"މޯލްޑިވްސް ޓްރެވަލް އެޖެންޓްސް ގައިޑް 2020" މާރޗުމަހު އޮންނަ ފަތުރުވެރިކަމުގެ އެންމެ ބޮޑު ފެއަރ، އައިޓީބީ ބާލިން 2020 ގައި ލޯންޗުކުރަން ނިންމައިފިއެވެ.
މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓާޒް، މަޓާޓޯއިން 2019 ވަނަ އަހަރު ލޯންޗުކުރަން ފެށި މޯލްޑިވްސް ޓްރެވަލް އެޖެންޓްސް ގައިޑަކީ ކޮންމެ އަހަރަކު ނެރޭ ގައިޑެކެވެ. މިއީ ރާއްޖޭގެ ޓްރެވަލް އެޖެންޓްސް އަދި ޓުއަރ އޮޕަރޭޓަރުން ކޮންޓެކްޓް މައުލޫމާތު ލިސްޓުކުރެވިދާނެއެވެ. އަދި މީގެއިތުރުން ޓްރެވަލް އެޖެންޓުންނާއި ޓުއަރ އޮޕަރޭޓަރުން ފޯރުކޮށްދޭ ހިދުމަތްތަކާއި ބްރޭންޑުތައް މިގައިޑުގައި އިޝްތިހާރުވެސް ކުރެވޭނެއެވެ.
މަޓާޓޯގެ ރައީސް އަބްދުﷲ ސުއޫދު ވިދާޅުވީ މިއީ ރާއްޖޭގެ ފަތުރުވެރިކަމާބެހޭ ވިޔަފާރިތައް ބައިނަލްއަޤްވާމީ ފަތުރުވެރިކަމާ ގުޅުން ހުރި ޓްރޭޑް ޝޯވތަކުގައި ދައްކާލުމުގެ ފުރުސަތު ދިނުމަށް ނެރޭ ގައިޑެއްކަމަށެވެ.
"މޯލްޑިވްސް ޓްރެވަލް އެޖެންޓްސް ގައިޑް 2020" ގައި ކުންފުނީގެ އިޝްތިހާރާއި، ދެވޭ ހިދުމަތްތައް އިޝްތިހާރުކުރަން ބޭނުންވާ ފަރާތްތަކަށް މަޓާޓޯއިން މިހާރުވަނީ މިފުރުސަތު ހުޅުވާލާފައެވެ. މިގޮތުން މިގައިޑްގައި މަޓާޓޯ މެންބަރުންގެ އިތުރުން މެންބަރު ނޫން ފަރާތްތަކަށްވެސް ލިސްޓު ކުރެވިދާނެއެވެ. އަދި މަޓާޓޯ މެންބަރު ޓްރެވަލް އެޖެންޓުންނާއި ޓުއަރ އޮޕަރޭޓަރުންނަށް މި ގައިޑުގައި ރެޖިސްޓާކުރަން އަގެއް ނުނަގާނެއެވެ. އަދި އިޝްތިހާރު ޖަހަން ބޭނުންވާނަމަ މެންބަރުންނަށް 20 އިންސައްތައިގެ ޑިސްކައުންޓެއް ލިބޭނެއެވެ. މަޓާޓޯ މެންބަރު ނޫން ފަރާތްތަކަށް މި ގައިޑުގައި 1000 ޑޮލަރު ދައްކައިގެން ލިސްޓުކުރުމުގެ ފުރުސަތާއި، އެއް އިޝްތިހާރު ޖެހުމުގެ ފުރުސަތުގެ އިތުރުން 1 އަހަރުގެ މަޓާޓޯ މެންބަރޝިޕް ލިބޭނެއެވެ.
މަޓާޓޯއިން ބުނީ "މޯލްޑިވްސް ޓްރެވަލް އެޖެންޓްސް ގައިޑް 2020"ގެ 5 ހާސް ކޮޕީ ބައިނަލްއަޤްވާމީ އެކި ޓްރެވަލް ޓްރޭޑް އެގްޒިބިޝަންތަކުގައި ބެހުމަށް ހަމަޖެހިފައިވާއިރު، މިގައިޑް މަޓާޓޯ އަދި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީއިން ހިންގާ ހަރަކާތްތަކުގައިވެސް ބެހުމަށް ހަމަޖެހިފައިވެއެވެ. މީގެއިތުރުން މިގެ ޑިޖިޓަލް ގައިޑް އިންޑަސްޓްރީއާ ގުޅުން ހުރި 50 ހާސް މީހުންނާއި ހަމަޔަށް ފޯރުކޮށްދޭނެކަމަށެވެ.
މިއީ މަޓާޓޯއިން ނެރޭ މީގެ ދެވަނަ ގައިޑެވެ. 2012 ވަނަ އަހަރު ވުޖޫދަށްއައި މަޓާޓޯއަކީ ފަތުރުވެރިކަމުގެ ދާއިރާގެ އެވޯޑް ރާއްޖެއަށް ތައާރަފްކުރުމުގެ އިތުރުން ދާއިރާއާ ގުޅުން ހުރި އެކި ބާވަތު ގައިޑާއި އެހެނިހެން ތަކެތި އުފައްދާ، ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމުގައި ހަރަކާތްތެރިވާ އެސޯސިއޭޝަނެކެވެ.