ޚަބަރު

ރޭގެ އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު މީހުންނަށް ބޯހިޔާވަހިކަމާއި މާލީ އެހީތެރިކަން ދީފި


ގ ޕްރެސައިޑް ގޭގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު ޢާއިލަށްއަށް ބޭނުންވާ އެހީތެރިކަން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޮރިޓީން ފޯރުކޮށްދެއްވައިފިއެވެ.

އެންޑީއެމްއޭއިން ވިދާޅުވީ ރޭގައި ހިނގި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު ފަރާތްތަކަށް ވަގުތުން އެހީތެރިކަން ފޯރުކޯށްދީފައިވާކަމަށެވެ. މިގޮތުން 6 މީހަކަށް ދެ ރޭގެ މުއްދަތަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފައި ވާކަމަށާއި، އަދި އެފަރާތްތަކަށް ބޭނުންވާ އަންނައުނު ގަތުމަށް މިއަދު ފައިސާގެ އެހީ ހަވާލުކުރާނެކަމަށްވެސް އެ އޮތޯރިޓީންވަނީ ބުނެއެވެ. އަންނައުނު ގަތުމަށް ފައިސާ ދޭނީ ބޮލަކަށް 1500 ރުފިޔާގެ މަގުން ކަމުގައިވެސް އެއޮތޯރިޓީން ވިދާޅުވެއެވެ.

ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ވަނީ އަލިފާނުގެ ހާދިސާގައި ލިބުނުގެއްލުން މަރާމާތުކޮށް ވީ އެންމެ އަވަހަކަށް އަލުން ގެއަށް ބަދަލުވުމަށްވެސް އާއިލާގެ ކިބައިން އެދިފައެވެ.

ގަލޮޅު ދަނޑުކައިރީގައި ހުރި އެގޭގައި އަލިފާންރޯވީ އެގޭގެ ފުރަތަމަ ފަންގިފިލާގައި ކަރަންޓް ބޯޑެއްގައި އަލިފާން ރޯވުމުގެ ސަބަބުންނެވެ. މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވިނަމަވެސް އެގޭގެ ދޮންނަ މެޝިނަކަށާއި ކޮޓަރީގެ ތެރޭގައި ހުރި އެހެން ބައެއް ތަކެއްޗަށް ގެއްލުންވަނީ ލިބިފައެވެ.