ވިޔަފާރި

ސަޓާ އެވޯޑަށް ވާދަކުރާ ހުރިހާ ޤައުމެއްގެ އިވެލުއޭޝަން ނިންމާލައިފި


ސައުތު އޭޝިއަން ޓްރެވެލް އެވޯޑްސް، ސަޓާގެ ހުރިހާ އިވެލުއޭޝަންތައް ނިންމާލައިފިއެވެ.

ސަޓާ އެވޯޑްސްއަކީ ދެކުނު އޭޝިއާ ސަރަހައްދަށް ޚާއްސަކޮށްގެން ދޭ އެންމެ ޝަރަފްވެރި ޓްރެވަލް އެވޯޑެވެ. މި އެވޯޑްގެ މިއަހަރުގެ ހުރިހާ ޤައުމެއްގެ އިވެލުއޭޝަންތައް މިހާރު ވަނީ ނިންމާލާފައެވެ. އެންމެ ފަހުން އިވެލުއޭޓްކޮށްފައިވަނީ ބަނގްލަދޭޝްއެވެ.

ސަޓާ އެވޯޑް ލިބޭ ފަރާތްތައް ކަނޑައަޅަނީ ޖަޖުންގެ މާރކްސްއާއި އޮންލައިން ވޯޓުން ލިބޭ މާރކްސްގެ މައްޗަށް ބެލުމަށްފަހުއެވެ. އޮންލައިންކޮށް ވޯޓު ދިނުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ.

ސަޓާ އެވޯޑަށް ވާދަކުރާ ފަރާތްތަކަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލީ އެޕްރީލް މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ. މިއަހަރުގެ އެވޯޑުގައި 10 ސެގްމަންޓަކުން 37 ކެޓަގަރީއަކުން އެވޯޑް ދޭއިރު، މިއަހަރުގެ އެވޯޑަށްވެސް 500 އަށްވުރެ ގިނަ ފަރާތުން ވާދަކުރެއެވެ. އޭގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ސިޓީ ހޮޓާ، ރިސޯޓް އަދި ސަފާރީ އުޅަނދުތައް ހިމެނެއެވެ.

މިއަހަރުގެ ސައުތު އޭޝިއަން ޓްރެވެލް އެވޯޑްސްގެ ގާލާ ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރުމަހު ސްރީލަންކާގައެވެ. ސައުތު އޭޝިއަން ޓްރެވެލް އެވޯޑްސް، ސަޓާ އެވޯޑްސް އެންމެ ފުރަތަމަ ބާއްވާފައިވަނީ 2016 ވަނަ އަހަރު ސްރީލަންކާގެ ކޮލަމްބޯގައެވެ. 2017 ވަނަ އަހަރު އެވޯޑް ހަފްލާ އައްޑޫ ސިޓީގެ އިކުއޭޓަރ ވިލެޖްގައި ބާއްވާފައިވާއިރު މިދިޔަ އަހަރު މި ހަފްލާ ބާއްވާފައިވަނީ އިންޑިއާގެ މުމްބާއީގައެވެ. މިއީ ސަޓާ އެވޯޑް ބާއްވާ 4 ވަނަ އަހަރެވެ.