ޚަބަރު

މަދު ބައެއްގެ ސަބަބުން ބޭރު ޤައުމުތަކުގައި ދިވެހިންނަށް ތަކުލީފު!


ދުނިޔޭގެ އެކި ޤައުމުތަކުގައި ޚާއްސަކޮށް އަވައްޓެރި ޤައުމުތަކުގައި އެކި ބޭނުންތަކުގައި އެތައް ހާސް ދިވެހިން ދިރިއުޅޭމުންދާއިރު އޭގެތެރެއިން ގިނަ ދިވެހިންނަކީ އެޤައުމުތަކުގެ ޤާނޫނުތަކަށް ބޯލަނބައި އުސޫލުތަކާ އެއްގޮތަށް އަބުރުވެރިކަމާއެކު ދިވެހީންގެ ގޮތުގައި ދިރިއުޅޭ ބައެއްކަމީ ދެބަސްވެވެން ނެތް ހަޤީގަތެކެވެ.

ރާއްޖޭގެ ރައީސްކަން ކުރެއްވި ބައެއް ބޭފުޅުނާއި ހިސާބުން ފެށިގެން ޢާންމުންގެ އެތައް ބަޔަކުވެސް ދުނިޔޭގެ އެކި ޤައުމުތަކުގައި އެކި ދުވަސްވަރު ދިރިއުޅެއެވެ. ދިވެހިން އެންމެ ގިނައިން ދިރިއުޅޭ އަދި އެކި ބޭނުންތަކުގައި ދަތުރުކުރާ ޤައުމުތަކުގެ ތެރޭގައި، އަވައްޓެރި އިންޑިއާ، ސްރީ ލަންކާއާއި މެލޭޝިޔާ ފަދަ ޤައުމުތަކެެވެ. މިދެންނެވި ޤައުމުތަކާއި ރާއްޖެއާދެމެދު އޮންނަ އެކުވެރި ޒަމާންވީ ވަރުގަދަ ރަނގަޅު ގުޅުމުގެ ސަބަބުން ދިވެހިންނަށް އެޤައުމުތަކުގައި ދިރިއުޅުން ހޭދަކުރުމާއި، އެޤައުމުތަކަށް ދަތުރުކުރުމުގައި ޚާއްސަ ގޮތްތަކަކާއި، ފަސޭހަ އިންތިޒާމްތަކެއްވަނީ ހަމަޖެހިފައެވެ.

މިގޮތުން އިންޑިއާގެ ބައެއް ސިޓީތަކާއި ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގެ އިތުރުން މެލޭޝިޔާގެ ވެރިރަށް ކުއަލަލަންޕޫރަކީ އަމިއްލަ ޤައުމުހެން ދިވެހިން ދިރިއުޅޭ އަދި އެކި ބޭނުންތަކަށް ދަތުރުކޮށް ހަދާ ޤައުމުތަކެވެ. ވިސާ ލިބުމުގެ ފަސޭހަކަމާއި، ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅިއާ އެއްގޮތަށް ކަންކަން އިންތިޒާމުވެފައި ހުރުމުގެ ސަބަބުން ގިނަ ދިވެހިން ތަޢުލީމާއި، ވިޔަފާރީގެ އިތުރުން ސިއްޙީ ޚިދުމަތް އެންމެ ގިނައިން ލިބިގަންނަނީ އެ ޤައުމުތަކުންނެވެ.

ނަމަވެސް ދިވެހިން ޢާންމުކޮށް ގޮސްއުޅޭ އަވަށްޓެރި ޤައުމުތަކުގައި ހޭދަވާ ދުވަސްތަކުގެ ތެރޭގައި ބައެއްކަންކަމަށް ފަރުވާކުޑަކުރެވުމުގެ ސަބަބުން ދެރަގޮތްތައް ދިމާވާގޮތްވުމެވެ.

މިދިޔަ އާދީއްތަ ދުވަހު ސްރީލަންކާގެ ފުލުހުންގެ ބެލުމުގެ ދަށަށް 12 ދިވެހިން ގެންދިޔަ މައްސަލައަކީ މީގެތެރެއިން ފާހަގަކޮށްލުން މުހިއްމު މައްސަލައެެވެ.

