ކުޅިވަރު

މެޗަކުން ބަލިނުވެ މެންޗެސްޓަރ ޔުނައިޓެޑް ޕްރީސީޒަން ނިންމާލައިފި


މެޗަކުން ބަލިނުވެ މެންޗެސްޓަރ ޔުނައިޓެޑް ޕްރީސީޒަން ނިންމާލައިފިއެވެ.

އިންޓަނޭޝަނަލް ޗެމްޕިއަންސް ކަޕްގައި ރޭ އޭސީ މިލާން އާއި ވާދަކުރި މެޗު ޔުނައިޓެޑުން ކާމިޔާބު ކުރީ ފުރިހަމަ ވަގުތު ހަމަވިއިރު ދެޓީމް 2-2 އިން އެއްވަރު ވުމުން ނަތީޖާ ނެރުމަށް ޖެހި ޕެނެލްޓީގައި 5-4 ކުރި ހޯދައިގެންނެވެ.

ޔުނައިޓެޑުން ވަނީ އެޓީމު ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް ޕްރީސީޒަންގައި ސައްތައިން ސައްތަ ރެކޯޑެއް ގާއިމްކޮށްފައެވެ. ރޭގެ މެޗުގައި ޔުނައިޓެޑަށް ލަނޑު ޖަހައިދިނީ މާކޯސް ރަޝްފޯޑްގެ އިތުރުން ލިންގާޑްއެވެ. އޭސީ މީލާން އަށް ލަނޑު ޖަހައިދިނީ ސުސޯއެވެ. މިލާން ގެ ދެވަނަ ލަނޑަކީ މެންޗެސްޓަރގެ ޑިފެންޑަރ ލިންޑެލޯފް އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.

މި ނަތީޖާ އެކު ލީގު އުސޫލުން ކުޅުނު އިންޓަނޭޝަނަލް ކަޕްގެ ޗެމްޕިއަންކަން ހޯދީ ތާވަލްގެ އެއްވަނައިގަ އޮތް ބެންފީކާއެވެ. ޔުނައިޓެޑަށް ދެވަނަ ލިބުނު އިރު އާސަނެލަށް ލިބުނީ ތިންވަނައެވެ. އަންނަ އާދިއްތަ ދުވަހު ޔުނައިޓެޑުން މި ސީޒަންގައި ޕްރިމިއަރ ލީގުގެ ފުރަތަމަ މެޗު ކުޅޭނެއެވެ. އަމިއްލަ ދަނޑުގައި ޔުނައިޓެޑް ނިކުންނާނީ ވާދަވެރި ޗެލްސީއާ ދެކޮޅަށެވެ.