 
					
									
			ރާއްޖޭގެ ރަށްރަށުން އިރުވައި މޫސުމުގައި ފެން ހުސްވުމާއި ގުޅިގެން
މިހާރުވެސް އަށް ރަށަކަށް ފެން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށް
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ވިދާޅުވެއްޖެއެވެ. 
 
މިނިސްޓްރީ އޮފް ޑިފެންސް އިން
މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޭޝަނަލް ޑިޒާސްޓަރ
މެނޭޖްމަންޓް ސެންޓަރުގެ އިސްވެރިޔާ، ޑެޕިއުޓީ މިނިސްޓަރ އޮފް ޑިފެންސް އެންޑް
ނޭޝަނަލް ސެކިއުރިޓީ ފާތިމަތު ތަސްނީމް ވިދާޅުވީ، އާއްމުގޮތެއްގައި ފެނަށް
ބޭނުންވެގެން އެއްރަށްތަކަކުން ފެނަށް އެދޭކަން ފާހަގަކުރެވޭކަމަށް.  މިއަހަރު ނުވަދިހަ ހަތަރު ރަށަކުން ފެނަށް
ބޭނުންވެގެން އެދިފައިވާ ކަމަށާއި، އޭގެ ތެރެއިން ހަތްދިހަ ހަރަށަކަށް ފެން
ފޯރުކޮށްދެވިފައިވާ ކަމަށްވެސް ތަސްނީމް ވިދާޅުވިއެވެ. އަދި ފަސްރަށަކުން
މިހާރުވެސް ފެނަށް އެދިފައިވާ ކަމަށްވެސް ވިދާޅުވިއެވެ. 
 
ތަސްނީމް ވިދާޅުވީ ފެން
ފޯރުކޮށްދިނުމަށް ހަ މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވެފައިވާ ކަމަށެވެ.
 
ތަސްނީމް ވަނީ ފެން ފޯރުކޮށް
ދިނުމުގައި ދިވާމާ ދަތިކަން ފާހަގަކުރައްވާފައެވެ. އެގޮތުން ފެން ރަށްރަށަށް
ގެންގޮސް ދިނުމުގައި ހަރަކަތެރިވަނީ އާއްމުގޮތެއްގައި ދެ ފަރާތަކުން ކަމަށާއި
އެކަމުގެ ސަބަބުން ރަށްރަށަށް ފެން ގެންދިއުމުގައި ގިނަ ދުވަސްތައް ހޭދަވާކަމަށެވެ.
އަދި ގިނަ ފަރާތްތަކުން އެކަމަށް ނޭދޭތީ އެދޭފަރާތްތަކުން ކިޔާ އަގެއްގައި އެކަން
ކުރަން ޖެހޭތީ ބޮޑު ޚަރަދެއް ހިނގާކަން ފާހަގަކުރެއްވިއެވެ. 
 
ރަށްރަށަށް ފެން ފޯރުކޮށް
ދިނުމުގެ ގޮތުން ފެން ހުސްވުމުގެ އެއްމަސްކުރިން އެކަމަށް އެދެން އޮންނަނީ
އަންގާފައެވެ. އެހެން ނަމަވެސް ގިނަ ރަށްރަށުން ފެން ހޯދުމަށް އެދެނީ ފެން
ހުސްވުމުން ކަމަށްވެސް ތަސްނީމް ފާހަގަކުރެއްވިއެވެ. 
 
ފެން ނުލިބުމުގެ މައްސަލަ
ޙައްލުކުރުމަށްޓަކައި ތިން ރަށެއްގައި ތިރީސް ޓަނުގެ ފެން ރައްކާކުރެވޭނެ ނިޒާމް
ޤާއިމް ކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ކުރުމަށް ނިންމާފައިވާކަމަށްވެސް
ތަސްނީމް ވިދާޅުވިއެވެ. 
 
މީގެ އިތުރުން ތަސްނީމް ވަނީ
ކުރިއަށް އޮތް ހުޅަނގު މޫސުމުގައި ވާރޭ ވެހި ފެންބޮޑުވުމާއި އުދާ އެރުމުގެ
ކަންކަމަށް ހައްލުހޯދުމަށް މަސައްކަތް ކުރައްވާކަމަށްވެސް ވިދާޅުވެފައެވެ. އަދި
މާލޭގައި ދާދި ފަހުން ހިނގި އަލިފާނުގެ ޙާދިޞާ ގެ ސަބަބުން ގެއްލުން ލިބުނު
ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށް ދެއްވި ކަމަށާއި އެކަމާއި ގުޅޭ އެސެސްމެންޓް
ރިޕޯޓެއް ތައްޔަރުކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.