ޚަބަރު

އިންޑިއާގެ ޞިއްޙީ މާހިރުންނާއި ޚިދުމަތްތެރިން ރާއްޖެ އަތުވެއްޖެ


އިންޑިއާގެ ޞިއްޙީ މާހިރުންނާއި ޚިދުމަތްތެރިން ހިމެނޭ 14 މެމްބަރުންގެ ޚާއްސަ ޓީމެއް ރާއްޖެ އަތުވެއްޖެއެވެ.

މިއީ ކޯވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖެއިން ކުރާ މަސައްކަތުގައި އެހީވުމަށްޓަކާ އިންޑިއާ ސަރުކާރުން ފޮނުވާފައިވާ ޓީމެކެވެ. މި ޓީމުގައި ނޭވާލާ ނިޒާމުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރުންނާއި، ހޭނެއްތުމަށް ޚާއްސަ ޑޮކްޓަރުންނާއި، ފިޒީޝަނުންނާއި ލެބޯޓްރީ ޓެކްނީޝަނުންވެސް ހިމެނޭ ކަމަށް އިންޑިއާ ހައިކޮމިޝަނުން ވިދާޅުވެއެވެ.

އިންޑިއާގައި ކޯވިޑް-19 ފެތުރެން ފެށުމާއެކު އެ ޤައުމުން ބޭސް އެކްސްޕޯޓްކުރުން ވަގުތީގޮތުން ހުއްޓާލާފައިވީނަމަވެސް ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގާތްގުޅުމުގެ ސަބަބުން ރާއްޖެއަށް ބޭނުންވާ ބޭސް ފޯރުކޮށްދިނުމަށް އިންޑިއާ ސަރުކާރުން ނިންމާފައިވާ ކަމަށް އިންޑިއާގެ ހައިކޮމިޝަނުން ވިދާޅުވެއެވެ.

އިންޑިއާއިން ރާއްޖެއަށް ދޭ ބޭހުގެ އެހީގެ ދަށުން 3 މަސްދުވަހަށް ބޭނުންވާ ޒަރޫރީ ބޭސް ރާއްޖެއަށް ލިބޭނެކަމުގެ ޔަޤީންކަން އިންޑިއާ ސަރުކާރުން ދީފައިވާ ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.

ކޯވިޑް-19 އާ ގުޅިގެން އިންޑިއާއިން އޮންއެރައިވަލް ވިސާ ދޫކުރުން ހުއްޓާލާފައި އޮތް ނަމަވެސް، ދެގައުމުގެ ދެމެދުގައި އޮންނަ ގާތް ގުޅުމަށް ރިއާޔަތްކޮށް، ދިވެހިންނަށް ލުއި ދޭން ވެސް އިންޑިއާ ސަރުކާރުން ވަނީ ނިންމާފައެވެ.

މީގެ އިތުރުން ކޯވިޑް-19 އާ ގުޅިގެން ރައްކާތެރިވާން ބޭނުން ކުރާ ބައެއް ސާމާނު އެމެރިކާއިންވަނީ މިއަދު ރާއްޖެއަށް ހަދިޔާ ކޮށްފައެވެ. އެމެރިކާއިން ސްރީލަންކާ އާއި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖެއިން އެދުމާ ގުޅިގެން ކޯވިޑް-19 މެނޭޖްކޮށް އެ ވައިރަސްއިން ރައްކާތެރިވުމުގެ ގޮތުން 400 ކޮވަރޯލްއާއި ބޫޓާއި އަންގި ހަދިޔާ ކޮށްފައިވާކަމަށެވެ.

މިތަކެތި ހަވާލު ކުރީ ރާއްޖޭގެ ގައުމީ ދިފާއީ ބާރު، އެމްއެންޑީއެފްއާއެވެ. އެމެރިކާއިން ބައެއް ވަސީލަތްތައް ރާއްޖެއަށް ހަދިޔާ ކުރިއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައި ވަނީ ކޯވިޑް-19 އާ ގުޅިގެން އެކުވެރި ބައެއް ގައުމުތަކުގެ އެހީ ލިބޭނެ ކަމުގެ ފެހި ސިގްނަލް އެ ގައުމުތަކުން ދީފައިވާ ކަމަށެވެ.

ރާއްޖޭން ކޯވިޑް-19 ފެނުމާ ގުޅިގެން ކުރިއަށް އޮތް 30 ދުވަހަށް ވަނީ ޞިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކޮށްފައެވެ.