ވިޔަފާރި

ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފަތުރުވެރިން ޒިޔާރަތްކުރާ އަދަދު މިއަހަރު %30 ދަށްވާނެ


ކޯވިޑް-19 ގެ ސަބަބުން މިއަހަރުގެ ތެރޭގައި ދުނިޔޭގެ އެކި ހިސާބުތަކަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ބޮޑުތަނުން ދަށްވާނެކަމަށް ވޯލްޑް ޓޫރިޒަމް އޮގަނައިޒޭޝަން، ޑަބްލިއުޓީއޯ އިން ހާމަކޮށްފިއެވެ. އެ އިދާރާއިން ބުނެފައިވަނީ މީގެ ސަބަބުން ކުންފުނިތަކަށްވެސް ބޮޑު ގެއްލުމަކާއި ކުރިމަތިލާން ޖެހޭނެކަމަށެވެ.

ދުނިޔޭގެ އެކި ހިސާބުތަކުގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް 19 ގެ ސަބަބުން ގިނަ ޤައުމުތަކެއް މިހާރު ވަނީ ލޮކްޑައުންކޮށްފައެވެ. އަދި ވައިގެމަގުންނާއި ކަނޑުމަގުން އަދި އެއްގަމުމަގުން ކުރަމުންއައި ދަތުރުތައް ވަނީ ހުއްޓުމަކަށް އައިސްފައެވެ.

ކޮންމެ އަހަރަކުވެސް ދުނިޔޭގެ އެކި ކަންކޮޅުތަކަށް އެތައް ބިލިއަން ފަތުރުވެރިންނެއް ދަތުރުކުރަމުން އަންނައިރު ދުނިޔޭގެ ފަތުރުވެރިކަމަށް މިއަހަރުގެ ތެރޭގައި ބޮޑު ގެއްލުމަކާއި ކުރިމަތިލާންޖެހޭނެކަން ޑަބްލިއުޓީއޯއިން ވަނީ ހާމަކޮށްފައެވެ. އެ އިދާރާއިން ބުނީ 2019 ވަނަ އަހަރާއި އަޅާބަލާއިރު މިއަހަރުގެ ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު 20 އިންސައްތައާއި 30 އިންސައްތައާއި ދެމެދުގެ އަދަދަކަށް ދަށްވެގެންދާނެކަމަށެވެ. މި އަންދާޒާއަކީ މިހާރުގެ ހާލަތަށްބަލައި އަންދާޒާކޮށްފައިވާ އަދަދެކެވެ. ނަމަވެސް މިއަދަދު ބަދަލުވުމަކީވެސް އެކަށީގެންވާކަމެކެވެ.

މި ތަފާސް ހިސާބަށްބަލައި މިއަހަރު ފަތުރުވެރިކަމަށް 300 ބިލިއަން ޑޮލަރާއި 450 ބިލިއަން ޑޮލަރުގެ ގެއްލުމެއް ލިބޭނެކަމަށް އަންދާޒާކުރެވެއެވެ. މިއީ މިދިޔަ އަހަރުގެ ތެރޭގައި ފަތުރުވެރިކަމަށް ލިބުނު 1.5 ޓްރިލިއަން ޑޮލަރުގެ ފައިދާއަށް ބަލާއިރު 3 ބައިކޮށްފައި އެއްބައި ގެއްލުމެވެ. އަދި ކޯވިޑް19 ގެ ސަބަބުން ފަތުރުވެރިކަމަށް ފާއިތުވެދިޔަ 5 އަހަރުގެ ތެރޭގައި ލިބުނު ކުރިއެރުން ގެއްލި އެތައް ގުނަ ފަހަތަށް ދުނިޔޭގެ ފަތުރުވެރިކަން ވެއްޓިގެންދާނެ ކަމަށް ޑަބްލިއުޓީއޯއިން ވިދާޅުވެއެވެ.

ދުނިޔެއަށް އެކިފަހަރުގެ މަތިން ދިމާވާ މިފަދަ ކާރިސާތަކުގެ ސަބަބުން ދުނިޔޭގެ ފަތުރުވެރިކަމަށްވެސް އޭގެ އަސަރުދަނީ ކުރަމުންނެވެ. އެގޮތުން 2003 ވަނަ އަހަރު ފެތުރުނު މާރސްގެ ސަބަބުން ވެސް ދުނިޔޭގެ ފަތުރުވެރިކަން 0.4 އިންސައްތަ ދަށަށް ދިޔައެވެ. އެހެންކަމުން ދުނިޔޭގެ ފަތުރުވެރިކަމުގައި މަސައްކަތްކުރާ އެކި ޖަމިއްޔާތަކުން ވިދާޅުވަނީ ކޯވިޑް 19ގެ ސަބަބުން ހީވެސް ނުކުރާ މިންވަރަށް ފަތުރުވެރިކަމަށް ގެއްލުން ލިބިގެންދާނެކަމަށެވެ.

ކޯވިޑް19 ގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއަށް ލިބެމުން އަންނަ ގެއްލުންތައް ކުޑަކުރުމަށް ޑަބްލިއުޓީއޯ އިން އަންނަނީ ކަމާގުޅުންހުރި ފަރާތްތަކާއެކު މަޝްވަރާ ކުރަމުންނެވެ.