ޚަބަރު

ތުހުމަތުކުރެވޭ ފުލުހުން ވަޒީފާއިން ވައްކެތް ނުކުރޭ- ފުލުހުން


ފުލުހުންގެ 86ވަނަ އަހަރީ ދުވަހާއި ގުޅިގެން ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން: ޕީއެސްއެމް ނިއުސް ފޮޓޯ / ޢަލީ ނަޞީރު

އަޙްމަދު ރިޟުވާން ޢަބްދުﷲގެ މަރުގެ މައްސަލާގައި މަސްއޫލިއްޔަތުން ދުރުކޮށްފައިވާ ދެ ފުލުހުންނަކީ މިދިޔަ ސަރުކާރުގައި ވަޒީފާއިން ވަކިކޮށްފައިވާ ދެ ފުލުހުންކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވި ވާހަކަތައް ފުލުހުން ދޮގުކުރައްވައިފިއެވެ.

މިނިވަން ނޫހުގެ ނޫސްވެރިޔާ އަޙްމަދު ރިޟުވާން ޢަބްދުﷲގެ މަރާއި ގުޅިގެން މަސްއޫލިއްޔަތުން ދުރުކޮށްފައިވާ ދެ ފުލުހުންނަކީ ފުލުހުންގެ އިންޓެލިޖެންސްގައި ކުރިން މަސައްކަތްކުރި ދެ ފުލުހުންކަމަށްވާ ޕޮލިސް ކޯޕްރަލް މުހައްމަދު ޖިނާހާއި އިބްރާހިމް ރިއްފަތުއެވެ.

މި ދެ ފުލުހުންނާއި ގުޅޭ ގޮތުން ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ރިޟުވާން މައްސަލާގައި ތުހުމުތުކުރެވޭ ދެ ފުލުހުންނަކީ ކުރީގެ ސަރުކާރުގައި ފުލުހުންގެ މަޤާމު ވަކިކޮށްފައިވާ ދެ ފުލުހުންކަމަށެވެ. އަދި އޭރުގެ ނިންމުން ގޯސްކަމަށް ބަލާ އެ ދެ ފުލުހުންނަށް އަލުން ވަޒީފާ ދިނީ މި ސަރުކާރުންކަމަށްވެސް އުމަރު ނަސީރު ވަނީ ވިދާޅުވެފައެވެ. އަދި ރޭ ބޭއްވި ބޭއްވި މަޖިލީހުގެ ކޮމެޓީއަށް ފުލުހުންގެ އިސްވެރިން ހާޒިރުކުރި ބައްދަލުވުން ސިއްރުކޮށްފައިވަނީވެސް އާއްމުންނަށް އޮޅުވާލުމުގެ ގޮތުންކަމަށެވެ.

އުމަރުގެ މި ވާހަތަކާއި ގުޅިގެން ފުލުހުން ބުނީ ތުހުމަތުކުރެވޭ ފުލުހުން، ފުލުހުންގެ ވަޒީފާއިން އެއްވެސް އިރެއްގައި ވަކިކޮށްފައި ނުވާކަމަށެވެ.

ރިޟުވާނުގެ މަރާގުޅޭ ގޮތުން ރިޔާސީ ކޮމިޝަނުން ހާމަކުރި މަޢުލޫމާތުތަކާއެކު ބަންޑާރަނައިބު ވަނީ ފުލުހުންގެ އިންޓެލިޖެންސްގައި ކުރިން މަސައްކަތްކުރި ދެ ފުލުހުންކަމަށްވާ މުޙައްމަދު ޖިނާޙާއި އިބްރާހިމް ރިފްޢަތުގެ މައްސަލަބަލާ ތަޙްޤީޤު ކުރުމަށް އަންގާފައެވެ.

އަދި މިތަޙްޤީޤު ކުރާއިރު އެމުވައްޒަފުން މުޖުތަމަޢަށް ދޫވެފައި ތިބުމަކީ މިމައްސަލައިގައި މިނިވަން ތަޙްޤީޤެއް ހިންގުމަށް ހުރަސްއެޅިދާނެ ކަމެއްކަމަށް ފެންނާތީ އެ ދެފުލުހުން ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުގައި އެދުމަށްވެސް ވަނީ ދަންނަވާފައެވެ.

ފުލުހުންގެ އިދާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިނިވަން ނޫހުގެ ނޫސްވެރިޔާ އަޙްމަދު ރިޟުވާން ޢަބްދުﷲ ރާއްޖެއިން ބޭރަށް ދިޔަފަހުން މަރުވި ކަމަށް ދެއްކުމަށް ޕާސްޕޯޓް ހައްދަން މަސައްކަތްކުރި ކަމަށްބުނާ ދެފުލުހުން ހައްޔަރު ކުރަންޖެހޭފަދަ ޤާނޫނީ ސަބަބެއް ނެތްކަމަށް މަރާލައިވާ މީހުންނާއި ގެއްލުވާލައިފައިވާ މީހުންގެ މައްސަލަ ތަޙްޤީޤުކުރާ ކޮމިޝަނުން އަންގާފައިވާ ކަމަށެވެ.

