ޚަބަރު

ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެ


ކްލަބް މެޑް ކަނިފިނޮޅުގައި ޗުއްޓީ ހޭދަކުރަމުންދިޔަ ފަތުރުވެރިއަކު މޫދުގައި ގެނބިގެން މަރުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ ކަނިފިނޮޅުގައި މޫދަށް އެރި އުޅުނު ފަތުރުވެރިޔަކު ގެނބިގެން އުޅޭ ކަމުގެ ރިޕޯޓް ލިބުނީ މެންދުރު 12:39 ހާއިރު ކަމަށާއި އެއާއެކު އޭނާއަށް ފަރުވާ ދިނުމަށް އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

ފުލުހުން ވިދާޅުވީ ގެނބުނު ފަތުރުވެރިޔާ މަރުވެފައި ވަނީ އޭޑިކޭއަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް ކަމަށެވެ.

ކްލަބް މެޑް ކަނިފިނޮޅު ރިސޯޓްގައި މޫދަށް އެރި އުޅެނިކޮށް ގެނބިގެން މަރުވެފައި ވަނީ 52 އަހަރުގެ ސިންގަޕޫރު ފިރިހެނެކެވެ.

ފަހަކަށް އައިސް ރާއްޖެއަށް ޗުއްޓީ ހޭދަކުރަން އައިސް މޫދަށް އެރި އުޅެނިކޮށް މަރުވާ ފަތުރުވެރިންގެ އަދަދު ވަނީ ބޮޑުތަން އިތުރުވެފައެވެ.

މިފަދަ ހާދިސާތައް މަދުކުރުމަށް ސަލާމަތީ ގޮތުންް އަޅަން ޖެހޭ ފިޔަވަޅުތައް އަޅާފައި ވޭތޯ ބެލުމަށް ޓޫރިޒަމް މިނިސްޓްރީ އިން ވަނީ އިންސްޕެކްޝަނެއްވެސް ފަށާފައެވެ.