ޚަބަރު

ބޮމެއް އޮތްކަމަށްބުނެ އިންޒާރުދިން ފަތުރުވެރިންގެ އަތުން އެޒާތުގެ އެއްޗެއް ނުފެނޭ- ފުލުހުން


ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ފުރަންގޮސް ބޮމެއް އޮތްކަމަށްބުނެ އިންޒާރުދިން ދެ ފަތުރުވެރިންގެ އަތުން އެޒާތުގެ އެއްވެސް އެއްޗެއް ފެނިފައިނުވާކަމަށް ފުލުހުން ވިދާލުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، މިއަދު ހެނދުނު ވީއައިއޭއަށް ފުރަންގޮސްތިބި ސްވިޓްޒަލޭންޑާއި، ސެނަގާލްއަށް ނިސްބަތްވާ ދެ ފިރިހެން ފަތުރުވެރިއަކު ބޮމެއް އޮތްކަމަށްބުނެ އިންޒާރު ދިން މައްސަލައެއް ފުލުހުންނަށް ހުށައަޅާފައިވާކަމަށެވެ. އެ ދެމީހުން އިންޒާރުދިނީ އޭވިއޭޝަން ސެކިއުރިޓީގެ މުވައްޒަފުން އެދެމީހުންގެ ދަބަސް ބަލައި ފާސްކުރަން އުޅުމުންކަމަށް އެމްއޭސީއެލްއާ ހަވާލާދީ ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ އެވަގުތު އެމީހުން ތިބީ މަސްތުގެ ހާލަތުގައިމަށް ބެލެވޭކަމަށާއި، މިމައްސަލައާއި ގުޅިގެން ފުލުހުން ބަލަންޖެހޭކަންކަން ބަލަމުންދާކަމަށެވެ.

އެއަރޕޯޓްތަކުގައި ބޮމެއް ނުވަތަ ގޮވާޒާތުގެ އެއްވެސް އެއްޗެއް އޮތްކަމަށްބުނެ އެފަދަ ވާހަކައެއް ދެއްކުމަކީ ޓެރަރިޒަމްގެ ކުށެކެވެ.