ޚަބަރު

މިނިވަން 50 ހުޅުދާން ބަގީޗާ ހުޅުވައިފި


މިނިވަން ފަންސާސް ހުޅުދާން ބަގީޗާ ހުޅުވައިފިއެވެ. މި ބަގީޗާ ހުޅުވައްދެއްވީ ރައީސުލް ޖުމުހޫރިއްޔާގެ އަނބިކަންބަލުން ފާތުމަތު އިބްރާހީމެވެ.ރާއްޖޭގެ މިނިވަންކަމަށް ފަންސާސް އަހަރު ފުރުމުގެ ރަންޔޫބީލް ފާހަގަކުރުމުގެ ގޮތުން މިނިވަން ފަންސާހުގެ އޮފީހުގެ ބެލުމުގެ ދަށުން ސަލްޓަން ޕާކްގެ ތެރޭގައި އާޓްގެލެރީ އާއި ކަޅުވަކަރު މިސްކިތާ ދެމެދުގައި އޮންނަ ހުސް ބިމުގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހަދާފައިވާ ލެޑް ޕާކް ނުވަތަ ހުޅުދާން ބަގީޗާއަކީ، ލެޑް ލައިޓް ބޭނުންކޮށްގެން ރާއްޖޭގައި ހަދާފައިވާ މިފަދަ ފުރަތަމަ ބަގީޗާއެވެ.ހުޅުދާން ބަގިޗާ ހުޅުވައިދެއްވުމަޓަކައި ސަލްޓަންޕާކުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ރައީސްގެ ދެކަނަބަލުންގެ އިތުރުން ނައިބްރައީސް އަހްމަދު އަދީބް އަދި ކެބިނެޓްގެ ވަޒީރުންނާއި ގިނަ އަދަދެއްގެ އާންމުރައްޔިތުން ބައިވެރިވިއެވެ. ގިނަ އާޓިފިޝަލް ގަސްތަކާއި އެކު ޒީނަތްތެރިކޮށްފައިވާ މި ޕާކުގައި ލެޑް ލައިޓުން ތައްޔާރުކޮށްފައިވާ 80 ގަސް ހިމެނެއެވެ. މިރަސްމިއްޔާތުގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ބަގީޗާ ތައްޔާރުކުރެއްވުމަށް ކުރި މަސައްކަތުގެ އަގުވަޒަންކޮށް އެސަރވިސްއަށް ރައީސުލްޖުމުހޫރިއްޔާ ހަނދާނީ ފިލައެއްވަނީ އަރުވާފައެވެ.މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވީ ހުޅުދާން ބާގީޗާ ތައްޔާރުކުރުމުގެ މަސައްކަތް ކަސްޓަމްސްއިން ކޮށްފައިވަނީ ވަރަށް އަވަސް މުއްދަތެއްގައި ހަމަ އެހާމެ ފުރިހަމަކޮށްކަމަށެވެ. ތަފާތު ކުލަތަކުގެ ތަފާތު ޑިޒައިން ތަކުގެ ލެޑް ލައިޓް ބޭނުންކޮށްގެން ޒީނަތްތެރިކޮށްފައިވާ މި ބަގީޗާ ރައީސުލްޖުމުހޫރިއްޔާގެ ދެކަނބަލުން ބައްލަވާލެއްވުމަށްފަހު ސަލްޓަންޕާކުގައި ބޭއްވި ސްޓޭޖް ޝޯއެއްވެސް ރައީސްގެ ދެކަންބަލުން ބައްލަވާލެއްވިއެވެ. މީގެއިތުރުން މިނިވަން ރަންޔޫބީލް އަދި ޖަމާލުއްދީން ސްކޫލަށް 30 އަހަރު ފުރުމާއި ގުޅިގެން ހަދާފައިވާ ލަވަ ސީޑީއެއް ރައީސްގެ އަނބި ކަނބަލުންވަނީ ނެރެދެއްވާފައެވެ.އިއްޔެ ހަވީރުން ފެށިގެން އާންމުނަށް ވަދެވޭ ގޮތަށް ހަދާފައިވާ މި ބަގީޗާއަށް ރޭގަނޑުގެ ވަގުތުތަކުގައިވެސް ގިނަ އަދަދެއްގެ އާންމު އާއިލާތަކާއި ކުޑަ ކުދިންނާއި އެކު މިޕާކަށް އައިސް ފޮޓޯ ނެގުމާއި، ހިތްހަމަޖައްސާލުމާއި އުފާކުރަމުންދާއިރު، ސަރުކާރުންވަނީ ޖުލައި ސައްބީހަށްފަހުވެސް ހުޅުދާން ބަގީޗާ ދާއިމީކޮށް އާންމުނަނަށް ފެންނާނެހެން ބޭއްވުމަށް ނިންމާފައެވެ. އެގޮތުން އެތަނުގައި ކާޕެޓް އަޅައި، މިހާރަށްވުރެ ރީތިކޮށް ބޭއްވުމަށް ހަމަޖެހިފައިވެއެވެ.