އިންޓަރނެޓް މެދުވެރިކޮށް ފައިނޭންޝަލް ސްކޭމް، ނުވަތަ އޮޅުވާލައިގެން ފައިސާ އަތުލުމުގެ މުޢާމަލާތް
ހިންގަމުންދާކަމަށް އިންޓަރޕޯލުން އަންގާފައިވާކަމަށާ، އެކަމަށް ސަމާލުވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވިދާޅުވީ ކޯވިޑް-19އާ ގުޅިގެން ރައްޔިތުންގެ އެތައް ބަޔަކު ކަންބޮޑުވުމެއްގައި އުޅެމުންދާ ދަނޑިވަޅެއްގައި ބައެއް ކުށްވެރިން ދުނިޔޭގެ އެކިކަންކޮޅުތަކުގައި ތިބި މީހުންނަށް އޮޅުވާލައިގެން އެކިގޮތްގޮތަށް އިންޓަރނެޓް މެދުވެރިކޮށް ފައިސާ ފޭރިގަތުމުގެ މުޢާމަލާތް ހިންގަމުންދާކަން އިންޓަރޕޯލުން އެޖަމްޢިއްޔާގެ ހުރިހާ މެމްބަރު ޤައުމުތަކަށް އަންގާފައިވާކަމަށެވެ.
މިގޮތުން ސަރޖިކަލް މާސްކާއި އެހެނިހެން ބޭސްފަރުވާގެ ޑިމާންޑު ބޮޑުވެ މިތަކެތި ފިހާރަތަކުން ލިބުމުގައި ދަތި ދުވަސްވަރެއްގައި، އިންޓަރނެޓް މެދުވެރިކޮށް ފޭކް ފިހާރަތައް ހިންގަމުންދާކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި ފޭކު ވެބްސައިޓްތަކާއި ސޯޝަލް މީޑިއާ އެކައުންޓްތަކާއި އަދި މިފަދަ ތަކެތި ވިއްކާކަމަށް ދަޢުވާކުރާ އީމެއިލް އެޑްރެސްތައް މިދުވަސްވަރު އިތުރުވެފައިވާކަން އިންޓަރޕޯލުން ވަނީ ޤައުމުތަކުގެ ސަމާލުކަމަށް ގެނެސްފައެވެ. ފުލުހުން ވިދާޅުވީ ޢާއްމުން އޮންލައިންކޮށް ގަންނަ މާސްކާއި އެހެނިހެން މެޑިކަލް ސަޕްލައިތައް ނުލިބި އެމީހުންގެ ފައިސާތައް އޮންލައިންކޮށް ކުށްވެރިންނަށް ގެއްލޭ މިންވަރު އިތުރުވެފައިވާކަން އިންޓަރޕޯލުން ފާހަގަކޮށްފައިވާކަމަށެވެ.
މި ދުވަސްވަރު އޮންލައިންކޮށް ތަކެތި ގަންނަނަމަ، ތަކެތި ގަންނަ ކުންފުންޏާއި ވެބްސައިޓްތަކަކީ ސައްޙަ ވެއިބްސައިޓެއްތޯ ކަށަވަރުކުރެއްވުމަށް ފުލުހުން އިލްތިމާސްކުރައްވައެވެ.