ފަނަރަހާހާއި ގާތްކުރާ ޢަދަދަކަށް ދިވެހިން ދިރިއުޅޭ އަވައްޓެރި ސްރީލަންކާއަށް ދާދިފަހުން ދިން ނުރައްކާތެރި ޙަމަލާއަށްފަހު އެޤައުމުގެ އެކި ސަރަޙައްދުތަކުގައި ސަލަމާތީ ފިޔަވަޅުތައް ވަރުގަދަކޮށް އެކިދުވަސްމަތިން ތަންތަން ރެއިޑްކުރަމުންދެއެވެ. މިއާއެކު ދިވެހި ސަރުކާރުންވަނީ އެޤައުމުގައިވެސް އަދި އެހެން ޤައުމުތަކުގައި ދިރިއުޅޭއިރުއާއި ކުރާ ދަތުރުތަކުގައި ސަމާލުވާންޖެހޭކަންކަން ހާމަކޮށްފައެވެ.

އާދީއްތަ ދުވަހު ސްރީ ލަންކާގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ 12 ދިވެހިންގެ ތެރޭގައި ވިސާ އާއި ޕާސްޕޯޓުގެ މުއްދަތު ހަމަވިތާ ގިނަ ދުވަސްތަކެއް ވީއިރު ވެސް އެ ގައުމުން ބޭރު ނުވެތިބި މީހެއް ހިމެނެއެވެ. މީގެ އިތުރުން ސްރީލަންކާގައި ބޭނުންކުރުން މަނާ ސިނގިރޭޓް ފަދަތަކެތި ދިވެހިންގެ އަތުން ފެނިފައިވާކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. ހަމައެހެންމެ ބައެއް ޤައުމުތަކުގައި ބައެއް ދިވެހިންގެ އަތުން މަސްތުވާތަކެތި ފެނިގެން އެފަދަ މައްސަލަތައްވެސް ވަނީ ފެންމަތިވެފައެވެ.

ފޮރިން މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީ ބަދޫރާ ސަޢީދު ވިދާޅުވީ ދިވެހިން ބޭރު ޤައުމުތަކުގައި ދިރިއުޅޭއިރު އެންމެ ބޮޑަށް ސަމާލުކަން ދޭންޖެހޭނީ އެޤައުމެއްގެ ޤާނޫނުތަކާއި ޤާވާޢިދުތަކާއި އާންމު އުސޫލުތަކަށް ހުރުމަތްތެރިކޮށް ހިތުމަށްކަމަށެވެ.

"އާންމުކޮށް އަންނަ ޝަކުވާއަކީ ދިވެހިންގެ ވިސާގެ މުއްދަތު އިތުރުވުން، އޯވަރސްޓޭވުން، އަދި އޯވަރސްޓޭވެފައި ގިނަދުވަސްތަކެއް ވަންދެން ނުއަންގައި ހުރުން. ވިސާ މުއްދަތުވެގެން އެންމެ ދުވަހަކުވެސް އޯވަރސްޓޭވުމަކީ ޤާނޫނީ ކުށެެއް. ބޭނުންވެއްޖެއްޔާ އެމީހަކު ޖަލަށްވެސް ލެވޭނެ. އެހެންވީމަ ޤާނޫނީ ކުށަކަށް އެރުމުގެ ބަދަލުގައި އަމިއްލައަށް ވިސާގެ މުއްދަތު އިތުރުނުވާނަމަ ފުރާވަޑައިގަތުން، ނޫންނަމަ މުއްދަތު އިތުރުކުރަން ދިވެހި އެމްބަސީއަށްވަޑައިގެން ނުވަތަ އެޤައުމެއްގެ އިމިގްރޭޝަނަށް ވަޑައިގެން ވިސާގެ މުއްދަތު އިތުރުކުރުމަށް އަޅުގަނޑުމެން އިލްތިމާސްކުރަން" ބަދޫރާ ސަޢީދު ވިދާޅުވިއެވެ.

ބޭރު ޤައުމުތަކުގައި އުޅޭއިރު އެމީހަކީ ކާކިކަން އެނެގޭނެ އެންމެ މުހިއްމު އައިޑެންޓިޓީއަކީ ޕާސްޕޮޓްކަމަށްވާއިރު، މުއްދަތު ހަމަނުވާ ޕާސްޕޯޓް ގެންގުޅުމާއި، ފާސްޕޯޓްފަދަ މުހިއްމު އައިޑެންޓިޓީތަކަށް ސަމާލުވެ ގެއްލުނަ ނުދިނުމަކީ އެންމެ ސަމާލުވާންޖެހޭ ކަމެއްގެ ގޮތުގައި ފޮރިން މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީ ފާހަގަކުރިއެވެ. އެގޮތުން ހޮޓެލްތަކާއި، އޮޓޯފަދަ ދުއްވާ އުޅަނދުތަކުގައި ޕާސްޕޯޓް ހަނދާންނައްތާނުލުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކުރެއެވެ.

