ޚަބަރު

ކޯވިޑް-19: ޗައިނާއިން ރާއްޖެއަށް އެހީވާނެ ގޮތްތަކާމެދު ދަނީ މަޝްވަރާކުރަމުން


ކޯވިޑް-19ގެ ނުރައްކަލުން އަރައިގަތުމަށް ގުޅިގެން މަސައްކަތްކުރުމުގެ މަޝްވަރާތަކެއް ރާއްޖެއާއި ޗައިނާއާ ދެމެދު ކުރިއަށްދާކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންވާ ސަފީރު ޒާންގ ލިޒޮންގ ވިދާޅުވެއްޖެއެވެ.

ސަފީރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ މިހާރު ފެތުރެމުންދާ ވައިރަސްއާ ބެހޭގޮތުން ރާއްޖޭގެ ޙާލަތާ ގުޅޭގޮތުން ސަރުކާރާއެކު ވަރަށް ގާތުން މަޝްވަރާކުރަމުން އަންނަކަމަށެވެ. އަދި ދެޤައުމުންވެސް އަންނަނީ މިދަނޑިވަޅުގައި އެހީތެރިކަން ފޯރުކޮށްދެވޭނެ ދާއިރާތައް ދެނެގަތުމުގެ މަސައްކަތް ކުރަމުންކަން ސަފީރުވަނީ ފާހަގަކުރައްވާފައެވެ. އަދި ކޯވިޑް-19ގެ ސަބަބުން ޗައިނާއަށް އެންމެ ދަތިވި ދަނޑިވަޅުގައި ރާއްޖެއިން ވެދިން އެހީތެރިކަން ޗައިނާއިން ހަނދާން ނުނެތޭކަމަށާއި އެކަމުގެ ބަދަލެއްގެ ގޮތުންވެސް ރާއްޖެއަށް އެހީތެރިކަން ބޭނުންވެއްޖެ ހިނދެއްގައި އެކަމުގެ ފުރިހަމަ އެއްބާރުލުން ޗައިނަގެ ފަރާތުން ލިބޭނެކަމުގެ ފުރިހަމަ ޔަގީންކަން ސަފީރުވަނީ ދެއްވާފައެވެ.

މިދިޔަ ޑިސެމްބަރު މަހު ޗައިނާގެ ވޫހާން ސިޓީން ފެނުނު ކޯވިޑް-19ގެ ޙާލަތު ޗައިނާގައި ނުރައްކާ މިންވަރެއްގައި އޮތުމަށްފަހު އެޤައުމުގެ ޙާލަތު މިހާރުވަނީ ރަނގަޅުވާން ފަށާފައެވެ. އެގޮތުން ޗައިނަގައި ވައިރަސް ފެތުރި ފަރުވާ ބޭނުންވާ މީހުންގެ ޢަދަދު ބޮޑުތަނުން އިތުރުވުމާއި ގުޅިގެން އެޤައުމުގެ ސަރުކާރުން ތަރައްޤީކުރި ވަގުތީ ހޮސްޕިޓަލްތައްވެސް މިހާރު ބަންދުކުރަން ވަނީ ފަށާފައެވެ.

ޗައިނާއިން މިހާރު އެޤައުމުގައި ވައިރަސް ކޮންޓްރޯލް ވުމާއެކު އަންނަނީ ވައިރަސްގެ އަސަރު އިތުރުވަމުން އަންނަ ސަރަޙައްދުތަކަށް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައެވެ. އެގޮތުން ޢީރާނާށާއި އިޓަލީއަށްވެސް ޗައިނާގެ ޑޮކްޓަރުންގެ ޓީމުތައް ގޮސް އަންނަނީ މަސައްކަތްކުރަމުންނެވެ. އަދި މިދަނޑިވަޅުގައި މިކަމުގައި އެހީތެރިކަން ބޭނުންވާ ޤައުމުތަކަށް އެކަމުގައި ޗައިނާގެ ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ޗައިނާ ސަރުކާރުންވަނީ ދީފައެވެ.

ޗައިނާގެ ޙާލަތު ޢާއްމު ޙާލަތަކަށް ގެނައުމަށް ޗައިނާ ސަރުކާރުން މަސައްކަތްކުރަމުން އަންނައިރު މިހާރު ވައިރަސްގެ ނުރައްކާ އެންމެ ބޮޑުވެފައިވަނީ އިޓަލީގައެވެ. އެގޮތުން އެޤައުމުވަނީ މިހާރު ވަގުތީ ގޮތުން ޤައުމަށް ވަދެ ނިކުތުން ވަނީ ހުއްޓުވާފައެވެ. ޑަބްލިއުއެޗްއޯއިން މިވައިރަސްއަކީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ބަލިމަޑުކަމެއްގެ ގޮތުގައިވަނީ ކަނޑައަޅާފައެވެ. މިހާތަނަށް ވައިރަސްގެ އަސަރު އެއްލައްކަ އަށާރަހާހަށް ވުރެ ގިނަ މީހުނަށްވަނީ ކޮށްފައެވެ. ޗައިނާގެ ބޭރުން ދުނިޔޭގެ 113 ޤައުމަކުން ވައިރަސްވަނީ މިހާތަނަށް ފެނިފައެވެ.