ޚަބަރު

ހެރިޓޭޖް ޓްރަސްޓް ފަންޑުގައި 1.9 މިލިޔަން ރުފިޔާ


މިދިޔަ އަހަރުގެ ނިޔަލަށް ހެރިޓޭޖް ޓްރަސްޓް ފަންޑުގައި 1.9 މިލިޔަން ރުފިޔާ އެބަހުރިކަމަށް ހެރިޓޭޖް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ އަށް މިނިސްޓްރީ ހިމެނޭހެން "ހެރިޓޭޖް ޓްރަސްޓް ފަންޑް" ކޮމިޓީ އަލުން އެކުލަވާލައި ކޮމިޓީގެ މަސައްކަތްތައް ފަށާފައިވަނީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. މި މަސައްކަތް ފެށުމުގެ ކުރިން އެ ފަންޑުގައި ހުރީ 1039225.08 ރުފިޔާއެވެ އަދި މިދޔަ އަހަރުގެ ތެރޭ އެ ފަންޑަށް 948517.34 ރުފިޔާ ލިބިފައިވާ ކަމަށް ހެރިޓޭޖް މިނިސްޓްރީން ވިދާޅުވިއެވެ. އަދި މިދިޔަ އަހަރުގެ ނިޔަލަށް 1987742.42 ރުފިޔާ ލިބިފައިވާ ކަމަށްވެސް ހެރިޓޭޖް މިނިސްޓްރީން ވިދާޅުވެއެވެ.

މި ފަންޑުގައި ހުރި ފައިސާއަކީ ޖަމިއްޔާ ޖަމާތްތަކުންނާއި، ވިޔަފާރިތަކުންނާއި، އެނޫންވެސް ފަރާތްތަކުން ރާއްޖޭގެ ތަރިކަ ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ހަދިޔާކޮށްފައިވާ ފައިސާއެވެ. މީގެ އިތުރުން ޤައުމީ ދާރުލް އާސާރާއި، ހއ.އުތީމު ގަނޑުވަރުން ޓިކެޓް ވިއްކައިގެން ލިބޭ ފައިސާވެސް މީގެ ތެރޭގައި ހިމެނެއެވެ.
ހެރިޓޭޖް މިނިސްޓްރީން ވަނީ ހެރިޓޭޖް ޓްރަސްޓް ފަންޑް ކޮމިޓީއެއްވެސް އެކުލަވާލާފައެވެ. މިއީ ތަރިކަ ހިމާޔަތްކުރުމާއި، ރައްކާތެރި ކުރުމަށް ކުރާ މަސައްކަތުގައި ޚިޔާލު ހޯދައި، ކަމާއި ގުޅޭ އިދާރާތަކުން ހެރިޓޭޖް ކުރިއެރުވުމަށް ކުރެވޭނެ މަސައްކަތްތައް ބެލުމަށްޓަކައި އެކުލަވާލާފައިވާ ކޮމިޓީއެކެވެ.

ހެރިޓޭޖް ޓްރަސްޓް ފަންޑް ކޮމިޓީގައި ހިމެނެނީ މިނިސްޓްރީ އޮފް އަރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް، މިނިސްޓްރީ އޮފް ޓޫރިޒަމް، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ، މިނިސްޓްރީ އޮފް ހޯމް އެފެއާޒް، މިނިސްޓްރީ އޮފް އެންވަޔަރަންމެންޓް، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓާއި، މިނިސްޓްރީ އޮފް ފިނޭންސްއެވެ.

ހެރިޓޭޖް ޓްރަސްޓް ފަންޑް ކޮމިޓީ އެކުލަވާލުމުގެ މަޤްސަދަކީ، ތަރިކައާއި ސަޤާފަތް ޙިމާޔަތް ކުރުމުގެ މަސައްކަތަށް ބޭނުންވާ ފައިސާ ހޯދާނެގޮތާއި، ތަރިކަ ޙިމާޔަތްކުރުމަށް ލިބޭ ފައިސާ އެންމެ އެދެވޭ ގޮތުގައި ބޭނުންކުރާނެ ގޮތްތަކާއި ގުޅޭގޮތުން، މަސައްކަތްތަކުގެ ޒިންމާ އޮންނަ މިނިސްޓްރީތަކުގެ ލަފާ ހޯދައި، މަސައްކަތްތަކަށް ޢަމަލީ ސިފަ ގެނައުމެވެ.

ތަރިކަ ޙިމާޔަތްކުރުމަށް ކުރާ މަސައްކަތުގެދަށުން ހެރިޓޭޖް މިނިސްޓްރީން މިހާރުވަނީ ރާއްޖޭގައި ހުރި އާސާރީ ތަރިކަ ތަކުގެ ލިސްޓެއް އެކުލަވާލާފައެވެ. މި ލިސްޓުގައި 400 އަށްވުރެ ގިނަ ތަންތަން ހިމެނެއެވެ.