ކުޅިވަރު

ލޯ މެޑަލްއަކީ މިހާތަނަށް އެކުގައި ހޯދުނު އެންމެ ބޮޑު އެއް ކާމިޔާބީ - ދެބެން


މޮރީޝަސް ބެޑްމިންޓަން ސީރީސްގައި ހޯދުނު މެޑަލްއަކީ މިހާތަނަށް ދެބެން އެކުގައި ހޯދުނު އެންމެ ބޮޑު އެއް ކާމިޔާބީ ކަމަށް ރާއްޖޭގެ ޤައުމީ ބެޑްމިންޓަން ޓީމުގެ ދެބެން ކަމަށްވާ އާމިނަތު ނަބީހާ އާއި ފާތިމަތު ނަބާހާ ބުނެފިއެވެ.

މޮރީޝަސް ބެޑްމިންޓަން ސީރީސްގެ އަންހެން ޑަބަލްސް އިވެންޓުން ރާއްޖޭގެ ނަބާހާ އާއި ނަބީހާ ވަނީ ދުނިޔޭގެ ހަތްދިހަ ވަނާގައި ރޭންކް ކޮށްފައިވާ މިސްރުގެ ޕެއާ ބަލިކޮށް ބްރޯންޒް މެޑަލް ހޯދާފައެވެ.

ކުރިއަށް އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ތައްޔާރުވާ ޓީމްގެ ދެބެން ބުނީ، މޮރޯޝަސް ސީރީސް މުބާރާތަށް ދިޔައިރުވެސް ރޭންކުގެ ގޮތުން މޮޅެތި ކުޅުންތެރިންނާއި ދެކޮޅަށް ކުޅެން ޖެހުމުން ކާމިޔާބީއެއް ލިބޭނެ ކަމުގެ މާބޮޑު އުންމީދެއް ނުކުރާ ކަމަށާއި، ޚާއްސަކޮށް މިސްރުގެ ޕެއާ ބަލިކުރެވޭނެ ކަމަށް ހީވެސް ނުކުރާ ކަމަށެވެ.

ނަބާހާ އާއި ނަބީހާ ދުނިޔޭގެ ރޭންކިންގެ ހަތްދިހަ ވަނަ ޕެއާ ބަލިކުރެވުމުން އެކަން އަދިވެސް ގަބޫލުކުރަންވެސް އުނދަގޫ ކަމަށެވެ.

"އަސްލު މުބާރާތަށް ދިޔައީ ފުރުމުގެ ކުރިން ބުނިގޮތަށް މޮރީޝަސްގެ ޕެއާތަށް ބަލިކޮށްގެން، އައިއޯއައިޖީއަށް އިތުބާރު ބޮޑުކުރަން. ދެން ކުއާޓާގައި މިސްރުގެ ޕެއާ އާއި ޖެހުނީމަ ހީވެސް ނުކުރަން އެ ޕެއާ ބަލި ކުރެވޭނެއޭ، އެއީ މީގެ ކުރިން އިދިކޮޅުން ވާދަކުރާ ޕެއާ ތަކަށްވުރެ މާ ވަރުގަދަ، ދުނިތޭގެ ހަތްދިހަ ވަނައިގަ އިން ޕެއާ އެއީ، ދެން ގަބޫލުކުރަންވެސް އުނދަގޫ އަސްލު،" ދެބެން ބުންޏެވެ.

ނަބީހާއާއި ނަބާހާ ބުނީ މިމުބާރާތުން ބޮޑު ކާމިޔާބީއެއް ލިބުމުން، ކުރިއަށްއޮތް އައިއޯއައިޖީގައި ބޭނުންވާ އަމާޒަށް ވާސިލް ވެވޭނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް ލިބިއްޖެކަމަށެވެ.