ތަޢުލީމު

ދަރިވަރުންގެ ތަރުބަވީ ސިފަތައް ކުރިއެރުވުމުގެ މަސައްކަތް ފަށައިފި


އާ މަންހަޖާއެކު ދަރިވަރުންގެ ކިބައިގައި ހުންނަންޖެހޭ ތަރުބަވީ ސިފަތައް އަށަގަންނެވުމަށް ސްކޫލްތަކުގެ ފެންވަރުގައި މަސައްކަތް ކުރާނެގޮތުގެ ނިޒާމެއް ރޭވުމަށް ހަމަޖެހިފައިވާކަމަށް ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން، އެންއައިއީއިން ބުނެފިއެވެ.އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަދަމް ޝަރީފް ވިދާޅުވީ، ފޯކަސް ގުރޫޕްތަކެއް ހަދައިގެން ދަރިވަރުންގެ ކިބައިގައި ހުންނަންޖެހޭ ސިފަތައް އަށަގަންނެވުމަށް ސްކޫލްތަކުން ރާވާ އުސޫލުތަކާއި އެއްގޮތްވާގޮތުގެ މަތިން ކަންތައް ކުރާނެ ނެޓްވޯކެއް ޤާއިމުކުރުމާއި، އެކަމަށް ފަންނީ ސަޕޯޓް ދެވޭނެގޮތްތަކެއް ރޭވުމަށް ނިންމާފައިވާކަމަށެވެ. މިކަމުގައި ބެލެނިވެރިންގެ ބައިވެރިވުމާއި ގުޅޭގޮތުންނާއި ސްކޫލްތަކާއި ވާހަކަދައްކަމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ތަޢުލީމުގެ ޤައުމީ މަންހަޖު މިއަހަރު ތަންފީޒުކުރަން ފަށާފައިވާއިރު، އެކަށީގެންވާ ރަގަޅަށް ތަންފީޒުކުރެވެމުންދާކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. އެހެންނަމަވެސް އާ މަންހަޖަށް ސްކޫލްތަކުގެ ވެރިންނާއި، ޓީޗަރުންނާއި ބެލެނިވެރިން އިތުރަށް އަހުލުވެރިކުރުމަށް މަސައްކަތްކުރަންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ. އަދި މަންހަޖުގެ މައިގަނޑު ބައިތަކަށް ގެންނަންޖެހޭ ފަދަ ބަދަލުތަކެއް ފާހަގަކުރެވިފައިނުވާކަމަށާއި، އެހެންނަމަވެސް އައިސީޓީ ކިޔަވައިދިނުމުގައި ޓީޗަރުން އަހުލުވެރިކުރުމަށް މަސައްކަތްތަކެއް ކުރަންޖެހޭކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.ތައުލީމުގެ ޤައުމީ މަންހަޖުގެ ކީ ސްޓޭޖް އެކެއް ގްރޭޑް އެކެއް ދޭއް ތިނެއް ގައި ތަންފީޒުކުރަން ފަށާފައިވާއިރު، އަންނަ އަހަރު ކީ ސްޓޭޖް 2 ތަންފީޒުކުރުމަށް ވަނީ ހަމަޖެހިފައެވެ.