ޚަބަރު

އައި.އެސް.ޑީ.ބީ.ޓީ މަޝްރޫޢާ ގުޅޭގޮތުން ބްރޯޑްކާސްޓިންގ ކޮމިޝަނާއި ޕީ.އެސް.އެމް. މަޝްވަރާކޮށްފި


ރާއްޖޭގައި ޤާއިމުކުރުމަށް ސަރުކާރުން ނިންމަވާފައިވާ “އިންޓަގްރޭޓެޑް ސަރވިސް ޑިޖިޓަލް ބްރޯޑްކާސްޓިން- ޓެރެސްޓްރިއަލް” (އައި.އެސް.ޑީ.ބީ.ޓީ) ނެޓްވޯރކް މަޝްރޫޢުގެ ދަށުން ކުރާ މަސައްކަތްތަކާ ގުޅެގޮތުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނާއި ޕަބްލިކް ސަރވިސް މީޑިއާ (ޕީ.އެސް.އެމް)އާ މަޝްވަރާކޮށްފިއެވެ.

މި މަޝްރޫއަކީ ޖަޕާނު ސަރުކާރުގެ އެހީގައި ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ މަޝްރޫއެކެވެ.
މި މަޝްވަރާ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕީ.އެސް.އެމް.ގެ އިސް އޮފިޝަލުން ވިދާޅުވީ، މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް މާރޗް މަހު ފަށައި، 18 މަސްދުވަހުގެ ތެރޭގައި ޚިދުމަތް ދިނުމަށް ފެށޭނެ ކަމަށެވެ. ތަފާތު ފިޔަވަހި ތަކަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫޢުގައި 18 ރަށެއްގައި ޓަވަރު ޖެހުމަށް ހަމަޖެހިފައިވާ ކަމަށްވެސް ޕީއެސްއެމްގެ އޮފިޝަލް ވިދާޅުވިއެވެ.

މި މަޝްރޫޢު އެންމެ އެދެވިގެންވާ ގޮތުގައި ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް ކޮމިޝަންގެ ދައުރު ވަރަށް ބޮޑުކަމަށް ވިދާޅުވެ، ކޮމިޝަންގެ އެހީތެރިކަމާއި އެއްބާރުލުމަށްވެސް ޕީ.އެސް.އެމް.ގެ އިސް އޮފިޝަލުން އެދިވަޑައިގެންނެވިއެވެ.

ޤުދުރަތީ ކާރިޘާތަކުން ސަލާމަތާއި ރައްކާތެރިކަން ހޯދުމަށް އެހީތެރިވެދޭ، އެމަރޖެންސީ ވޯނިންގ ސިސްޓަމެއް ހިމެނޭ މި ނެޓްވޯކުގައި، ޑިޖިޓަލް ޓީވީގެ ޚިދުމަތާއި، މޮބައިލް ޓީވީގެ ޚިދުމަތްވެސް ލިބޭނެއެވެ.
މިއީ 2021 ވަނަ އަހަރުގެ ކުރީކޮޅު ޑިޖިޓަލް ޓެރެސްޓްރިއަލް ޓެލެވިޜަންގެ ޚިދުމަތް ރާއްޖޭގެ އާބާދީގެ ނުވަދިހަ އިންސައްތައަށް ވުރެ ބޮޑު ބަޔަކަށް ދިނުމަށް ހިންގާ މަޝްރޫއެކެވެ.

ޖަޕާނުގެ ސަރުކާރުގެ އެހީތެރިކަމާއެކު ކުރިއަށް ގެންދާ މި މަޝްރޫއުގެ ސަބަބުން ލޯކަލް ޗެނަލްތައް ސާފުކޮށް ބަލާލެވޭނެއެވެ. މިބައްދަލުވުމުގައި ޕީއެސްއެމްގެ ބައެއް އިސްވެރިންނާއި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.