ވިޔަފާރި

ކޯވިޑް-19 : އައިލެންޑް އޭވިއޭޝަންގެ މުވައްޒަފުން ދެން މަސައްކަތަށް ނިކުންނާނީ ހަފުތާއަކު 3 ދުވަހު


ކޯވިޑް-19 އާ ގުޅިގެން އައިލެންޑް އޭވިއޭޝަން ސަރވިސަސްގެ މަސައްކަތްތަކަށް ބަދަލުގެނެސްފިއެވެ.

މިހާރު ދުނިޔޭގައި ފެތުރެމުންދާ ކޯވިޑް-19އާއި ގުޅިގެން އައިލެންޑް އޭވިއޭޝަންގެ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިޔަށް ގެންދިއުމަށްޓަކައި މިއަދުން ފެށިގެން މުއައްޒަފުން ވަޒީފާއަށް ނުކުންނާނީ ގުރޫޕްތަކަކަށް ބަހާލައިގެން ކަމަށް އެ ކުންފުނިން ބުނެއެވެ. އެގޮތުން ކޮންމެ ގުރޫޕެއްވެސް މަސައްކަތަށް ނިކުންނާނީ ހަފުތާއަކު ތިން ދުވަހުކަމަށާ، އަނެއް ދެ ދުވަހު މުއައްޒަފުން ތިބޭނީ "ސްޓޭންޑްބައި" ޑިއުޓީއެއްގައި ކަމަށްވެސް އައިލެންޑް އޭވިއޭޝަނުން ބުނެއެވެ.

އައިލެންޑް އޭވިއޭޝަނުން ބުނީ މި ބަދަލާއެކު އެއްވެސް މުވައްޒަފެއްގެ މުސާރައާއި އިނާޔަތްތަކަކަށް އެއްވެސް ބަދަލެއް ނާންނާނެކަމަށެވެ.

މި ބަދަލުގެންނަން ނިންމީ އެ ކުންފުނީގެ ގިނަ މުވައްޒަފުންނަކީ ކޮންމެ ދުވަހަކު އެތައްބަޔަކާ ބައްދަލުވެ މަސައްކަތްކުރާ ބަޔަކަށްވާތީ، އެއްވެސް ސަބަބެއް މެދުވެރިވެ، ކުންފުނީގެ މުވައްޒަފަކަށް ނުވަތަ މުވައްޒަފުންތަކަކަށް މަސައްކަތަށް ނުނިކުމެވޭފަދަ ޙާލަތެއް މެދުވެރިވިނަމަވެސް ރައްޔިތުންނަށް ދޭ ޚިދުމަތް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމުގެ ބޭނުމުގައިކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެއެވެ.

މީގެ އިތުރުން އެކުންފުނީގެ ޚިދުމަތް ދޭ ގަޑިތަކަށްވެސްވަނީ ބަދަލުގެނެސްފައެވެ.
އެގޮތުން:

ޓިކެޓް އޮފީސް

  • އާދިއްތައިން ބުރާސްފައްޗަށް ހެނދުނު 08:30އިން މެންދުރު ފަހު 3:30އަށް
  • ހުކުރު ހޮނިހިރު ބަންދު،

ކޯލްސެންޓަރު / ވައިބަރ ޕްލެޓްފޯމްގެ ޚިދުމަތް

  • ހޮނިހިރުން ބުރާސްފައްޗަށް ހެނދުނު 08:00އިން އިރުއޮއްސި 06:00އަށް
  • ހުކުރު ދުވަހު މެންދުފުރު ފަހު 2:00އިން ރޭގަނޑު 08:00 އަށް


އައިލަންޑް އޭވިއޭޝަނުން ދޭ ޚިދުމަތް ހުއްޓާނުލައި، ޤައުމީ ޚިދުމަތުގައި "މޯލްޑިވިއަން" ދެމިއޮންނާނެކަމުގެ ޔަޤީންކަން އެކުންފުނިން ދެއެވެ.