ކޯވިޑް-19 އިން ރައްކާތެރިވުމަށް ކުރެވިދާނެކަންކަން މިފަހަރު މިކިޔައިދެނީ ލަވަޔަކުންނެވެ.
ސައުތު އެފްރިކާގެ ކޮޔާ ގުރޫޕަކުން ތައްޔާރުކޮށްފައިވާ މިލަވައިގައި ވަނީ ކޯވިޑް-19 ވައިރަހުން ރައްކާތެރިވުމަށް ފަރުދީ ހައިސިއްޔަތުން ކުރެވިދާނެކަންކަން ވަރަށް ފުރިހަމަކޯށް ކިޔާދީފައެވެ.
މި ލަވައިގެ ތެރެއިން ވަނީ ބަލިން ރައްކާތެރިވުމަށް ކުރެވިދާނެކަންކަން ހަރަކާތާއެކު ކިޔާދީފައެވެ. މިގޮތުން ގިނަ ގިނައިން އަތް ދޮވުމާއި މޫނުގައި އަތް ނުލުމާއި ކެއްސާނަމަ ނިވާކޮށްގެން ކެއްސުމަށް ލަވައިގާ ވަނީ ބާރުއަޅާފައެވެ. އަދި ބަލި ޖެހިއްޖެނަމަ ނުވަތަ ބަލީގެ އަލާމަތެއް ފެނިއްޖެނަމަ ސީދާ ޑޮކްޓަރަށް ނުގޮސް ކަމާބެހޭ ފަރާތައް ގުޅުމަށް ލަވައިގައި ބުނެއެވެ.
މީގެ އިތުރުން ކޯވީޑް-19 އިން ސަލާމަތްވުމަށް ނުވަތަ އެބަލިން ރައްކާތެރިވުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ސައުތު އެފްރިކާގެ ކޮޔާ ގުރޫޕަކުން ތައްޔާރުކޮށްފައިވާ މިހޭލުންތެރިކަމުގެ ލަވަޔަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ ސެކެޓްރީ ޖެނެރަލް ޓެޑްރެސް އަދްނޯމް ގެބްރިޔޭސިސް ވަނީ ވަރަށް ބޮޑަށް ތަޢުރީފްކޮށް ޝުކުރު އަދާކޮށްފައެވެ. އޭނާކުރި ޓުވީޓެއްގައި ވަނީ މި ބަލިން ސަލާމަތްވުމަށް އެންމެން ގުޅިގެން މަސައްކަތް ކުރެވޭނެކަން ފާހަގަކުރައްވާފައެވެ.
2019ވަނަ އހަރު ޗައިނާއިން ފެނުނު ކޯވީޑް-19 މިހާރު ދުނިޔޭގެ އެކި ޤައުމުތަކަށް ފެތުރި އެތައްބަޔަކަސް ވަނީ ޖެހިފައެވެ. އަދި މިބަލީގައި އެތައް ބަޔަކު ވަނީ މަރުވެފައެވެ. މިހާތަނަށް މި ބައްޔަށް ވަކި ފަތުވާއެއް ހޯދިފައި ނެތެވެ. އެހެންކަމުން މި ބަލިން ރައްކާތެރިވެ ސަލާމަތް ވުމަށް އޮތް އެންމެ ބޮޑު ގޮތަކީ އާއްމު ސާފުތާހިރުކަން އިސްކުރުމެވެ.