އިމާރާތްކުރުމުގެ ސިނާއަތުގައި ރަނގަޅު ކުރަން ހުރި ކަންކަން ކުރިއަށް ވުރެ ހަރުދަނާކަމާއި އެކު ބަލަހައްޓައި އިތުރު ގައިޑްލައިންތައް ހެދުމުގެ މަސައްކަތްކޮށްފައި ވާކަމަށް ޕްލޭނިން މިނިސްޓަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
މާލޭގައި ހަދަމުން ދިޔަ އިމާރާތެއްގެ މަތިން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި މަރުވި، ރައުޝަން ޖިއާންގެ މައިންބަފައިންނާ އިމާރާތްކުރުމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ޖަމިއްޔާތަކާއި އެކު ޕްލޭނިން މިނިސްޓްރީގައި ބޭއްވި ބައްދަލުވުމުގައި، މިނިސްޓަރު އަސްލަމް ވިދާޅުވީ ބަންގްލަދޭޝްއަށް އުފަން ރައުޝަން އަށް ދިމާވި ހާދިސާއަކީ ސަލާމަތާއި ރައްކާތެރިކަމަށް ދޭންވާ ސަމާލުކަން ނުދިނުމުން ދިމާވި ހާދިސާއެއް ކަމަށާއި، އެފަދަ ދެ ވަނަ ހާދިސާއެއް ތަކުރާރުވާން ބޭނުން ނުވާކަމަށެވެ.
އެގޮތުން ޖިއާން މަރުވި ހާދިސާއަށް ފަހު އެ ސިނާއަތުގައި ރަނގަޅު ކުރަން ހުރި ކަންކަން ބަލައި ބެލެހެއްޓުން ކުރިއަށް ވުރެ ހަރުދަނާކޮށް އިތުރު ގައިޑްލައިންތައް ހެދުމުގެ މަސައްކަތްކޮށްފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މަރުވި، ރައުޝަން ޖިއާންގެ މަތިން ހަނދާން ނައްތާނުލާ ކަމަށާއި، ރައުޝަން މަރުވި ހާދިސާއަކީ އިމާރާތް ކުރުމުގެ ސިނާއަތަށް ލިބުނު ފިލާވަޅެއް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ޖީއާންގެ މައިންބަފައިން ވަނީ ޖިއާން މަރުވި ހާދިސާގެ ސަބަބުން ލިބުނު ހިތްދަތިކަން އަދިވެސް ކުޑަ ނުވާ ކަމަށް ބުނެފައެވެ. އުމުރުން އަށް އަހަރުގައި ވެސް ޖިއާނަކީ ވަރަށް ފޮނި ހުވަފެންތަކެއް ދުށް ކުއްޖެއް ކަމަށާއި އޭނާގެ ހަނދާންތައް ފަނޑު ނުވާނެ ކަމަށް ޖިއާންގެ މައިންބަފައިން ބުންޏެވެ.
މި ހާދިސާއާ ގުޅިގެން ޕްލޭނިން މިނިސްޓްރީން ވިދާޅުވީ އިމާރާތްކުރުމުގެ މަސައްކަތް ކުރާ 615 ތަނަށް ޒިޔާރަތްކޮށް އެ ތަންތަނުގެ ހާލަތު ބެލި އިރު، 218 ތަނަށް ދެ ފަހަރަށް ގޮސް ބަލާފައިވާކަމަށެވެ.
ޑަބްލިއު ކޮންސްޓްރަކްޝަނުން މ. ނަލަހިޔާ ކައިރީގައި ހަދަމުން އައި އިމާރާތެއްގެ މަތިން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި ބަންގްލަދޭޝްއަށް އުފަން ޖިއާން މަރުވީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އެ ހާދިސާއާ ގުޅިގެން ޑަބްލިއު ކޮންސްޓްރަކްޝަނާ ދެކޮޅަށް ސަރުކާރުން ފިޔަވަޅު ވެސް އެޅިއެވެ.
އެ ހާދިސާ އަށް ފަހުން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގެ އެންޑް އިންފުރާސްޓްކްޗަރއިންވަނީ އިމާރަތްކުރުމުގައި އަޅަންޖެހޭ ސަލާމަތާއި، ކޮންޓްރެކްޓަރުގެ އާންމު ޒިންމަތަކާއި، އިމާރާތުގެ ވެރިފަރާތުގެ ޒިންމާތަކާއި ދެވޭ އަދަބުތަކާއި ޖޫރިމަނާތައް ބަޔާންކޮށް ގަވާއިދެއް އެކުލަވާލައިފައެވެ.