ރިޟުވާނުގެ ޕާސްޕޯޓް ހެއްދުމަށް ފުލުހުންގެ އިންޓެލިޖެންސްގައި ކުރިން މަސައްކަތްކުރި ދެ ފުލުހުންކަމަށްވާ މުޙައްމަދު ޖިނާޙާއި އިބްރާހީމް ރިފްޢަތުގެ މަސައްކަތްކޮށްފައިވާކަމަށް ބުނެފައިވީނަމަވެސް އެމައްޗަށް ޖިނާއީ ދަޢުވާ ކުރެވޭފަދަ ހެކިތަކެއް ލިބިފައިނުވާ ކަމަށް ފުލުހުންގެ ބަޔާނުގައިވެއެވެ.

ނަމަވެސް އެފުލުހުންނާމެދު އިދާރީގޮތުން އަޅަންޖެހޭ ފިޔަވަޅު އެޅުމަށްޓަކައި މިސަރވިސްގެ ފަރާތުން އެފުލުހުންގެ މައްސަލަ ތަޙްޤީޤުކުރުމަށް ފެންނަކަމަށް މަރުގެ މައްސަލަތައް ތަހްގީގުކުރާ ކޮމިޝަނާއެކު ފޯނުން ކުރެވުނު މަޝްވަރާގައި ވިދާޅުވެފައިވާކަމަށް ފުލުހުންގެ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.

ފުލުހުން ވިދާޅުވީ ޖިނާޙާއި އިބްރާހީމް ރިފްއަތުގެ މައްސަލަ އިދާރީ މައްސަލައެއްގެ ގޮތުގައި ތަޙްޤީޤުކުރަން ފަށާފައިކަމަށެވެ. އަދި ބުރާސްފަތި ދުވަހު އެދެފުލުހުން ވަޒީފާގެ މަސްއޫލިއްޔަތުން ދުރުކުރެވިފައިވާއިރު އެ ދެފުލުހުންގެ މައްސަލަ ޑިސިޕްލިނަރީ ބޯޑަށް ހުށަހެޅުމަށްދަނީ ތައްޔާރުވަމުންދާކަމަށް ވަނީ ވިދާޅުވެފައެވެ. އޭގެ އިތުރުން ރިޟުވާންގެ މައްސަލައިގެ ތަހްގީގުގައި ފުލުހުންގެ އިންޓެލިޖެންސްއިން މީގެކުރިން ހިންގާފައިވާ އޮޕަރޭޝަންސްތަކާގުޅޭ ކަންކަން އިތުރަށް ބަލާ ތަޙްޤީޤު ކުރަމުން ގެންދާ ކަމަށެވެ.

ރިޟުވާން ރާއްޖެއިން ބޭރަށް ދިޔަފަހުން މަރުވިކަމަށް ދެއްކުމަށް އޭނާގެ ޕާސްޕޯޓު ހޯދުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ކާރނަލް ޢަބްދުއްރައޫފް، ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ޢަބްދުލްޣަފޫރާއި މުޢާމަލާތްކޮށްފައިވާތީ، ކާރނަލް ޢަބްދުއްރައޫފްގެ މައްސަލަ ބަލާ ތަޙްޤީޤު ކުރުމަށްވެސް ބަންޑާރަ ނައިބު ލަފާދެއްވާފައިވެއެވެ.

ރިޟުވާންގެ މަރުގެ މައްސަލައިގެ ތަހްގީގު ޑްރާފްޓް ރިޕޯޓުގައިވާ ދެފުލުހުންކަމަށްވާ އިބްރާހީމް ޚަލީލާއި އަޙްމަދު ހަމީދު ޢަބްދުއްރަހީމްގެ ނަން ފާހަގަކޮށްފައިވަނީ އެފަރާތްތަކަކީ އެ ކޮމިޝަންއަށް ބަޔާންދެއްވި ފަރާތްތަކެއްކަމަށްވާތީކަމަށް އަންގާފައިވާކަމަށެވެ. އެހެން ކަމުން އިބްރާހިމް ޚަލީލާއި އަޙްމަދު ހަމީދު ޢަބްދުއްރަހީމްގެ އެއްވެސް މައްސަލައެއް އޮތްކަމަށް އެކޮމިޝަނަށް ފާހަގަ ނުކުރެވޭކަމަށް ވަނީ އަންގާފައިކަމަށް ވިދާޅުވެފައިވެއެވެ.