަންކަމާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވެއެވެ.
ނޯރވޭގެ ފޮރިން ސެކެޓްރީގެ މި ދަތުރުފުޅުގައި ސަރުކާރުގެ އިސްވެރިންނާއެކު ތިލަފުށްޓަށް ވަޑައިގެން ތިލަފުށީގެ މަސައްކަތްތައް ބައްލަވާލައްވައި ތިލަފުށީގައި ކުނި މެނޭޖްކޮށް ކުނި މަދުކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތައް ބައްލަވާނެއެވެ.
ނޯރވޭގެ ފޮރިން ސެކެޓްރީ ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅުގައި، ދެ ޤައުމުގެ އިޤްތިސާދު ކުރިއެރުވުމަށް ކުރެވޭނެ ކަންތައްތަކާއި މޫސުމީ ކަންކަމާއި ތިމާވެށި ރައްކާތެރިކުރުމަށް ކުރެވޭނެ ކަންތައްތަކާއި ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވެއެވެ. އަދި ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާ ކުރުމަށާއި ވިޔަފާރިއާއި އިޤްތިސާދު ހަރުދަނާކުރުމަށް ދެ ޤައުމު ގުޅިގެން ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުންވެސް މަޝްވަރާ ކުރުމަށް ހަމަޖެހިފައިވެއެވެ.