ބ.ފުޓްބޯޅަ ޗެލެންޖްގައި ފެހެންދޫ އާއި ތުޅާދޫ ބައްދަލުކުރި މެޗު 1-1 އެއްވަރުވެގެން ނިމިއްޖެ އެވެ.
ބ.އޭދަފުށި ޓާފް ދަނޑުގައި ކުޅުނު މިމެޗްގަ ފުރަތަމަ ލަނޑުޖަހާ ކުރި ހޯދީ ތުޅާދޫ ޓީމުން ނެވެ. ފުރަތަމަ ހާފް ނިމެން 5 މިނެޓަށްވެފައިވަނިކޮށް ތުޅާދޫއަށް މިލަނޑު ކާމިޔާބުކޮށްދިނީ، އަނޫފް އަބްދުއްރަޙްމާން އެވެ.ފެހެންދޫއިން ނަތީޖާ ހަމަކުރީ ދެވަނަ ހާފް ފެށިގެން 4 ވަނަ މިނެޓްގައި އެޓީމްގެ އަޙްމަދު ސޮފްވާންއެވެ.
މިމެޗްގައި ދެޓީމުގެ ފަރާތުންވެސް ފެނުނީ ހަމަހަމަ ކުޅުމެކެވެ. މިއަދު މެޗްގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތްނަމަވެސް މި މުބާރާތުގައި މެ ޓީމަށް ކުރިއަށް ދިއުމުގެ ފުރުސަތުވަނީ ބަންދުވެފައެވެ.
މިއަދު މެޗްގެ މޮޅުކުޅުންތެެރިއަކަށް ހޮވުނީ ތުޅާދޫ ޓީމްގެ އިފްޙާމް ރަޝީދު އެވެ.
މި މުބާރާތުގައި މާދަމާ ކުޅޭނީ ގްރޫޕް ސްޓޭޖްގެ ފަހު މެޗް އެވެ. މި މެޗުގައި ބައްދަލުކުރާނީ ގްރޫޕް އޭގައި ހިމެނޭ ދޮންފަނާ ދަރަވަންދޫ އެވެ.
މިއަދު މެޗައްފަހު ފެހެންދޫ ޓީމްގެ ކޯޗް މޫސާ ނަސީމް ބުނީ މިފަދަ މުބާރާތެއް ބޭއްވުމުން އަތޮޅުގެ ފުޓްބޯޅަ ކުރިއަރާނެކަމަށް ގަބޫލްކުރާކަމަށެވެ. އަދި މުބާރާތުގައި ބައިވެރިވި މަގްސަދު ވަރަށް ރަނގަޅަށް ހާސިލްވިކަމަށް ނަސީމް ބުންޏެވެ.
ތުޅާދޫގައި ފުޓްބޯޅަ ކުޅޭނެ ދަނޑެއްނެތި، އަތޮޅު ފެންވަރުގައި ބާއްވާ ފުޓްބޯޅަ މުބާރާތެއްގައި އަލަށް ބައިވެރިވެ ލިބުނު ނަތީޖާތަކާ ދޭތެރޭ ހިތްހަމަ ޖެހޭކަމަށާއި، ކުރިއަށް އޮތްތަނުގައި އަތޮޅުގެ ވަރުގަދަ ބާރުތަކާ ހަމަކުރެވޭނެކަމަށް އުއްމީދު ކުރާކަމަށް ތުޅާދޫ ޓީމްގެ ޓްރެއިނަރ ބުންޏެވެ.
މި މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފައިވާ ޓީމްތަކަކީ ކެންދޫ، ކްލަބް އޭދަފުށި އަދި ކިހާދޫގެ އިތުރުން މިއަދު މެޗުން މޮޅުވި ގޮއިދޫ އެވެ. ސެމީ ފައިނަލުގެ މެޗްތައް ކުޅޭނީ 17 އަދި 18 ގައެވެ.
ސެމީ ފައިނަލުގެ ފުރަތަމަ މެޗްގައި ބައްދަލު ކުރާނީ އޭދަފުއްޓާއި ކިހާދޫ އެވެ. ދެވަނަ މެޗްގައި ބައްދަލުކުރާނީ ކެންދޫއާ ގޮއިދޫ އެވެ.
މިމުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 20 ވަނަ ދުވަހުއެވެ.