ހެންވޭރު ލޮނުޒިޔާރަތް ކޮޅުގައިއޮތް ހުސްބިމުގައި ހަދަން ނިންމާފައިވާ ޕާރކްގެ މަސައްކަތް މުޅިން ނުނިމުނުނަމަވެސް އަންނަ ރަމަޟާންމަހު އާއްމު ރައްޔިތުންނަށް އެސަރަހައްދު ބޭނުންކުރެވޭ ވަރުވާނެކަމަށް މާލޭ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.
މިހުސްބިމުގައި ތަރައްޤީ ކުރާ ޕާރްގެ މަސައްކަތް މުޅިން ނިންމާލެވޭނީ ރޯދައަށް ފަހުގައިކަމަށް ސިޓީކައުންސިލުން ވިދާޅުވެއެވެ. ހެންވޭރު ލޮނުޒިޔާރަތްކޮޅުގައި އޮތް ހުސްބިން ވަކި ޕްލޭނެއްގެ ދަށުން ތަރައްޤީކުރުމަކީ ސަރުކާރާއި މާލޭ ސިޓީ ކައުންސިލުންވެސް އިސްކަމެއްދީގެން ކުރިއަށްގެންދަން ނިންމަވާފައިވާ މަސައްކަތްތަކެކެވެ.
މާބޮޑު އަޅާލުމެއްނެތި ދޫކޮށްލާފައިވާ ބްރިޖް ކައިރި ލޮނުޒިޔާތްކޮޅު ތަރައްޤީކުރުމުގެ ޕްލޭނެއް، ސިޓީ ކައުންސިލާއި ޕްލޭނިންގ މިނސްޓްރީ ގުޅިގެން މިހާރު ފަރުމާކޮށް، ކުރެހުންތައް ފައިނަލް ކުރުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. މިގޮތުން މި ސަރަޙއްދު ތަރައްޤީ ކުރުމަށް ހަމަޖެހިފައިވަނީ ބީޗް ކޮންސެޕްޓަކަށް ބަލައިގެންނެވެ. ތާޒާ ވައިލިބޭނެގޮތަށް ކުޅިވަރު ކުޅުމަށާއި، ޕާކެއްގެ ހިތްހަމަޖެހުން ލިބޭގޮތަށް އެސަރަހައްދުތައް ތަރައްޤީކުރުމަށް ހަމަޖެހިފައިވާކަމަށް ސިޓީ ކައުންސިލުން މަޢުލޫމާތުދެއްވައެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ސިޓީ ކައުންސިލްގެ ޑެޕިއުޓީ މަޔަރ ޝަމާއު ޝަރީފް ވިދަޅުވީ ލޮނުޒިޔާތްކޮޅު ތަރައްޤީ ކުރުމަށް ހަމަޖެހިފައިވަނީ ކުރިން ވެސް އެ ސަރަޙައްދު އޮތްގޮތަށް ހުސްބިމެއްގެ ގޮތުގައިކަމަށެވެ. ޝަމާއު ވިދާޅުވީ ސިޓީ ކައުންސިލުން މަސައްކަތް ކުރަމުންދަނީ އަންނަ ރަމަޟާންމަހު އެސަރަހައްދަށް ޢާއްމުން ގޮސް އުޅެވޭނެ އިންތިޒާމްތައް ހަމަޖެއްސުމަށްކަމަށެވެ. މިގޮތުން މިހާރު އެސަރަހައްދުގައި ހުރި ކުންޏާއި އެހެނިހެން ސާމާނު ނަގަމުންގެންދާކަމަށާ އެމަސައްކަތުގެ %90 ނިމިފައިވާކަމަށްވެސް ސިޓީ ކައުންސިލުން ވިދާޅުވެއެވެ. އަދި ވަރަށް އަވަހަށް އެ ސަރަޙައްދުގެ މަގުތައް ހަދަންފަށާނެކަމަށް އޭނާ ވިދާޅުވިއެވެ.
"އެތަނުގައި ހިނގާނެ މަގުތައް ހުންނާނެ. ފެހިތަނެއްގެ ގޮތުގައި ތަރައްޤީ ކުރާނީ. ރަމަޟާންމަހަށް އެތަނަށް ގޮސް އުޅެވޭނެ އިންތިޒާމްތައް ހަމަޖެހިގެން ދިޔަނަމަވެސް މި މަޝްރޫއުގެ މަސައްކަތް މުޅިން ނިންމާލެވޭނީ ރޯދައަށް ވުރެވެސް ފަހުން. އެ ސަރަޙައްދަކީ ހިތްފަސޭހަވާނެ ފަދަ ތަނެއްގޮތަށް ތައް ތަރައްޤީ ކުރުމަށްޓަކައި އެ ސަރަޙައްދުގައި ޖޯލިތަކާއި ބެންޗްތަކުގެ އިތުރަށް ކުޑަކުދިންނަށް ކުޅޭވޭނެ އިންތިޒާމް ތައް ހަމަޖެހިގެންދާނެ." ޝަމާއު ވިދާޅުވިއެވެ.
ސިޓީ ކައުންސިލުން ލޮނުޒިޔާރަތްކޮޅޫ ތަރައްޤީ ކުރުމަށް ހަމަޖައްސާފައިވަނީ އެ ތަނުގައި ބޮޑެތި ޢިމާރާތްތައް ނާޅާގޮތަށެވެ. އެހެންނަމަވެސް އެތަންތަނަށް ޒިޔާރަތްކުރާމީހުންނަށް ކާބޯތަކެތި ގަނެވޭގޮތަށް ކުދިކުދި ޢިމާރާތްފަދަ ތަންތަން ހަދާނެކަމަށާ، މިކަންވެސް ކުރާނީ ބީޗް ކޮންސެޕްޓް ނުގެއްލޭގޮތަށްކަމަށް ސިޓީ ކައުންސިލުން މަޢުލޫމާތުދެއްވައެވެ.
ސިޓީކައުންސިލުން ލޮނުޒިޔާރަތްކޮޅު ތަރައްޤީ ކުރުމަށް ނިންމާފައިވާއިރު މީގެކުރިން އެސަރަހައްދަކީ ސުނާމީ ބިނާ ބަހައްޓާފައިވާ ސަރަޙައްދެއެވެ. އަދި މީގެ ކުރިންވެސް އެ ސަރަޙައްދަކީ ގިނަ ޢަދަދެއްގެ ރައްޔިތުން އެތަނަކަށް ގޮސް އާއިލާއަ އެކު ވަގުތު ހޭދަ ކުރާ ސަރަޙައްދެއްކަން ފާހަގަކުރެވެއެވެ. އެހެންނަމަވެސް ސިނަމާލެ ބްރިޖްގެ މަޝްރޫއާއެކު އެސަރަޙައްދު ބަންދުކޮށް ފަހުން މާބޮޑު ސަމާލުކަމެއް އެސަރަހައްދަށް ދީފައެއް ނުވެއެވެ.