ކޮންމެ ޤައުމަކަށް ދަތުރުކުރާއިރުވެސް އެޤައުމަށް އެތެރެކުރެވޭ ތަކެއްޗާއި އެތެރެނުކުރެވޭ ތަކެތި ދެނެގަތުމަކީ މުހިއްމުކަމެއްކަން ފާހަގަކުރައްވަމުން ފޮރިން މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީ ބަދޫރާ ސަޢީދު ވިދާޅުވީ، މަދު ބަޔަކު ކުރާ ކަމެއްގެ ސަބަބުން ގިނަ ދިވެހިންނަށް ދަތިތަކާ ކުރިމަތިވާނެ ފަދަ ގޮތަކަށް އެއްވެސް ފަރާތަކުން އަމަލުތައް ނުބެހެއްޓުމަކީ ފޮރިން މިނިސްޓްރީގެ ވަރަށްބޮޑު އެދުމެއްކަމަށެވެ.

"
"އަޅުގަނޑުމެން ދިވެހިންނަށް މިއޮންނަނީ ވަރަށް ބޮޑެތި އިމިއުނިޓީސްތަކެއް ރާއްޖެއިން ބޭރުގައި ލިބިފައި. ދެން މަދު ދިވެހިންތަކަށް ކުރެވޭ ކަމެއްގެ ސަބަބުން ދެންތިބޭ ދިވެހިންނަށްވެސް މީގެ ވަރަށް ބޮޑެތި ތަކުލީފުތަކާއި ކުރިމަތިލާންޖެހޭ. ދެން ކޮންމެވެސް އެކަކަށް ކަމެއް ދިމާވީމަ އޭތީ ސްޕްރެޑްވެގެންދާނީ، އެއީ ހަމަ ދިވެއްސަކަށް މިވެނިގޮތެއް ވެއްޖެއޭ. އެހެންވީމަ އޭގެ ސަބަބުން ރަނގަޅަށް ޤާވާޢިދަށް ވަރަށް ގިނަފަހަރު އުނދަގޫތަކާއި ކުރިމަތިލާންޖެހޭ"
ޖޮއިންޓް ސެކްރެޓަރީ ބަދޫރާ ވިދާޅުވިއެވެ.

ރާއްޖެއިން ބޭރުގައި ދިރިއުޅޭއިރުވެސް ވިސާ އާކުރަން ޕާސްޕޯޓް އެމްބަސީގައި ނުވަތަ އެޤައުމެއްގެ އިމިގްރޭޝަންގައި އޮތްނަމަ، ޕާސްޕޯޓް ނެގިކަމުގެ ރިސީޓާއި، ކާކުކަން އަންގައިދޭ އެހެން ލިޔުމެއްގެ ގޮތުގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުފަދަ އައިޑެންޓިޓީތައް ގެންގުޅުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކުރެއެވެ.

އެހެން ކަމުން ބައިނަލް އަޤްވާމީ ދުނިޔޭގައި ދިވެހިންނަށް ލިބިފައިވާ ރީތިނަން ދެމެއްޓުމައް ބޭރުގެ ޤައުމުތަކަށް ދަތުރުކުރާ އަދި އެތަންތަނުގައި ދިރިއުޅޭ ހުރިހާ ދިވެހިންގެވެސް އަމަލުތައް ބެހެއްޓުމަކީ ކޮންމެހެން މުހިއްމުކަމެކެވެ. އަދި ބޭރު ޤައުމުތަކުގައި އުޅޭއިރު ދިވެހިންގްގެ ސަޤާފަތާއި މާތްވެގެންވާ އިސްލާމްދީނުގައި ދައްކަވާފައިވާ ރިވެތި އުސޫލުތަކާއި އިންތައް ފަހަނައަޅާ ނުދިއުމަކީ އަޅުގަނޑުމެންގެ ޤައުމަށްވެސް އަދި ޚުދު ތިމާއަށްވެސް ލިބޭ އުފަލަކަށްމިވަނީ ހަދަން ޖެހިފައެވެ.