ޚަބަރު

ރ.ރަސްމާދޫގައި އައު އިންޖީނުގެއެއް އެޅުމަށް ބަޔަކާ ހަވާލުކޮށްފި


ރ.ރަސްމާދޫގައި އައު އިންޖީނުގެއެއް އެޅުމުގެ މަސައްކަތްބަޔަކާ ހަވާލުކޮށްފިއެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ ޓައިނީ ނީމޯ ކިޔާ ކުންފުންޏަކާއެވެ.

މި އެއްބަސްވުމުގައި ފެނަކަ ކުންފުނިން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ވަހީދެވެ. އަދި ޓައިނީ ނީމޯގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ޝިޔާމްއެވެ. 5 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 27 ވަނަ ދުވަހުއެވެ. އަދި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހަށެވެ.

ރާއްޖޭގެ އެކި ސަރަޙައްދުތަކުން 27 ރަށެއްގައި ހުރި އިންޖީނުގެތައް މީހުން ދިރިނޫޅޭ ސަރައްޙައްދުތަކަށް ބަދަލުކުރުމުގެ މަސައްކަތް ފެނަކައިން މިހާރުވެސް ގެންދަނީ ކުރަމުންނެވެ.

ފެނަކައިން ފަށާފައިވާ މަޝްރޫޢުތަކަށް ބަލާއިރު ހއ.ތަކަންދޫ، ށ.ޅައިމަގު، ތ.އޮމަދޫގެ އިންޖީނުގޭގެ އާ އިމާރާތުގެ މަސައްކަތުގެ %99 މިހާރު ވަނީ ނިމިފައެވެ. އަދި ނ.މާޅެންދުއާއި ބ.ދޮންފަނުގެ އިންޖީނުގޭގެ މަސައްކަތުގެ %80 ވަނީ ނިމިފައެވެ.

އަލަށް ފެށި މަޝްރޫޢުތަކުގެ ތެރެއިން 8 އިންޖީނުގޭގެ އިމާރާތުގެ %40 މަސައްކަތް ނިމިފައިވާކަމަށް ފެނަކައިން ބުނެއެވެ. 2019 ވަނަ އަހަރުގެ ފަހުކޮޅު އިތުރު 14 ރަށެއްގެ އިންޖީނުގެ އިމާރާތް ކުރުމުގެ ޢަމަލީ މަސައްކަތްވެސް ވަނީ ފަށާފައެވެ. އައު އިންޖީނުގެތައް އިމާރާތް ކުރަނީ އިންޖީނުގެ އަޑު ވީހާވެސް މަޑުވާނެގޮތަށެވެ.

ފެނަކައިން ބުނެފައިވަނީ އައު އިންޖީނުގެތަކުން ޚިދުމަތްދޭން ފަށާއިރު އިދާރީ މަސައްކަތްތަކަށް ބޭނުންވާ ނެޓްވޯކްވެސް އަޕްގްރޭޑް ކުރާނެކަމަށެވެ.