ވިޔަފާރި

ރާއްޖޭގެ ކަލިނަރީ ހުނަރު ދައްކާލުމަށް ވޯލްޑް ޝެފް ވިލެޖުގައި ބައިވެރިވަނީ


ޖަރުމަނު ވިލާތުގައި ބާއްވާ ވޯލްޑް ޝެފްސް ވިލެޖުގައި، ޝެފް ގިލްޑް މޯލްޑިވްސްއިން ބައިވެރިވުމަށް ނިންމައިފިއެވެ.

ވޯލްޑް ޝެފްސް ވިލެޖު ހަރަކާތް ކުރިޔަށް ދާނީ ފެބްރުއަރީ މަހުގެ 14-19 އަށް ޖަރުމަނު ވިލާތުގައެވެ.

ޝެފް ގިލްޑް މޯލްޑިވްސްއިން ބުނީ ވޯލްޑް ޝެފްސް ވިލެޖުގައި އެޖަމިއްޔާގެ ޓީމެއް ބައިވެރިވާނެކަމަށެވެ. އަދި މިއީ ރާއްޖޭގެ ކަލިނަރީ ދާއިރާ ހުނަރުތައް ދައްކާލައި، ފަތުރުވެރިކަންވެސް އިޝްތިހާރުކުރުމުގެ ގޮތުން ބައިވެރިވާ ހަރަކާތެއްކަމަށެވެ.

މީގެ އިތުރުން ވޯލްޑް ޝެފްސް ވިލެޖުގެ ތެރެއިން ބޭއްވުމަށް ހަމަޖެހިފައިވާ ކަލިނަރީ އޮލިމްޕިކްސްގައި ރާއްޖޭގެ ދެ ޝެފެއް އަމިއްލަ ހައިސިއްޔަތުން ބައިވެރިވުމަށް ހަމަޖެހިފައިވާކަމަށް ޝެފް ގިލްޑް މޯލްޑިވްސްއިން މައުލޫމާތުދެއެވެ. މިގޮތުން ސްރީލަންކާގެ ރީޖަނަލް ޓީމާއެކު ރާއްޖޭގެ ޝެފުންކަމަށްވާ އަބްދުލް ރަޝީދު އަދި ޖޫދީ ހާލިދު ކަލިނަރީ އޮލިންޕިކްސްގައި ވާދަކުރުމަށް ހަމަޖެހިފައިވެއެވެ. މިއީ ރާއްޖޭގެ ޝެފުންތަކެއް ކަލިނަރީ އޮލިންޕިކްސްގައި ބައިވެރިވާ ފުރަތަމަ ފަހަރެވެ.

ކަލިނަރީ އޮލިމްޕިކްސްއަކީ ކޮންމެ ހަތަރު އަހަރަކުން ބާއްވާ ހަރަކާތެކެވެ. އަދި މިއީ ދުނިޔޭގެ ފެންވަރުގައި ބާއްވާ މިފަދަ އެންމެ ބޮޑު އެއް ހަރަކާތެވެ.
ވޯލްޑް ޝެފްސް ވިލެޖު އާއި ކަލިނަރީ އޮލިމްޕިކްސް ބާއްވަމުންދާއިރު، 30 ވަނަ އިންޓާގޭސްޓްރާ އިންޓަރނޭޝަނަލް ޓްރޭޑް ޝޯވވެސް ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖައްސާފައެވެ.

ޖަރުމަނުވިލާތުގެ ޝްތުތްގާޓުގައި ބޭއްވުމަށް ހަމަޖެހިފައިވާ 25 ވަނަ ވޯލްޑް ޝެފް ވިލެޖް އަދި ކަލިނަރީ އޮލިމްޕިކްސް އަކީ ދުނިޔޭގެ ފެންވަރުގައި ކަލިނަރީ ދާއިރާއިން ބޭއްވޭ މިފަދަ އެންމެ ބޮޑު އެއް ހަރަކާތެވެ. މިހަރަކާތުގައި 1400 އެގްޒިބިޓަރުންނާއި، 2000 ޝެފުން ބައިވެރިވާއިރު، މިހަރަކާތައް ހަތް ދިހަ އަށްވުރެ ގިނަ ޤައުމުން އެއް ލައްކައަށްވުރެ ގިނަ މީހުން ޒިޔާރަތްކުރާނެކަމަށް ލަފާކުރެއެވެ.

ޖަރުމަނު ވިލާތުގެ ޝެފުންތަކެއް 1896 ވަނަ އަހަރު ވުޖޫދަށް ގެނައި ވޯލްޑް ޝެފްސް ވިލެޖު ހަރަކާތަކީ ޖަރުމަނު ވިލާތުގެ ކެއުން ބުއިން ޕްރޮމޯޓްކޮށް، އެހެން ޤައުމުތަކުގެ ކެއުން ބުއިމުގެ އާދަކާދަތައް ދެނެގަނެ، އާންމުންނަށް އަންގައިދިނުމަށް ކުރިއަށް ގެންދަން ފެށި ހަރަކާތެކެވެ.